ސްޓެލްކޯ އަށް އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި ހުރި މުދާތައް ނަގައިގެން މާލޭ ސިޓީ ކައުންސިލުން ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތު އެ ކުންފުނިން ކޮށްފި އެވެ.

މާލެ ސަރަަހައްދަށާއި ބައެއް ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދޭ ކުންފުނީގެ އޮފިޝަލަކު މީޑިއާގައި މިއަދު ވިދާޅުވީ، އެ ކުންފުނީގެ މުދާތައް ސިޓީ ކައުންސިލުން ނެގީ އެންގުމަކާ ނުލައި މިދިޔަ ބޮޑު ޗުއްޓީ ބަންދުގެ ތެރޭގައި ކަމަށެވެ. ސްޓެލްކޯގެ ބިމުގައި ހުރި ފެންސުތައް ނަގައި ކައުންސިލްގެ ބިމެއްގައި އެ ފެންސްތައް ޖަހާފައިވާ ކަމަށް ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ސްޓެލްކޯގެ ބޭނުމަށް ސީސީޓީވީ ކެމެރާ ހަރުކުރަން ބަހައްޓާފައި ހުރި ތަކެތި ވެސް ވަނީ ގެއްލިފަ އެވެ.

"އަޅުގަނޑުމެން މި ތާނގައި ފެންސް ޖަހައި، ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ވެސް ގާއިމު ކޮށްފައިވީ. އެހެން ނަމަވެސް މި ބަންދުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މި ތަނުގައި ހުރި ފެންސުތައް ކަނޑާ ނަގާފައި، ޓިނުތައް ނައްޓައި ހޮޅިތަކާ އެއްޗެހި ނަގައި އެ އެއްޗެހިތައް ބޭނުންކޮށްގެން މާލެ ސިޓީ ކައުންސިލުން ވަނީ މި ބިމާ ޖެހިގެން އޮތް ބިމުގައި ފެންސް ޖަހާ ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.

ސްޓެލްކޯގެ ބިން މިހާރު އޮތް ގޮތް: ފެންސުތައް ވަނީ ނައްޓާފައި-- ފޮޓޯ:މިހާރު
ސްޓެލްކޯގެ ބިން މިހާރު އޮތް ގޮތް: ފެންސުތައް ވަނީ ނައްޓާފައި-- ފޮޓޯ:މިހާރު

ސްޓެލްކޯ އިން ބުނީ، މި މައްސަލަ މިހާރު ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައި ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ ބިމުގައި ފެންސު ޖެހުމުގެ މަސައްކަތް ހުއްޓާލަން ފުލުހުން ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯ އަށް އިންޑަސްޓްރިއަލް ވިލެޖުން 21،000 އަކަފޫޓުގެ ބިމެއް ދޫކުރީ އެ ކުންފުނީގެ ބެކަޕް ޕަވާ ހައުސް އަކާއި ބެކަޕް ބެޓަރީ ސްޓޯރެޖެއް ހެދުމަށެވެ. އެ ބިން ލެވެލްކޮށް ސާފު ކުރުމަށް ވެސް އެ ކުންފުނިން ފަސް ލައްކަ ރުފިޔާ ހޭދަކުރި އެވެ.

މި ބިމުގައި ބެކަޕް ޕަވާ ހައުސްގެ އިތުރުން ގްރިޑް ޕްރޮޖެކްޓުގެ ދަށުން ތިލަފުއްޓާއި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅުވައިލަން ބޭނުންވާ 132 ކިލޮވޮޓުގެ ސަބްސްޓޭޝަނެއް ވެސް ބަހައްޓާނެ އެވެ. މި ސަބްސްޓޭޝަން އަޅާނީ ތިލަމާލެ ބްރިޖާއެކުގަ އެވެ.

ސްޓެލްކޯ އިން ކުރާ ތުހުމަތުތަކާ ގުޅިގެން ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.