ގުދުސް (ޖޫން 28) - ގުދުސްގެ މާތްވެގެންވާ އަލް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދު މުސްލިމް ނޫން މީހުންނަށް މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން ބަންދުކުރާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލް ފުލުހުންގެ ތަރުޖަމާނަކު ބުނީ މި ފިޔަވަޅު އަޅަން ޖެހުނީ އަގްސާ މިސްކިތުގެ ސަރަހައްދުގައި ދާދި ފަހުން ފުލުހުންނާ ދެކޮޅަށް ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ. އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ދަނީ މުސްލިމުންނާއި އިޒްރޭލް ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިންގަމުންނެވެ. މުސްލިމުން ހިތްހަމަނުޖެހުން ފާޅުކުރަނީ ޔަހޫދީން އަގްސާ މިސްކިތް ހިމެނޭ ސަރަހައްދަށް ވަންނާތީ އެވެ. މިކަމާ ހިތްހަމަނުޖެހިގެން ފަލަސްތީނުގެ ޒުވާނުން ވަނީ އިޒްރޭލް ފުލުހުންނަށް ގާ އުކައިފަ އެވެ. ރައްދުގައި އިޒްރޭލް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.
މުސްލިމް އޮފިޝަލުން ބުނީ ރޯދަ މަހު ފަހު ދިހައިގައި އަގްސާ މިސްކިތް ހިމެނޭ ސަރަހައްދަށް މުސްލިމް ނޫން މީހުން ނުވެއްދުމަށް އިޒްރޭލާ އެކު ކުރިންސުރެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މި އުސޫލާ ޚިލާފަށް އެ ސަރަހައްދަށް އިޒްރޭލުން ޔަހޫދީން ވައްދަނީ ހަމަނުޖެހުމަށް މަގު ފަހި ކުރަން ކަމަށް ވެސް މުސްލިމް އޮފިޝަލުން ބުނެ އެވެ.
މުސްލިމް ނޫން މީހުން އަގްސާ މިސްކިތަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް މިސްކިތުގައި އަޅުކަން ކުރުމަކީ މަނާ ކަމެކެވެ. ރޯދަ މަހު ފަހު 10 ގައި ގިނަ އަދަދެއްގެ މުސްލިމުން އަޅުކަމަށް އަގްސާ މިސްކިތަށް ޖަމާވެ އެވެ. --އޭއެފްޕީ