ކަނޑަށް އެޅުނު ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރު ވުމުން އެތަން ބަންދުކޮށް ސާފުކުރަން ފަށައިފި އެވެ.
މުޅި މޫދު ކަޅުތެލުން ތަޣައްޔަރުވެ މިހާރު އޮތީ ރާޅުޖަހާ ހިސާބު ވެލިގަނޑު ވެސް ކަޅުވެފަ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި މިއަދު ހަވީރުން ފެށިގެން ރަސްފަންނަށް ކަޅުތެޔޮ ވަންނަމުން ދިޔަ އެވެ.
ރަސްފަންނު ބަންދުކޮށް ސިފައިން މިހާރު އަންނަނީ އެބްޒޯބެންޓް ޝީޓް ބޭނުންކޮށްގެން ތެޔޮތައް ނަގައި ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ. ސިފައިން ބުނީ ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތެޔޮ ޖަމާވެފައި އެބަހުރި ކަމަށާއި އެކަމުގެ ރިޕޯޓް އިރުއޮއްސި 6:30 ގައި ލިބުމާ އެކު ތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކަޅުތެޔޮ އެޅިފައި ވާތީ ރަސްފަންނުގެ އައިޖީއެމްއެޗް ދިމާލުން މިހާރު އޮތީ ބަންދުކޮށްފަ އެވެ.