ކޮވިޑް-19 އިން ރައްކާތެރިވުމަށް 22،000 އަށް ވުރެ ގިނަ ދަރިވަރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ 218 ސްކޫލެއްގެ 35،989 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ވަނަ ޑޯޒު ފުރިހަމަކުރީ 141 ސްކޫލަކުން، 22،093 ދަރިވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑު ވެކްސިން ދޭން ފެށީ މިދިޔަ މަހުގެ 15 ގަ އެވެ. އެ އުމުރުގެެ 40،000 ދަރިވަރުން ވެކްސިން ޖަހާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވެކްސިން ފުރިހަމަކުރުމުން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް އަލުން ފަށާށެވެ. އޭގެ އިތުރުން، ސްކޫލުތަކަށް ވަދެ ނުކުމެވޭނީ ވެކްސިންގެ ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ނިންމާފައި ވާތީ ސްކޫލުތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު ޑޯޒުތައް ފުރިހަމަކޮށްފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ކިޔަވައިދިނީ އޮންލައިން ކޮށެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، މިދިޔަ މަހުގެ 10 ވަނަ ދުވަހު ފެށި ދިރާސީ އާ އަހަރާ އެކު ހުރިހާ ކުދިން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.

މިހާތަނަށް 390،00 އަށްވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 331،405 މީހުން ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.