ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް މަސައްކަތްކުރަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު "މިހާރު" އަށް ވިދާޅުވީ އަލީ ވަހީދު މި ވަގުތު ހުންނެވި އިނގިރޭސިވިލާތުގެ ފުލުހުންނާ ގުޅިގެން ވެސް އޭނާ ރާއްޖެ ގެނެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވަން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ވަނީ ޣައިރު ހާޒިރުގައި މިދިޔަ ބުދަ ދުވަހު ހުކުމް ކޮށްފަ އެވެ.
އެ ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަންސްއިން ވަނީ އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.
ކަރެކްޝަންސްގެ މީޑީއާ އޮފިޝަލު ވިދާޅުވީ، އަލީ ވަހީދު ގެނައުމުގެ ކަންކަން ކޮށްދިނުމަށް އެދި ފުލުހުންނަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މީގެ ކުރިން ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއްކޮށްފައި އޮއްވައި، މީހަކު ޖާމިނުކޮށްފައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ކޯޓުން ހުއްދަ ދިނުމުން ފުރާވަޑައިގެންނެވި ގޮތަށް އެނބުރިވަޑައިގެންފައި ނުވެ އެވެ.
އަލީ ވަހީދު އަނބުރާ ވަޑައިނުގަތުމުން އަދި އުޅޭ ތަނެއް ނޭނގޭތީ ޗިޓު ހަވާލު ނުކުރެވެމުން އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލަ ވެސް ކުރިއަކަށް ނުގެންދެވުނެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމީ ޣައިރު ހާޒިރުގައި އެ މައްސަލަ ނުބެލޭނެ ކަމަށެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓުގައި އޮތް އޭނާގެ ޝަރީއަތް ވެސް އޭނާ އުޅޭ ތަނެއް ނޭނގިގެން މަޑު ޖެހުނެވެ. ނަމަވެސް، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް އޮންލައިންކޮށް ބާއްވައިދޭން އެދުމުން އެގޮތަށް ބާއްވަން ވަނީ ފައްޓައިފަ އެވެ.