ރާއްޖޭގައި ހުންނަ އައިއެސް ޖަމާއަތުގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ މުހައްމަދު އަމީން ކޯޓުގައި
16 ސެޕްޓެމްބަރ 2021 - 14:23
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީނަށް، ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރަން ހައި ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް ނިންމީ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން ވެސް ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން ކުރި އަމުރަކަށް މައްސަލަ ބެލުމަށް ފަހުގަ އެވެ.
އަމީން މިނިވަންކޮށްފައި މި ވަނީ އޭނާ ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުންނެވެ.
ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެކެވެ. އަދި އޭނާ އަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.
އިންޓެލިޖެންސް ރިޕޯޓުތަކާއި މޯބައިލް ފޮރެންސިކް ރިޕޯޓަކާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓަކާއި ޓެކްޓިކަލް އިންޓެރޮގޭޝަން ރިޕޯޓެއް އަދި ސިއްރު ލިޔުންތަކެއްގެ ގޮތުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކެއްގެ ލިޔުންތަކަކާއި އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކޮށްފައިވާ ބްރީފެއް އަމީނާ ދެކޮޅަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އަމީން މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރެ އެވެ.
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ރާއްޖޭން ބޭރަށް ގޮސްފަ އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު ދޫކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީރު
17 September 2021
މިހާރުގެ ޕީޖީ ޝަމީމް އަކީ މިގައުމުގެ ޖިނާއީ އަދުލުގެ ނިޒާމް ހަރާބު ކުރާ މީހަކީ
މޮހިތު
16 September 2021
ޓެރަރިސްޓުންނާއި ޑްރަގް ސްމަގުލް ކުރތާމީހުން ސަލާމަތްވާ ގޮތެއް ހޯދަން އެބަޖެހޭ..!
ރާޖް
16 September 2021
ސަލާމަތްވަނީ ކަމަކަށް ކަމެއްކޮށްލައްވާ ޕްރޮސްސެކިޔުޓަރަކާއިހެދި