ކޮވިޑު-19 އިން ރައްކާތެރިވާން ވެކްސިން ޖެހުމަށް ހިތްވަރުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިންގައި ސްކޫލުތައް ބައިވެރިވެ ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މައުލޫމާތު ދޭނެ ކަމަށެވެ. "#ދަރިވަރުންނަށްރައްކާތެރިކަން" ނަމުގައި ގެންދާ ކެމްޕެއިނުން ދޭން ބޭނުންވާ މެސެޖަކީ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމެވެ.
ބަލިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ބާރު އަޅައި ކެމްޕެއިނެއް ފެށިއިރު، އެޑިއުކޭޝަން މިިނިސްޓްރީން ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލުތަކަށް ވަދެ، ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ކަނޑައަޅައިފަ އެވެ.
އެހެންވެ، ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ އެންމެން ވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ތައުލީމީ ދާއިރާގެ ގިނަ މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ގިނަ ދަރިވަރުންނަށް ކިޔަވައި ދީފައި ވަނީ އޮންލައިންކޮށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ފިޔަވައި އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1 އިން ފެށިގެން ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދެ އެވެ. އެހެންވެ، ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ކަވަރުކޮށްދިނުމަށް، މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ހަ މަސް އިތުރުކުރަން ނިންމި އެވެ.
ބޮޑު ބަންދަކަށް ފަހު އަންނަ އަންގާރަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނެ އެވެ. މިނިސްޓްރީން ނިންމާފައިވަނީ ކޮވިޑުގެ ކުރިން، އާއްމު ހާލަތުގައި ކިޔަވައިދިން ގޮތަށް ކުރިއަށްދާށެވެ.