ދަރިންނަށް ހަރަދު ނުދޭ މީހަކު ޖަލަށް ލައި، ނ. ލަންދޫ ކޯޓުން މިއަދު ފޮޓޯ އާއްމުކޮށްފި އެވެ.

ލަންދޫ ކޯޓުން ކ. ކާށިދޫ، ހެޕީނައިޓް، އަހްމަދު އަންވަރު ޖަލަށްލީ ދެ މަސް ދުވަހަށެވެ. އެ ހުކުމަށް ފަހު އޭނާގެ މައުލޫމާތު އާއްމުކުރީ، އާއިލާއާ ބެހޭ ގަވައިދުގެ ދަށުން ކަމަށް ކޯޓުން ބުންޏެވެ.

އަންވަރު ޖަލަށް ލީ މައްސަލައިގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުންނެވެ. 

ދަރިންގެ ހަރަދު ނުދޭ މީހުންގެ ނަން ހާމަކުރުމަށް ފެމިލީ ކޯޓުން ނިންމީ 2018 ވަނަ އަހަރެވެ. ނަމަވެސް ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ ފެށީ، 2024 ވަނަ އަހަރުގެ ފަހުކޮޅު ހިސާބުގައި ޅ. ހިންނަވަރު ކޯޓުންނެވެ.

އޭގެ ފަހުން، ހަރަދު ނުދޭ މީހުންގެ ވަނަވަރު ބައެއް ކޯޓުތަކުން އާއްމުކުރެ އެވެ. މިދިޔަ އަހަރު ފެމިލީ ކޯޓުންނާއި ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ މީހުންގެ މައުލޫމާތު އާއްމުކޮށްފަ އެވެ. 

ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ކޯޓުތަކުން ބަލަ އެވެ. އެފަދަ މީހުންގެ ވަނަވަރު އާންމުކޮށް އިއުލާން ކުރަން އާއިލާއާ ބެހޭ ގަވާއިދުން ދަށުން ހުއްދަ ކުރެ އެވެ.

ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދުތައް އޮންނަ ގޮތުން މިހާރު ނަގައިދެނީ އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000ރ. އާއި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000ރ. ގެ ރޭޓުންނެވެ. ނަމަވެސް ކުއްޖާގެ ބައްޕަގެ ތަނަވަސްކަން ހުރި ނަމަ ނުވަތަ ކުއްޖާ އަށް އިތުރު ހަރަދުތަކެއް ކުރަންޖެހޭ ނަމަ އެ އަށް ވުރެ އިތުރަށް ހަރަދު ނަގައި ދެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.