ދިފާއީ ކަންކަމަށް ހަރަދުކުރަން އިންޑިއާއިން ރާއްްޖެއަށް ހަމަޖައްސައިދީފައިވާ 50 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އިން އުތުރު ތިލަފަޅުގެ ޑޮކްޔާޑާއި ބަނދަރަށް ހަރަދުކުރަން ހަމަޖެހިފައިނުވާ ކަމަށާއި އެ މަޝްރޫއަށް ހަރަދުކުރާނީ ހިލޭ އެހީން ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރަން އިންޑިއާ އިން ހިންގާ މަޝްރޫއުގެ އެއްބަސްވުން ހާމަކުރަން އިންފޮމޭޝަން ކަމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް މިއަދު އެންގި އެވެ. އެ އެންގުމަކީ ދިޔަރެސް ނޫހުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެންގި އެންގުމެއް ކަމަށްވާއިރު، އެ ނޫހުން ހާމަކުރަން އެދިފައިވާ އެއް މައުލޫމާތަކީ 50 މިލިޔަން ޑޮލަރުގެ އެލްއޯސީއާ ބެހޭ މައުލޫމާތެވެ.
ދިފާއީ ކަންކަމަށް އިންޑިއާއިން ހަަމަޖެއްސި 50 މިލިޔަން ޑޮލަރުގެ ހަރަދުކުރާނެ ގޮތުގެ ތަފްސީލު ހޯދަން "މިހާރު"ން މިއަދު ކުރި ސުވާލަކަށް އިންޑިއާ ހައިކޮމިޝަނުގެ އިސް އޮފިޝަލަކު ވިދާޅުވީ އެއީ އަސްކަރީ އިކްއިޕްމެންޓް ގަތުމަަށް ހަމަޖެއްސި ފެސިލިޓީއެއް ކަމަށާއި ޔޫޓީއެފަށް އެއިން ހަރަދު ނުކުރާނެ ކަމަށެވެ.
ޔޫޓީއެފް ޕްރޮޖެކްޓަށް ހަރަދުކުރާނީ އިންޑިއާގެ ފުރިހަމަ ހިލޭ އެހީން. މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތާއި އެމްއެންޑީއެފް މާފިލާފުށީ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރާއި ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމްގެ ޕްރޮޖެކްޓް ފަދައިން، މި ޕްރޮޖެކްްޓްތަކަކީ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަންގައި ހިމެނޭ ޕްރޮޖެކްޓްތަައް. --އިންޑިއާ ހައިކޮމިޝަން
އޭނާ ވިދާޅުވިގޮތުގައި ދިފާއީ ކަންކަމަށް ދޫކުރާ އެެލްއޯސީއާ ގުޅޭ ކަންތައްތައް ފައިނަލައިޒް ކުރަން އިންޑިއާ ހައިކޮމިޝަނުން އަންނަނީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާ ވާހަކަ ދައްކަމުންނެވެ.
"އެ ލައިން އޮފް ކްރެޑިޓްގެ ޝަރުތުތައް އަޅުގަނޑުމެންގެ ސިވިލިއަން ލައިންސް އޮފް ކްރެޑިޓް އާ އެއްގޮތްވާނެ. (ސިވިލިއަން ލައިންސް އޮފް ކްރެޑިޓް)ގެ ތެރޭގައި ތަފާތު އަށް މަޝްރޫއަކަށް ހަރަދުުކުރާ 800 މިލިޔަން ޑޮލަރު ހިމެނޭ. މާލެ-ތިލަފުށި ބްރިޖަށް ހަރަދުކުރާ 400 މިލިޔަން ޑޮލަރުވެސް ހިމެނޭ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިފާއީ ކަންތައްތަކަށް ދޫކުރާ އެލްއޯސީގެ އިންޓަރެސްޓް ރޭޓަކީ ވެސް 1.75 ޕަސެންޓް ކަމަށާއި އަނބުރާ ދައްކަން ފަށަން ޖެހޭނީ ފަަސް އަހަރު ދުވަސް ފަހުން ކަމަށެވެ. ފައިސާ ދައްކަައި ޚަލާސްކުރަން ޖެހޭނީ އޭނާ ވިދާޅުވި ގޮތުން 20 އަހަރު ދުވަހުގެ ތެރޭގަ އެވެ.
"ޔޫޓީއެފް ޕްރޮޖެކްޓަށް ހަރަދުކުރާނީ އިންޑިއާގެ ފުރިހަމަ ހިލޭ އެހީން. މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތާއި އެމްއެންޑީއެފް މާފިލާފުށީ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރާއި ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމްގެ ޕްރޮޖެކްޓް ފަދައިން، މި ޕްރޮޖެކްްޓްތަކަކީ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި އެކްޝަން ޕްލޭން ފޯ ޑިފެންސް ކޯޕަރޭޝަންގައި ހިމެނޭ ޕްރޮޖެކްޓްތަައް،" އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލް ލިއުމުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުން ހަތް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކަމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް މިއަދު އެންގި އިރު، އެ އެއްބަސްވުމުގެ ތަފްސީލު ހޯދަން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެދިފަ އެވެ.