ސްކޫލުގައި ނާސްތާ ދިނުން މެދުކަނޑާލީ ދަރިވަރުންގެ ރައްކާތެރިކަން މުހިއްމު ވާތީ ކަމަށާއި އެކަމަކު ނާސްތާ ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ނާސްތާ ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ދުވަސްވަރު ނާސްތާ މެދުކަނޑާލީ ވެސް ސްކޫލުން ބޭރުގައި ތައްޔާރުކުރާ ކާ އެއްޗެހި ދަރިވަރުންނަށް ދިނުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކޮވިޑުގެ ހާލަތުން ސަލާމަތް ވެވުމުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލުން ނާސްތާ ދޭން ފަށާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުގެ ދަށުން ސަރުކާރުގެ ހަރަދުގައި ސްކޫލުތަކުގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށީ 2019 ގަ އެވެ.

އެކަމަކު ރާއްޖޭގައި ކޮވިޑު ފެތުރެން ފެށުމާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނާސްތާ ޕްރޮގްރާމް މެދުކަނޑާލައިފަ އެވެ. އަދި ދަރިވަރުންނަށް ގޭގައި ރަނގަޅަށް ނާސްތާ ދިނުމަށް ފަހު ސްކޫލަށް ފޮނުވުމަށާއި ބޯނެ ފެން ވެސް ގެއިން ހިފައިގެން ދިއުމަށް ބެލެނިވެރިންނަށް އެންގި އެވެ.

މިދިޔަ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، މިދިޔަ ޖޫން މަހު ސްކޫލުތައް ޗުއްޓީ އަށް ދިއުމާ ހަމައަށް ނާސްތާ ދީފައެއް ނުވެ އެވެ.

ނާސްތާ ޕްރޮގްރާމް މެދުކަނޑާލި ނަމަވެސް ސްކޫލުތަކުގައި ގިނަ އަދަދެއްގެ ކިރު ޕެކެޓުތައް ހުރުމާއި އޯޑަރު ދީފައިވާ ކިރު ޕެކެޓް ހުރުމުން އެ ތަކެތި ސްކޫލުތަކުގައި ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން، ބޭނުންވާ ދަރިވަރުންނަށް އެ ކިރު ޕެކެޓްތައް ނާސްތާ ގަޑީގައި ދޭނެ ކަމަށް ބުންޏެވެ.