ނިޔާމަ ރިސޯޓުން ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށް މިއަދު މޮނިޓަރިންނަށް ލައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މި އަހަރުގެ އެންމެ ފަހު މީޑިއާ ބްރީފިންގައި، އެ ސެންޓަރުގެ ތަރުޖަމާނުގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ތިން މުވައްޒަފަކާއި ދެ ޓޫރިސްޓަކު ޓެސްޓުކޮށްފައި ވަނީ ކޮވިޑުގެ އަލާމާތްތައް ހުރެގެން ކަމަށެވެ. އިތުރަށް ޕޮޒިޓިވްވި ދެ މުވައްޒަފުންނަކީ ދެ ކޮންޓެކްޓުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ރިސޯޓުން މިހާތަނަށް 17 ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވާ ކަމަށެވެ. އެ ރިސޯޓުން ހަތް މީހަކު ޕޮޒިޓިވްވުމުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

ދ. އަތޮޅު ހޮސްޕިޓަލާއި ނިޔާމަ ރިސޯޓު ގުޅިގެން މާދަމާ ރެންޑަމް ސާމްޕަލް ނަގައި ޓެސްޓުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އަޕްޑޭޓުކުރި މައުލޫމާތުތަކަށް ބަލާއިރު، ރިސޯޓުތަކުގައި މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 68 މީހަކު އެބަތިއްބެވެ.