ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ 70 އަށްވުރެ ގިނަ ވެންޓިލޭޓަރަށް ދިވެހި ސަރުކާރުން ފައިސާ ދެއްކުމަށްފަހު ވެސް އެ ތަކެތި ނުލިބުމުން ދުބާއިގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދުނީ 2.1 މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ވެންޓިލޭޓަރު ނުލިބުމުން އޭގެ ބަދަލު ހޯދަން އެގްޒެކިއުޓާސް އަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ސިޓީ ފޮނުވައި އެކަން ނިންމަން 30 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ބަދަލެއް ކަމަށް ނުބުނެ އެވެ.
ބަދަލު ހޯދަން ހުށަހެޅުމަށް ހެލްތު މިނިސްޓްރީން އެދިގެން އޮޑިޓު އޮފީހުން ހާއްސަ އޮޑިޓެއް ވެސް ހެދި އެވެ. އެނގިފައިވާ ގޮތުގައި، އެ އޮޑިޓުން ލިބުނު ގެއްލުން ބަލައި ސަރުކާރުން އެދިފައިވަނީ 2.1 މިލިއަން ޑޮލަރު ނަގައިދޭށެވެ.
އެ ފައިސާ ދެއްކުމަށް އެގްޒިކިއުޓާސް އަށް ދީފައިވާ މުއްދަތު އަންނަ ހުކުރު ދުވަހު ހަމަވާނެ އެވެ. އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބިއްޖެ ނަމަ އެވެ.
ސަރުކާރުން ވަނީ ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން ބާތިލްކުރުމަށް މިިދިޔަ މެއި ދެވަނަ ދުވަހު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ނޯޓިސް ފޮނުވައިފަ އެވެ. އެޓާނީ ޖެނަރަލް (އޭޖީ) ގެ އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނީ އެޑްވާންސް ޕޭމަންޓް ނިންމާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުންޏަސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެންޓިލޭޓަރުތައް ނުލިބޭ ކަމަށެވެ.
އެހެންވެ، އެއްބަސްވުމުގައިވާ ގޮތަށް ސަޕްލަޔަރު މުދާ ފޯރުކޮށްނުދީފި ނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވާތީ ޓާމިނޭޝަން ނޯޓިސް ފޮނުވީ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ ދެމެދު އެއްބަސްވީ މިދިޔަ އަހަރުގެ އޭޕްރީލް 2 ގަ އެވެ. އެ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ނަމަވެސް އަދިވެސް 65 ވެންޓިލޭޓަރެއް ނުލިބެ އެވެ. އެކަމަކު އެ އެއްޗެހި ގެންނަން އެއްބަސްވި 34 މިލިއަން ރުފިޔާގެ ތެރެއިން، އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއަކާ ނުލާ 30 މިލިއަން ރުފިޔާ ދީފައިވެ އެވެ.