މެންޗެސްޓާ (ޑިސެމްބަރު 3) - މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗު، ރަލްފް ރަންގްނިކުގެ އިރުޝާދުގެ ދަށުން އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.
އާ އަހަރު ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ވުލްވްސް އާ ވާދަކޮށް ރޭ ބަލިވީ 1-0 އިންނެވެ. މި މެޗުގެ ކުރިން ރަންގްނިކް ޔުނައިޓެޑަށް އިރުޝާދު ދިން ހަ މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ.
މިއީ ވުލްވްސް އިން 1980 ވަނަ އަހަރަށް ފަހު އޯލްޑް ޓްރަފޯޑުގައި ޔުނައިޓެޑް ބަލިކުރި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާ އެކު ވުލްވްސް ވަނީ 18 މެޗުން 25 ޕޮއިންޓް ހޯދައި، ހަތްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ހަ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ޔުނައިޓެޑާއި ހަތަރު ވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ތަފާތެވެ. އާސެނަލް ވަނީ ޔުނައިޓެޑަށް ވުރެ އެއް މެޗް އިތުރަށް ކުޅެފަ އެވެ.
ވުލްވްސް އިން ވަނީ މެޗުގައި މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އަދި ދެވަނަ ހާފުގައި އެޓީމުގެ ރޯމެއިން ސައިސް ފޮނުވާލި ހިލޭޖެހުމެއް ވަނީ ގޯލް ދަނޑިއާ ވެސް އަމާޒުވެފަ އެވެ.
ޔުނައިޓެޑަށް ގޭމުގެ ތެރެއަށް ވަދެވުނީ ދެވަނަ ހާފުގައި އެޓީމުގެ ބްރޫނޯ ފެނާންޑޭޒް ކުޅެން އެރުވި ހިސާބުންނެވެ. ބްރޫނޯގެ ހަމަލާއެއް ވުލްވްސްގެ ގޯލު ދަންޑިއާ އަމާޒުވީ އެވެ. ބްރޯނޯ ނަގައިދިން ހިލޭ ޖެހުމަކުން، މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ވެސް ޖެހި އެވެ. ނަމަވެސް އޭނާ ހުރީ އޮފްސައިޑު މަގާމެއްގަ އެވެ.
ވުލްވްސް އިން ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނިޓުގަ އެވެ. އެޑަމާ ޓްރައޯރޭ ނަގައިދިން ހުރަހެއް ޔުނައިޓެޑްގެ ޑިފެންޑަރު ފިލް ޖޯންސް ބޮލުން ދިފާއުކުރުމުން އޭރިއާ ބޭރުގައި ހުރި ވުލްވްސްގެ ޕޯޗުގީޒް މިޑްފީލްޑަރު ޔާއޯ މުޓީނިއޯ ވަނީ އެއްފަހަރުން ޖަހައި ގޯލުތެރެއަށް ފޮނުވާލައިފަ އެވެ.
މި މެޗަކީ ޔުނައިޓެޑްގެ ފިލް ޖޯންސް 2020 ވަނަ އަހަރު ޖެނުއަރީ މަހަށް ފަހު އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
ޔުނައިޓެޑުން ވަނީ މެޗުގެ އެންމެ ފަހު ވަގުތުގައި ނަތީޖާ އެއްވަރުކުރަން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ވުލްވްސްގެ ފަބިއޯ ސިލްވާ އެޓީމުގެ އޭރިއާ ކައިރިން ފިލް ޖޯންސް އަށް ކުރި ފައުލަކަށް ލިބުނު ހިލޭޖެހުމުން ބްރޫނޯ ފޮނުވާލި ނުރައްކާތެރި ހަމަލާ، ވުލްވްސްގެ ކީޕަރު ޖޯސޭ ސާ ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.