ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ނަޝީދަށް ދިން ހަމަލާ: ތަހުމީނާއި މުޖާޒް ދައުވާތަކަށް އިންކާރު

ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމް --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި ދައުވާކޮށްފައިވާ ތަހުމީން އަހުމަދާއި މުޖާޒު އަހުމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އެ ދެ މީހުން މިއަދު އިންކާރުކޮށްފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ތަހުމީނާއި މުޖާޒުގެ އިތުރުން އަލީ ހައިޝަމްގެ ބައި ކުރިއަށްގެންދިޔައީ ވަކި އަޑުއެހުންތަކެއްގެ ގޮތުގަ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް ވަކީލަކު ހަމަޖައްސަން ހައިޝަމަށް 10 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އޭނާއަށް އަދިވެސް ވަކީލަކު ހަމައެއް ނުޖެއްސެ އެވެ. އެހެންވެ، އޭނާގެ އެދުމުގެ މަތިން ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ އިތުރު ފުރުސަތެއް ދީ، މިއަދު ކުރިއަށްގެންދިޔައީ ވަކީލުންނާ އެކު ހާޒިރުވެ ތިބި ތަހުމީނާއި މުޖާޒުގެ ބަ އެވެ.

ހައިޝަމް ބުނި ގޮތުގައި، މައްސަލައިގެ ބޮޑުކަމުން އޭނާއަށް ވަކީލަކު ހަމަޖައްސަން ދައްޗެވެ. އެކަމަކު، މިހާރު ވަކީލުންގެ ޝޯޓްލިސްޓެއް ހަދާފައިވާ ކަމަށާއި، ބެންޗުން ދެއްވި މުއްދަތުގެ ތެރޭގައި ވަކީލަކު ހަމަޖެހޭނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

ތަހުމީނާއި މުޖާޒުގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިއަދު ދައުލަތުން ހުށަހަޅައި ދައުވާތައް ސާފުވޭތޯ ބެންޗުން ސުވާލު ކުރި އެވެ. އެ ދެ މީހުން ވެސް ބުނީ ދައުވާ ސާފުވާ ކަމަށެވެ.

ތަހުމީން އަހުމަދު:

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

އަލީ ހައިޝަމް:

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން، އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

މުޖާޒު އަހުމަދު:

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

ދައުވާތަކަށް ޖަވާބުދާރީ ވަނީ ކިހިނެއްތޯ، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދު ސުވާލު ކުރެއްވުމުން، އިސްތަށިގަނޑު ވިހުރުވާލައިގެން ހުރި ތަހުމީން ކޮޅަށް ތެދުވެ ބުނީ ދައުވާތަކަށް އިންކާރުކުރާ ކަމަށެވެ. ސަބަބެއް ބަޔާންކުރަން ގާޒީ އެދިވަޑައިގަތުމުން ބުނީ، އޭނާ އިންކާރު ކުރީ ނުކުރާ ކަމެއްގެ މައްޗަށް ދައުވާކޮށްފައިވާތީ ކަމަށެވެ.

އަދުހަމް ފިލަން އެހީވި ކަމަށް ދައުލަތުން ބުނާ މުޖާޒު ދައުވާއަށް ޖަވާބުދާރީވަނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން، އޭނާ ވެސް ބުނީ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި ދައުވާތަކުގައި ވަނީ އޭނާއަށް ނޭނގޭ ކަންތައްތަކެއް ކަމަށް ބުންޏެވެ.

ދައުލަތުން ތަހުމީނާ ދެކޮޅަށް 113 ޝަފަހީ ހެކި އަދި 86 ކިތާބީ ހެކި ހުށަހަޅާފައިވެ އެވެ. އަދި މުޖާޒުއާ ދެކޮޅަށް 103 ޝަފަހީ ހެކި އަދި 80 ކިތާބީ ހެކި ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި 24 ސިއްރު ހެކި ހިމެނެ އެވެ.

ދައުލަތުގެ ޝަފަހީ ހެކީގެ ތެރޭގައި، ފުލުހުންގެ އޮފިޝަލުންނާއި، އެމްއެންޑީއެފްގެ އޮފިޝަލުންނާއި، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ބޭފުޅުންނާއި، ރައީސް ނަޝީދަށް ފަރުވާ ދިން ޑޮކްޓަރުންނާއި، ބައެއް އާންމުން ހިމެނެ އެވެ.

އެހާ ގިނަ ހެކިވެރިންތަކެއް ދައުލަތުން ހުށަހެޅުމުން، އެ އެންމެންގެ ހެކިބަސް ނަގަން ޝަރީއަތުގެ ގިނަ ވަގުތުތަކެއް ހޭދެވަގެންދާނެތީ ގާޒީ އާދަމް އެދިވަޑައިގަތީ، ދިފާއުން އިންކާރު ނުކުރާ ކަންކަން ސާބިތު ކުރަން ހެކިވެރިންތަކެއް ހުށަހަޅާފައިވާ ނަމަ އެ ހެކިވެރިންތަކެއް އުނިކޮށްގެން މައްސަލަ ކުރިއަށްގެންދިޔުމަށެވެ. އެކަމަކު، މިއަދު އެކަމާ މެދު ގޮތެއް ނުނިމެ އެވެ.

މި ތިން މީހުންގެ ބަންދު މުރާޖައާކުރުން ވެސް މިއަދު ކުރިއަށްދިޔަ އެވެ. ބެންޗުން ނިންމީ ތިން މީހުންގެ ވެސް ބަންދު ދަމަހައްޓާށެވެ. އަދި ރިމާންޑު ޖަލުތަކަށް ބަދަލު ނުކުރާ ކަމުގެ ޝަކުވާ ކުރާތީ އެންމެ އަވަހަށް ރިމާންޑު ޖަލަކަށް ބަދަލު ކުރެވޭނެ ތާރީހެއް ދިނުމަށް ވެސް އެދުނެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްގެ ޕްރޮސެކިއުޓަރަކު ވެސް ޕީޖީ އޮފީހުގެ ވަކީލުންނާ އެކު އެ އަޑުއެހުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި އޭނާ އަކީ އެ އޮފީހުން އެކި ކަންކަމުގައި ފަންނީ ލަފާ ހޯދަން ހަމަޖައްސާފައިވާ ކޮންސަލްޓެންޓެކެވެ. މިއަދު އޮތް އަދުހަމް އަހުމަދު ރަޝީދުގެ މައްސަލައިގެ އަޑުއެހުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.

އިސްހާގުގެ ޝަރީއަތް ސިއްރު ކުރަން އެދުނު

ތަހުމީން މުޖާޒު އަދި ހައިޝަމްގެ އަޑުއެހުމަށް ފަހު، އިސްހާގާއި ފަހުމީ އަލީ އަދި މުހައްމަދު ނާޒިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި އިސްހާގުގެ ފަރާތުން ވާހަކަ ދެއްކެވީ ވަކީލު އަހުމަދު ޔާމީން އެވެ. ފަހުމީއާއި ނާޒިމްގެ ވަކީލުންނެއް ނެތެވެ.

އިސްހާގު: ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

- ފަހުމީ އަލީ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

- މުހައްމަދު ނާޒިމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

އިސްހާގުގެ ވަކީލު އަހުމަދު ޔާމީން މިއަދު އެދިވަޑައިގަތީ އޭނާގެ ޝަރީއަތް ސިއްރު ކުރާށެވެ. އޭނާ ވިދާޅުވި ގޮތުގައި މީޑިއާތަކުން ޝަރީއަތުގެ ހަބަރުތައް އެންމެ އެކަށީގެންވާ ގޮތަކަށް ނުގެނެސްދެ އެވެ. އަދި ޝަރީއަތްތައް ރިޕޯޓު ކުރުމުގެ ސަބަބުން ޝަރީއަތަށް ނޭދެވޭ ނުފޫޒު ފޯރުމުގެ އިހްތިމާލު އޮތް ކަމަށް އޭނާ ވިދާޅުވި އެވެެ.

އަޑުއެހުން މެދުކަނޑާލައްވައި 30 މިނެޓު ފަހުން ވަޑައިގެން ފަނޑިޔާރުންގެ ނިންމުންތައް ހާމަކުރައްވަމުން ގެންދެވި އިރު ޝަރީއަތް ސިއްރުކުރުމާ މެދު ނިންމެވި ގޮތެއް ހާމަ ނުކުރައްްވާތީ ޔާމީން ސުވާލު ކުރެއްވުމުން ޝަރީއަތް ސިއްރު ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ގާޒީ އާދަމް ވިދާޅުވި އެވެ. އަދި އެއަށްފަހު އަޑުއެހުން ނިންމާލެއްވީ އެވެ. ވަކީލު ޔާމީން ވަނީ އަޑެހުން ހުޅުވާލައިގެން ބާއްވާ ނަމަ އެ ނިންމުމެއް ލިޔުމުން ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ވަކީލު ޔާމީން އިތުރަށް އެދިވަޑައިގަތީ، އިސްހާގުގެ ބަންދާ ބެހޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދާތީ މިއަދު އޭނާ ޝަރީއަތް ނިމެންދެން ބަންދު ނުކުރާށެވެ.

ފަހުމީ އާއި ނާޒިމް ވެސް މިއަދު ވަނީ ރިމާންޑު ޖަލަކަށް ބަދަލު ކުރަން ކޯޓުން އަމުރުކޮށްފައި އޮތަސް އަދިވެސް ރިމާންޑު ޖަލަކަށް ބަދަލު ނުކުރާ ކަމަށް ބުނެފަ އެވެ. ފަހުމީ ވަނީ އޭނާގެ ގޮޅީގައި އެއްވެސް އަލިކަމެއް ނުހުންނަ ކަމުގެ ޝަކުވާ ވެސް ކޮށްފަ އެވެ.

ކަރެކްޝަންސްއާ ހަވާލާދީ ދައުލަތުން ބުނެފައި ވަނީ ރިމާންޑު ޖަަލަށް ބަދަލު ނުކުރެވެނީ ކޮވިޑްގެ ހާލަތާ ހެދި ޖާގައިގެ ދަތިކަން ދިމާވެގެން ކަމަށެވެ.

އެ ތިން މީހުން ވެސް ވީ އެންމެ އަވަހަށް ރިމާންޑު ޖަލަކަށް ބަދަލު ކުރަން އަންގައި މިއަދު ބެންޗުން ނިންމީ އެ ތިން މީހުންގެ ބަންދަށް 30 ދުވަސް އިތުރު ކުރާށެވެ.

މިއަދު އެންމެ ފުރަތަމަ ބޭއްވީ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމްގެ މައްސަލަ އެވެ. އޭނާ ވަނީ މިއަދު ދައުވާތައް އިއްވުމުން ޝަރީއަތުގައި އިއުތިރާފުވެފަ އެވެ. އެކަމަކު، އޭނާ އިއުތިރާފުވުމުން އެ ހިސާބުން އަޑުއެހުން ސިއްރު ކުރީ އެވެ.

ދައުލަތުން ބުނާ ގޮތުގައި އަދުހަމަކީ ބޮން ގޮއްވައިލި މީހާ އެވެ. މުޖާޒް އަކީ އަދުހަމް ފިލުވަން މަސައްކަތް ކުރި މީހާ އެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. ހައިޝަމަކީ ވެސް ބޮން ހަރުކުރުމުގައި އަމަލީ ގޮތުން އުޅުނު މީހެއް ކަމަށާއި ބޮމުގެ ބައިތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. ފަހުމީ އަކީ ބޮން ހަރު ކުރި އިރު ފާރައަށް ހުރި މީހެއް ކަމަށާއި ނާޒިމް އަކީ ހަމަލާ ދިނުމުން އަދުހަމް ގޮވައިގެން ހުޅުމާލެ ގެންދިޔަ މީހާ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.

މި މީހުންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު މިސްބާހް އަދި ފަނޑިޔާރު ސޮފްވަތު ހަބީބެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަދުގަނޭ

22 September 2021

ތިކަންވެސް ދާނީ ހަމަ ޗޮކުން.

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

21 September 2021

އެމީހުން އެއްބަސް ނުވަންޏާ އަދަބު ދެވޭނެ ގޮތެއްނެތް. ގައުމުގަ އުޅޭ އިންސާނީ ހައްގު އެންމެ ބޮޑު އަދި މުޖާހިދުން ތީ. ނުލާހިކު ދީންވެރި. ގޭންގުސްޓާރުންނާ ގައުމު ހަވާލު

The name is already taken The name is available. Register?

ޢިބޫ

21 September 2021

ހަފްތާއެއްގެ ހުކުން އަންނަގޮތަށް އެއްބަސްވުމެއް ހެދިނަމަ ތިހެންނުވީސް.

The name is already taken The name is available. Register?

1828

21 September 2021

އެއް ހެއްކަކީ މިހަމާލާ ރާވާ ހިންގާ އަދި ހަމަލާދިންކަމަށް އިއުތިރާފްވި ފަރާތް. މިފަހަރު އިނގިގެންދާނެ ޕޮލިސްގެ ފޮރިންސިކް އަދި އިންވެސްޓިގޭޝަންގައި ހުރި ކެރިފޯދުންތެރިކަމެއް. އަދި ޕީޖީ ޝަމީމުގެ ކުޅަދާނަކަމެއްވެސް. ފަހަކަށް އައިސް އިއުތިރާފް ނުވެއްޖެއްޔަ ގިނަ ފަހަރު ދަނީ 'ޗޮކުން'. އުންސުރެއް، ފަންސުރެއް ހަމަ ނުވެގެންނާއި ހެކި ހޯދިގޮތަކުން، ހައްޔަރުކުރި ގޮތަކުން 'ކޮންމެވެސް' ކަމެއް ގޯސްވެގެން އޮންނަނީ 'ދޫވެފައި' ނުވަތަ 'ގަސްތުގައި' ދޫކޮށްލާފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454