އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ މަސައްކަތް އަލުން ބިޑްކުރަން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމްއެންޑީއެފްއަށް ކޭބަލް ޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން 2020 ވަނަ އަހަރު ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގެ ދަށުން ހުށަހެޅި ބިޑްތައް އިވެލުއޭޓްކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ އަލުން ބިޑް އިވެލުއޭޓް ކުރުމުގެ އަމުރަކަށް އެދި ދައުވާކުރީ މީޑިއާ ނެޓުންނެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ބިޑް ހުށަހެޅި ފަހުން ކްރައިޓީރިއާއަށް ބަދަލު ގެނެސްފައިވާ ކަމަށް މީޑިއާ ނެޓުން ބުންޏަސް، އާ ކްރައިޓީރިއާއެއް އުފައްދާފައި ނެތް ކަމަށެވެ. އަދި ޓެކްނިކަލް ސްޕެސިފިކޭޝަންގައި ހިމެނޭ ބައިތަކަށް ބަހާނުލައި ޕޮއިންޓް ދިން ނަމަ، ބިޑް ކާމިޔާބުވުމުގެ ފުރުސަތު އޮތް ކަމަށް އެ ކުންފުނިން ބުންޏަސް، އެ ފުރުސަތު ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ބިޑްތައް އިވެލުއޭޓްކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ކޯޓުގައި އޮތުމުން އެ މަސައްކަތް ހަވާލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އޮތީ ކުރިން އަންގައިފަ އެވެ.