ހދ. ނޮޅިވަރަމްގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު އެކަށީގެންވާ ވަރަށް ސިއްހީ ވަސީލަތްތައް ނެތުމުން އެ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މައްސަލަ ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ ނޮޅިވަރަމްގެ އާބާދީގައި 2،770 އަށް ވުރެ ގިނަ ކަމަށާއި މިއަދާ ހަމަޔަށް 202 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެ ރަށުގެ ސިއްހީ މަރުކަޒުގައި ދުއްވާނެ އެމްބިއުލާންސެއް ނެތް ކަމަށާއި ކޮވިޑްގެ ބަލި މީހުން އުފުލަން ސިއްހީ މަރުކަޒުން ބޭނުންކުރަމުން އަންނަނީ ޕިކަޕެއް ކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި ނޮޅިވަރަމްގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ތިން މީހަކަށް ވެސް ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަ ކަމަށް ވެސް މޮސްޓާ ވިދާޅުވި އެވެ.
"މިކަމަކީ ބަލި މީހުންނަށް އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާއިރު މިކަމަށް ހައްލެއް ހޯދުމަށް ވަނީ އިންތިހާއަށް ބޭނުންވެފައި،" އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމްގެ އިތުރުން އާބާދީ 1،900 އަށް ވުރެ ގިނަ ނޮޅިވަރަންފަރުގައި ވެސް ކޮވިޑް ވަރަށް ބާރަށް ފެތުރެމުންދާ ކަމަށް މޮސްޓާ ވިދާޅުވި އެވެ.
އެހެންކަމުން އެ ދެ ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި ހޯދައިދީ، ސިއްހީ ދާއިރާގެ ގާބިލް ފަރާތްތައް ވީހާ ވެސް އަވަހަށް ފޮނުވައި ދެއްވުމަށް މޮސްޓާ ގޮވައިލެއްވި އެވެ.
މި މައްސަލަ ވަނީ މަޖިލީހުގެ 32 މެންބަރުންގެ ވޯޓާ އެކު މަޖިލީހަށް ބަލައިގަތުމަށް ފާސްވެފަ އެވެ.