ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓާ "ފިޔަވަތީ"ގެ ފުރާޅުމައްޗަށް ކުދިންނަށް ނޭރޭގޮތަށް ހަދައި ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ފިޔަވަތީގެ ކުދިން މީގެ ހަފުތާއެއްހާ ދުވަހުގެ ކުރިން ވަނީ އެތަނުގައި ހަމަނުޖެހުން ހިންގައިފަ އެވެ.
މި މައްސަލައާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓުތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރުމަށް ފަހު ގިނަ ކަންކަން އިސްލާހު ކުރަން އެންގި އެވެ.
ޖެންޑާ ކޮމިޓީން ބުނެފައިވާ ގޮތުގައި، ފިޔަވަތީގައި ތިބޭ ނަފްސާނީ ފަރުވާ ބޭނުންވާ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ފޯރުކޮށެއް ނުދެ އެވެ. ފިޔަވަތީގައި ތިބި ކުދިންގެ އަދަދާއި އެތަނުގެ މުވައްޒަފުންގެ އަދަދާ ނުބައްދަލު ކަމަށް ބުނެ ވެސް ކޮމިޓީން ކަންބޮޑުވުންފާޅުކުރި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ކޮމިޓީން އެންގި ކަންކަމުގެ ތެރެއިން ބައެއް ކަންކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިއުމަން ރައިޓްސް އެންޑް ކޮމިޓީގެ ލަފަޔާ ގުޅިގެން، ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ފުރާޅަށް ނޭރޭނެ ގޮތަށް އިމާރާތަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ކުދިންނާއި މުވައްޒަފުންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ކޮންސަލްޓަންޓެއްގެ އެހީތެރިކަމާ އެކު ފަންނީ މަސައްކަތްތަކެއް ކުރަން ވަނީ ފަށައިފަ އެވެ.
"ކުދިންގެ ހުސް ވަގުތުގައި ހިންގާ ހަރަކާތްތަކުގެ ތެރެއަށް، އިތުރު ކުޅިވަރު ހަރަކާތްތައް ހިމަނާ، ސްޕޯޓްސް ކޯޕަރޭޝަން އާއި ހޭންޑް ބޯލް އެސޯސިއޭޝަނާއި ގުޅިގެން ފުޓްބޯޅައާއި ހޭންޑްބޯލް ޕްރޮގްރާމެއް ވެސް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައި،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކަންކަމަކީ ކުރިންވެސް ޖެންޑާ މިނިސްޓްރީން ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.
ފިޔަވަތީގައި ތިބެނީ 14 އަހަރުން ދަށުގެ ކުދިންނެވެ.