ޗެންނާއީ (ޑިސެމްބަރު 5) - އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޝަހުސިއްޔަތު ކަމަށްވާ ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާ އަށް ރޭ ޖެހުނު ހާޓް އެޓޭކާ ގުޅިގެން އެކަމަނާ އަށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ ކަމަށް އެޕޯލޯ ހޮސްޕިޓަލުން ދެންމެ ބުނެފި އެވެ.
ޖަޔަލަލިތާ އަވަހާރަވިކަން ހޮސްޕިޓަލުން ޔަގީންކޮށްދީފައި މި ވަނީ އެކަމަނާގެ ހާލު ވަރަށް ނާޒުކު ކަމަށް ހޮސްޕިޓަލުން ބުނެފައި ވަނިކޮށެވެ. އަދި ޖަޔަލަލިތާ އަވަހާރަވެއްޖެ ޖަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން މިއަދު ބުނި ނަމަވެސް އެ ހޮސްޕިޓަލުން އެ ޚަބަރުތައް މިރޭ ވަނީ ދޮގު ކޮށްފަ އެވެ. ނަމަވެސް ޖަޔަލަލިތާ އަވަހާރަވެއްޖެ ކަމަށް ހޮސްޕިޓަލުން ބުނުމާ އެކު އެކަމަނާގެ ޕާޓީން ވެސް ވަނީ ޓްވިޓާ މެދުވެރިކޮށް މި ޚަބަރު އާއްމުކޮށްފަ އެވެ.
ޖަޔަލަލިތާ، 68، އަށް ދިޔައީ ސެޕްޓެމްބަރު 22 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޓަމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރުކަން ހަތަރު ފަހަރެއްހެ މަތިން ކުރައްވާފައިވާ ކުރީގެ ފިލްމީ ތަރި އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ނަމަވެސް ބައްޔާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.
ޖަޔަލަލިތާ އަށް ހާޓް އެޓޭކެއް ޖެހުނު ޚަބަރާ އެކު އެތައް ސަތޭކަ ބަޔަކު ވަނީ ހޮސްޕިޓަލަށް ޖަމާވެފަ އެވެ. ޖަޔަލަލިތާ އަކީ ދެކުނު އިންޑިއާގައި ވަރަށް މަގްބޫލް މީހެކެވެ. އެކަމަނާ މަޝްހޫރުވެފައި ވަނީ ވެސް އައްމާ (މަންމަ) ގެ ނަމުންނެވެ.