ކުރިން ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރާތީ، އެ އިމާރާތާ އެއް ކޮއްޓެއްގައި ހުންނަ ހ. ބުޗާގެއާގެ އަށް ގެއްލުންވާ ކަމަށް ބުނެ އެ ގޭގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ކުރީގެ ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި ޑިފެންސް މިނިސްޓްރީން އަޅަމުންދާ 10 ބުރީގެ އިމާރާތުގެ ސަބަބުން ބުޗާގެއާގެއަށް ގެއްލުންވާތީ، އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އެ ގޭގެ ވެރިފަރާތް ފާތިމަތު ނަތާޝާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާކުރީ ޑިފެންސް މިނިސްޓްރީގެ އިތުރުން އިމާރާތުގެ މަސައްކަތްކުރާ ރެއިންބޯ ކޮންސްޓްރަކްޝަންއާ ދެކޮޅަށެވެ.

އެ ދައުވާގައި އެދިފައި ވަނީ ގެއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ އަދި، އެ ގޭގެ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޒިންމާ ދައުވާ ލިބޭ ފަރާތްތަކުން ނަގަން ޖެހޭ ކަމަށް ކަނޑައެޅުމަށެވެ.

އޭގެ އިތުރުން އިމާރާތުގެ މަސައްކަތް ކުރިއަށްދާތީ ބުޗާގެއާގޭގެ ކުއްޔަށް ދީފައި ހުރި ދެ ފްލޯއަކުން މީހުން ހުސްކުރަން ޖެހުމުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 236،000ރ. އެކީ އެއްފަހަރާ ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ބުޗާގެއާގެއަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ހިނގާ މުއްދަތުގައި ކޮންމެ މަހަކަށް 29،000ރ. ދޭން ޖެހޭ ގޮތަށް ހުކުމް ކުރަން ވެސް އެ ދައުވާގައި އެދިފައިވެ އެވެ.

މައްސަލަ ބަލައިނިމެންދެން އިމާރާތުގެ މަސައްކަތް ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް ނަތާޝާގެ ފަރާތުން އެދުނެވެ. "ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އިމާރާތް ކުރާ ނަމަ" އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އިމާރާތަށް ލިބިދާނެ ކަމަށް ބުނެ އެ އަމުރަށް އެދުނަސް މައްސަލަ ބައްލަވާ ގާޒީ އަބްދުއްނާސިރު ޝަފީގު މިދިޔަ ހޯމަ ދުވަހު ނިންމެވީ އެފަދަ އަމުރެއް ނެރެނުދިނުމަށެވެ.

ނިންމުމުގައި ފާހަގަކުރީ ދެ އެޕާޓްމެންޓުން ވެސް މީހުން ނެރެފައިވާއިރު، ޑިފެންސްގެ އިމާރާތް އެޅުން ހުއްޓުވައިގެން ލިބޭނެ ވަކި މާލީ މަންފާއެއް ނެތް ކަމަށެވެ. އަދި މަސައްކަތް ކުރިއަށްގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް ރެއިންބޯއިން ބުނާ އިރު، ހުސްކޮށްފައިވާ އިމާރާތެއްގައި ނުރައްކާތެރި ކަމެއް ހިނގައިފާނެ ކަމަށް ބަލައި އެކަން ހުއްޓުވަން ޖެހޭ ފަދަ ސަބަބެއް ދެއްކިފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޑިފެންސާއި ރެއިންބޯއިން ކޯޓުގައި ބުނެފައި ވަނީ މަސައްކަތް ހުއްޓުވައިފި ނަމަ އެ ފަރާތްކަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.