ކުރިން ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމުގެ ތެރޭގައި ހ. ބުޗާގެއާގެ އަށް ގެއްލުމެއް ލިބިފައި ނުވާނެ ކަމަށާއި ގެއްލުންވީ ރެއިންބޯއިން އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޑިފެންސްގެ އިމާރާތުގެ މަސައްކަތުގެ ސަބަބުން ހ. ބުޗާގެއާގެ އަށް ގެއްލުންވާ ކަމަށް ބުނެ އެ ގޭގެ ވެރިފަރާތުން ސިވިލް ކޯޓުގައި ވަނީ ބަދަލު ހޯދަން ޑިފެންސް މިނިސްޓްރީގެ އިތުރުން، އިމާރާތް ކުރުމުގެ މަސައްކަތްކުރާ ރެއިންބޯ ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.

ރެއިންބޯގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ، ބުޗާގެއާގެ އަށް ގެއްލުންވީ ރެއިންބޯއިން އިމާރާތް ކުރަން ފެށުމުގެ މާ ކުރިން ކަމަށާއި، އެ ގޭގައި ކުއްޔަށް ދިރިއުޅުނު މީހުން ނުކުތީ ވެސް ގެ ތަޅާލި އިރު ކަމަށެވެ.

އެ އިމާރާތް ތަޅާލަަން ސަރުކާރުން ހަވާލު ކުރީ އެހެން ކުންފުންޏަކާ އެވެ. އެކަމަކު، ދައުވާކޮށްފައި އޮތީ ރެއިންބޯއިން މަސައްކަތާ ހަވާލުވުމުގެ ކުރިން ވެސް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ތަނާ ހަވާލުވުުމުގެ ކުރިން ވެސް އެ ބޭފުޅުންނަށް އެ ގެއްލުނު ކުއްޔާ އެއްޗެހި ދައްކާ ގޮތަކަށް ދައުވާ ކުރީ،" އޮފިޝަލު ވިދާޅުވި އެވެ.

ކޯސްޓްގާޑް ބިލްޑިންގު ހުރި ބިމުގައި އިމާރާތް ކުރަން ބެލި އިރު ބުޗާގެއާގެ އަކީ ކުރީ ޒަމާނުގެ ގޮތަށް، ފައުންޑޭޝަން ވެސް ނާޅާ ހަދާފައި ހުރި ގެއެއް ކަމުން އިމާރާތް ކުރުމުގެ މަސައްކަތް ކޮށްގެން އެތަނަށް ގެއްލުންވެދާނެތީ އެ މަސައްކަތް ނުކޮށް މަޑު ވެސް ކުރި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މަސައްކަތް ނުކޮށް މަޑުކުރި މުއްދަތުގައި އެ ގޭގެ ވެރިފަރާތާ މަޝްވަރާކޮށްގެން މަސައްކަތް ގެންދެވޭނެ ގޮތްތަކެއް ހޯދޭތޯ ވެސް ބެލި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އެ ގެ ތަޅާލައި، ކުލި ދައްކާ ގޮތަށް އެ ބިމުގައި ކޮންސްޓްރަކްޝަނާ ގުޅޭ ބައެއް މަސައްކަތް ވަކި މުއްދަތަކަށް ކުރާ ގޮތަށް ވެސް ހުށަހެޅި ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެކަމުގައި ވެސް އެއްބަސްވުމަކަށް ނާދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން މަސައްކަތް ފެށީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ގެ އަށް ގެއްލުން ނުވާ ގޮތަށް ކަމަށާއި، އިމާރާތް މިހާރު ކުރެވުނު ވަރަށް ވެސް ގެންދިޔައީ ގެ އަށް ގެއްލުމެއް ނުދީ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. މަސައްކަތް ފެށީ، ލިޔުމުން ގޭގެ ވެރިފަރާތަށް، އެމްއެންޑީއެފަށް އަދި ސިޓީ ކައުންސިލަށް ވެސް އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވާގައި އެދިފައި ވަނީ ގެ އަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ އަދި، އެ ގޭގެ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޒިންމާ ދައުވާ ލިބޭ ފަރާތްތަކުން ނަގަން ޖެހޭ ކަމަށާއި، މަރާމާތު ހިނގާ މުއްދަތުގައި މަހަކު 29،000ރ. ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އަދި ގޭގައި ކުއްޔަށް އުޅުނު މީހުން އެތަން ދޫކޮށް ދިޔުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 236،000ރ. ނަގައިދިނުމަށެވެ.