ވެސްޓް މިޑްލޭންޑްސް (އޮގަސްޓް 29) - ވުލްވާހެމްޓަން ވޮންޑަރެސް (ވުލްވްސް)ގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އިނގިރޭސި ފުޓްބޯޅައިގައި ރަށުން ބޭރުގައި މެޗަކުން ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ޓީމުގެ ރެކޯޑް މެންޗެސްޓާ ޔުނައިޓެޑުން މުގުރާލައިފި އެވެ.

ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ކާމިޔާބުކޮށް ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ކުޅުނު މެޗުތަކުގައި ބަލި ނުވެ 28 މެޗު ފުރިހަމަކޮށްފަ އެވެ. ކުރިން މި ރެކޯޑް އޮޮންނަނީ ވާދަވެރި އާސެނަލް އަތުގަ އެވެ.

އިނގިރޭސި ފުޓްބޯޅައިގައި ރަށުން ބޭރުގައި ބަލި ނުވެ ފުރިހަމަ ކުރި އެންމެ ދިގު ޓްރެކްް

- މެންޗެސްޓާ ޔުނައިޓެޑް 28 މެޗު (2020-2021)

- އާސެނަލް 27 މެޗު (2003-2004)

- އާސެނަލް 23 މެޗު (2001-2002)

- ލިވަޕޫލް 21 މެޗު (2019-2020)

- ނޮޓިންހަމް ފޮރެސްޓް 19 މެޗު (1977-1978)

ޔުނައިޓެޑުން މި ރެކޯޑް ފެށީ މިދިޔަ ސީޒަންގައި ލަންޑަންގެ ސްޓެމްފޯޑް ބްރިޖުގައި ޗެލްސީއާ ދެކޮޅަށް 2-0 އިން މޮޅުވި މެޗުންނެވެ. އޭގެ ފަހުން ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ކުޅުނު މެޗުތަކުން 18 މެޗުން މޮޅުވެ 10 މެޗު އެއްވަރުކޮށްފަ އެވެ. ޔުނައިޓެޑުން ރަށުން ބޭރުގައި އެންމެ ފަހުން ބަލިވީ މިދިޔަ އަހަރު ޖެނުއަރީ 19 ގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިންނެވެ.

ގްރީންވުޑް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަސް
ގްރީންވުޑް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަސް

މިރޭގެ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް މޭސަން ގްރީންވުޑް ޔުނައިޓެޑަށް ލީޑު ނަގައިދިނެވެ. ނަމަވެސް ޔުނައިޓެޑުގެ ސަޕޯޓަރުންގެ ދުލުން ބޭރު ވަމުން ދިޔައީ އެންމެ ނަމެކެވެ. "ކްރިސްޓިއާނޯ ރޮނާލްޑޯ.. ކްރިސްޓިއާނޯ ރޮނާލްޑޯ" އެވެ.

މެޗަށް ޔުނައިޓެޑްގެ ސަޕޯޓަރުން ދިޔައީ އެ ކްލަބުގެ ތާރީހުގައި އެ ޓީމަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނާ ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވުމުގެ އުފާވެރި ޚަބަރާ އެކު އެވެ.

ޔުނައިޓެޑުން ލީޑު ނެގުމުގެ ކުރިން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ވުލްވްސްގެ މޮރޮކޯގެ މިޑްފީލްޑާ ސައިސް އަށް ލިބުނެވެ. ދެފަހަރެއްގެ މަތިން ވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ޑޭވިޑް ޑެހެއާ ދިފާއު ކުރި އެވެ.