ބަލި ކުއްޖަކަށް އެންސްޕާ މެދުވެރިކޮށް ހޯދުމަށް އެދުނު ފީޑިން ޓިއުބެއް އަށް މަސްވިއިރު ވެސް ނުލިބުނު ކަމަށް ބުނާ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.
ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލަށް ކާންދެވޭ ހަމައެކަނި މަގަކީ ހޮޅިކޮޅެއް ނުވަތަ ފީޑިން ޓިއުބެއް މެދުވެރިކޮށް ކަމަށާއި އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސްވި އިރު ވެސް ނުލިބުނު ކަމަށް އާއިލާއިން ފޭސްބުކްގައި ލިޔެފައިވެ އެވެ.
ކުއްޖާގެ ހާލު ގޯސްވެ އައިޖީއެމްޗްގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށް އިއްޔެ ވަނީ ނިޔާވެފަ އެވެ. އެކަމަކު އާއިލާއިން ބުނެފައިވާ ގޮތުގައި ކުއްޖާ ނިޔާވި ހަމައެކަނި މައްސަލަ އަކީ ފީޑިން ޓިއުބް ނުލިބުމެއް ނޫނެވެ.
ފީޑިން ޓިއުބް ލިބުނީ، އުފަންވީއްސުރެ ފަރުވާދެމުން އަންނަ މި ކުއްޖާގެ ހާލު ގޯސްވެ އައިޖީއެމްއެޗުގައި މިދިޔަ އާދީއްތަ ދުވަހު އެޑްމިޓްކުރި ފަހުން ކަމަށްވެ އެވެ. އެކަމަކު އާއިލާއިން ބުނާ ގޮތުގައި ހޮޅިކޮޅު ފޯރުކޮށްދިން އިރު އެ ލެއްވޭ ވަރަށް ވުރެ ކުއްޖާގެ ހާލު އޭރު މާބޮޑަށް ސީރިއަސް އެވެ.
އެކަމާ ގުޅިގެން އެންސްޕާ އާއި އެސްޓީއޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ އިދާރާތަކުން ވެސް ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފީޑިން ޓިއުބެއް ބޭނުންވާ މުއްދަތަށް ނުލިބިގެން ކުއްޖާގެ މަންމަ، އާމިނަތު ޔަޝްފާ މިމަހުގެ 16 ގައި ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު އެ ކޮމިޝަނުގެ ސަމާލުކަމަށް އައި ކަމަށާއި ޖެހިގެން އައި ދުވަހު ވަނީ އެ ކޮމިޝަނުން އިސްނަގައިގެން ތަހުގީގެއް ފަށާފައި ކަމަށެވެ.
އެ ތަހުގީގުގައި، ދިވެހި ރައްޔިތަކަށް އެހީތެރިކަމެއް ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއް ނެތި އެހީތެރިކަން ލިބޭނެ ގޮތް ގާއިމުވެފައި އޮތްތޯ އާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދިރިއުޅުމުގެ ހައްގާއި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގާއި ކުޑަކުދިންނާ ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ދައުލަތުގެ ފަރާތުން ކަށަވަރުކޮށްދީފައިވޭތޯ ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ރައްޔިތަކު އެހީތެރިކަަމަށް އެދޭ ހިނދު އެކަމެއްގެ މުއާލާތް ކެނޑުމުގެ ކުރިން އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތެއް ދައުލަތުގެ ފަރާތުން ގާއިމުކޮށްފައިވޭތޯ ނުވަތަ ނޫން ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ މައްސަލައިގެ ތަހުގީގަށް ފަހު އިސްލާހުކުރަންޖެހޭ ކަންކަން އިދާރާތަކަށް އަންގާނެ ކަމަށެވެ. އަދި އެކަމުގައި ކޮމިޝަނުންދޭ ލަފާތައް ތަންފީޒުކުރަމުންދާ މިންވަރު ބަލާނެ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެެ.
އެޗްއާރުސީއެމުން ވަނީ އެކަމުގެ މައުލޫމާތު މަޖިލީހަށް ވެސް ދޭނެ ކަމަށް ބުނެފަ އެވެ.
"މިކަން ތަހުގީގުކުރުމަށް ފަހު އިސްލާހުކުރަންޖެހޭ ކަންކަން އެކަމެއް ރައްދުވާ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ލާޒިމުކޮށް ދަންނަވާނަމެވެ. އަދި މި ކޮމިޝަނުން ދޭ ލަފާޔާއި ހުށަހެޅުންތައް ތަންފީޒުކުރަމުން ގެންދާ މިންވަރު މި ކޮމިޝަނުން ބަލަމުން ގެންދާނަމަވެ." ބަޔާނުގައިވެ އެވެ.
ކުއްޖާގެ މަންމަގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނީ ދަރިފުޅަށް ކާން ދޭން ބޭނުންކުރާ ޕީއީޖީ ދެ ޓިއުބަށް އެދުނީ މިދިޔަ އޮގަސްޓް މަހު ކަމަށެވެ. އެ ނުލިބި ލަސްވެގެން އެތައް ފަހަރަކު އެސްޓީއޯ އަށް ގުޅި ކަމަށާއި ހުޅުމާލޭގައި ހުންނަ ފާމަސީ އަށް ވެސް ދިޔަ ކަމަށް ބުންޏެވެެ.
އޭނާ ބުނެފައި ވަނީ ޓިއުބަށް އޯޑަރު ނުކޮށް ލަސްވަނީ އެންސްޕާއިން އެޕްރޫވް ނުކުރާތީ ކަމަށް، އެ ސްޓޭޓަސް ލިޔުނު ދުވަހު އެސްޓީއޯއިން ބުނި ކަމަށެވެ. ނަމަވެސް ފޭސްބުކްގައި އެ ޕޯސްޓު ޖެހުމުގެ ކުރިން ވެސް ޓިއުބް ލިބުން ލަސްވާ ސަބަބު ހޯދަން އެސްޓީއޯގައި އެދިގެން ކުރި މަސައްކަތަށް ޖަވާބު ނުލިބުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.