ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ޑީއާރުޕީން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 16.3 މިލިއަން ރުފިޔާ ދައްކަން ނުޖެހޭ ކަމަށް ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
އާމިރު ހިންގާ ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް ޖުމުލަ 4.04 މިލިއަން ރުފިޔާ އެ ޕާޓީން ދައްކަން ޖެހެ އެވެ. އެ ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ ވަނީ އަރައިފަ އެވެ.
އާމިރު، އެ ފައިސާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ވެއްދުމުން އެ ކޯޓުން ވަނީ ޖޫރިމަނާގެ ފައިސާ 15.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ޑީއާރުޕީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށް ހުކުމްކޮށް ސިވިލް ކޯޓުންގެ ނިންމުން ބަދަލު ކޮށްފަ އެވެ.
ބޮޑު ޖޫރިމަނާއެއް އުނި ކުރަން ހައި ކޯޓުން ނިންމީ ޖޫރިމަނާ ކުރެވޭނެ ވާހަކަ އިންވޮއިސްތަކުގައި އޮތް އިރު އިންވޮއިސްގައި ބަޔާން ކޮށްފައިވާ މުއްދަތުގެ ފަހުން އާމިރު ފައިސާ ބަލައިގަތް ނަމަވެސް ޖޫރިމަނާގެ ފައިސާ އަތުލާފައި ނުވާތީ އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން ބުނީ، އިންވޮއިސްގައި ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށް ބުނެފައިވާ އިބާރާތަކީ ފައިސާ ލިބެންވާ ފަރާތަށް އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުލިބިއްޖެ ހާލަތެއްގައި ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށް ހިމަނާފައިވާ އިބާރާތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ފައިސާ ނުދައްކައިފި ނަމަ އުގޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ އިބާރާތަކަށް ވުމުން އެއީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓިތައް އުފެދިގެން އައިއިރު، ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދި ޑީއާރްޕީ އަކީ މިނޫން ވެސް އެހެން ގިނަ ދަރަނިތަކެއް އޮތް ޕާޓީއެކެވެ. އެ ޕާޓީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.