އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގެ ގޯތިތެރެއަށް މިއަދު މިސައިލެއްގެ ބައިތަކެއް ވެއްޓި މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ ޒަހަމްވި މީހާ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ އައިޑެންޓިޓީއާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ތުރުކީގެ އަނަދޯލު ނިއުސް އެޖެންސީގެ ރިޕޯޓަރަކު ބުނި ގޮތުގައި، އަލް މަދީނަތުލް ގަދީމާ ނުވަތަ ގުދުސްގެ އޯލްޑް ސިޓީގެ "ޖޫވިޝް ކުއާޓާ" އަށް ވެސް މިސައިލްގެ ބައިތަކެއް ވަނީ ވެއްޓިފަ އެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގުދުސްގެ މަތިން މިސައިލެއް ގޮވުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް މިސައިލްގެ ބައިތައް ވެއްޓިފައިވެ އެވެ. ނަމަވެސް، ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އީރާނަށް އިޒްރޭލާއި އެމެރިކާއިން ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ރައްދުގައި ފޮނުވަމުންދާ މިސައިލް ހަމަލާތަކާ ގުޅިގެން ގުދުސްގައި ސައިރަން އަޅައި އަދި އޭގެ ފަހުން ބާރުގަދަ އަޑުފައްގަނޑެއް އިވުމަށް ފަހު އެވެ.
އިޒްރޭލުން ނެރުނު ބަޔާނެއްގައި ވަނީ އީރާނުން ގުދުސްގެ މުގައްދަސް ބިނާތަކަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށް ބުނެފަ އެވެ. އަދި މިއީ މުސްލިމުންނާއި ޔަހޫދީންނާއި ކްރިސްޓިއަނުންނަށް ވެސް ނުރައްކަލެއް ކަމަށް ބުންޏެވެ.
މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ސަރަހައްދު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފަ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް 1,300 އެއްހާ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތެއް ބޭފުޅުންނެއް ހިމެނެ އެވެ.
އީރާނުން ދަނީ މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލު، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން މީހުން މަރުވެ، އުމްރާނީ ވަސީލަތްތަކަށް ގެއްލުންވުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފަ އެވެ.