މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ތިންވަނަ ރުކުރެނެވެ. އިސްލާމްދީނުގައި މުހިންމުކަން ދީފައިވާ ޒަކާތުގެ މަތިވެރި ރުކުން ދިވެހިރާއްޖޭގައި ހަރުދަނާގޮތެއްގައި ނަގަހައްޓައި ދެމެހެއްޓުމަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުހަނު އިސްކަމެއް ދެއްވާ ކަމެކެވެ.

ޒަކާތު ހައުސްއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތު ސެކްޝަނުން މިހާރު ކުރިއަށްގެންދާ ޒަކާތާ ގުޅޭ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް އުފައްދާ ޒަކާތަށް ހާއްސަ އިދާރާއެކެވެ.

މި ބަދަލުން ޒަކާތުގެ ބެހެނިވެރިންނަށާއި މުޅި މުޖުތަމައަށް މަންފާކުރާނެއެވެ.

ޒަކާތުގެ ނިޒާމަކީ އިސްލާމީ ޒަމާނީ ފިޤުހުގެ އަލީގައި ކުރިއަރަމުން އަންނަ ނިޒާމެކެވެ. އިސްލާމްދީނުގައިވާ ރުކުންތަކުގެ ތެރެއިން އެ ޒަމާނެއްގެ ޙާޖަތާއި ހާލަތަށް ރިޢާޔަތްކުރެވިގެން، އޭގެ ޒާތުގައި ފުޅާކޮށް ތަރައްގީ ކުރެވެން އޮތް ހަމަ އެކަނި ރުކުނަކީ ޒަކާތުގެ ރުކުނެވެ. ޒަކާތުގެ ކަންކަން ތަރައްގީކުރާނެ ގޮތުގެ މައްޗަށް ބައިނަލްއަގުވާމީ ފެންވަރުގައި އިލްމީ ފިޤުހީ ދިރާސާތައް ކުރަމުންދެއެވެ. އަދި ޒަކާތުގެ ނިޒާމު ތަރައްގީކުރުމާ ބެހޭ ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީ އާއި މުސްލިމު ވޯލްޑް ލީގުގެ އިސްލާމިކް ފިޤުހު އެކަޑަމީގެ ގަރާރުތައް ވެސް އާއްމުކުރެވިފައިވެ އެވެ.

މެލޭޝިޔާ އާއި ކުވައިތާއި ސަޢޫދީ ޢަރަބިއްޔާ އާއި ޤަތަރާއި ޔޫއޭއީ އާއި ސޫދާން ފަދަ ގައުމުތަކުގައި ޒަކާތުގެ ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުކޮށްފައިވެއެވެ. އަޅުގަނޑުގެ ޕީއެޗްޑީ ތީސިސް ލިޔެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމީ ފިޤުހުގެ އަލީގައި ޒަކާތުގެ އިދާރީ ޒަމާނީ ނިޒާމެއް ތަރައްގީކުރާނެ ގޮތުގެ މައްޗަށެވެ. މި ތީސިސް ޕަބްލިޝްކުރުމަށް މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ރިކޮމެންޑުކޮށްފައިވެއެވެ. މި އިލްމީ ދިރާސާ ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ސްޕޮންސާ ކޮށްގެން، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން އަރަބި ބަހާއި ދިވެހި ބަހުން ޕަބްލިޝްކޮށްފައެވެ.

މީހަކު ޒަކާތް ދައްކަނީ: ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މީހަކު ޒަކާތް ދައްކަނީ: ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރީ ނިޒާމު ގާއިމުވެގެން ދާނީ އިސްލާމީ ޒަމާނީ ފިޤުހުގެ މައްޗަށެވެ. ރާއްޖޭގެ ޒަކާތުގެ ނިޒާމަށް، އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ މި ގެންނަވާ ހެޔޮ ބަދަލަކީ ރާއްޖޭގެ ތާރީހުގައި ވެސް ޒަކާތުގެ ނިޒާމަށް ގެނެވޭ އެންމެ ފާހަގަކޮށްލެވޭ ތާރީހީ ހެޔޮ ބަދަލެވެ. އެކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

މޯލްޑިވްސް ޒަކާތު ހައުސް އުފެދުމުން ހާސިލުކުރުމަށް އަމާޒުކުރާ ލަނޑުދަނޑިތައް

• ޒަކާތު ފަންޑު އިތުރުކޮށް، އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުމަށް "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުން.

• މުދަލު ޒަކާތާއި ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ، ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމެއްގެ ދަށުން ހަމަޖެއްސުން.

• ދިވެހިރާއްޖޭގެ ޒަކާތާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދެވެނީ ޝަރީޢާ ހުއްދަކުރާ މިންގަނޑުގެ ތެރެއިންކަން ކަށަވަރުކޮށް، ޒަކާތުގެ ކަންކަން ޝަރީޢާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިޤްހުގެ އަލީގައި ކުރިޔަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުން.

• ޒަކާތާއި ޞަދަޤާތުގެ ގޮތުގައި ނެގޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ފައިސާއާ ގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް އާންމުކުރުމުގެ މަސައްކަތްތައް، "ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތު"ގެ ބެލުމުގެ ދަށުން ހަރުދަނާގޮތެއްގައި ޒިންމާދާރުކަމާ އެކު ކުރިއަށް ގެންގޮސް، އަހަރަކު އެއްފަހަރު އޮޑިޓްކޮށް ރިޕޯޓު އާންމުކުރުން.

• ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިނަށް އަމާޒުކޮށްގެން ފުޅާދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގައިގެން، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން (ޒަކާތާބެހޭ ދައުލަތުގެ ނިޒާމުގެ ތެރެއިން) ޒަކާތް ދައްކާމީހުންގެ ނިސްބަތް ކުރިއަށް އޮތް 5 އަހަރު ތެރޭގައި 30 އިންސައްތަ އިތުރުކުރުމާ އެކު އަހަރަކު ލިބޭ މުދަލު ޒަކާތުގެ އަދަދު މަދުވެގެން 200 މިލިއަނަށް އިތުރުކުރުން.

• ޒަކާތާ ބެހޭ ކަންކަން ފުޅާދާއިރާއެއްގައި ދިރާސާކޮށް ޝަރީޢާ ހުއްދަކުރާ ކަންކަމަށް ޒަކާތު ފަންޑުން ވަކި މިންވަރެއް އިންވެސްޓްކޮށް ފައިސާ އިތުރުކޮށް އޭގެ މަންފާ ޒަކާތުގެ ހައްގުވެރިންނަށް ސީދާ ގޮތެއްގައި ލިބޭގޮތް ހެދުން.

• ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ދިވެހިރާއްޖެއިން ފަގީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން.

މީހަކު، އިސްލާމިކް މިނިސްޓްރީގައި ޒަކާތް ދައްކަނީ.-- ފޮޓޯ: މިހާރު
މީހަކު، އިސްލާމިކް މިނިސްޓްރީގައި ޒަކާތް ދައްކަނީ.-- ފޮޓޯ: މިހާރު

މޯލްޑިވްސް ޒަކާތު ހައުސްގެ ދުރު ރާސްތާގެ އަމާޒުތައް

• އިސްލާމީ ދުނިޔޭގެ އެހެން ގައުމުތަކުން ނަމޫނާއަކަށް ބަލާފަދަ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާވެ ހިނގަމުންދާ ޒަކާތުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުން.

• ދިވެހިންގެ މެދުގައި ޒަކާތާގުޅޭ ހޭލުންތެރިކަން އިތުރުކޮށް، ދައުލަތުގެ ޒަކާތުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކޮށް، ދިވެހިންގެ ތެރޭގައި ހިމެނޭ ޒަކާތް ވާޖިބުވާ ކޮންމެ ފަރުދަކީވެސް ޒަކާތް ދައްކާ މީހަކަށް ހެދުން.

• ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ މީހުންނަކީ ފަގީރުކަމުން އަރައިގަނެ އަމިއްލަ އާމްދަނީން ޒަކާތް ދެއްކޭފަދަ ފޯރާ ބަޔަކަށް ހެދުން.

ލަނޑުދަނޑިތައް ހާސިލްވުމުން ކުރާނެ ފައިދާ

• ދިވެހި އިސްލާމީ މުޖުތަމައަކީ ފުދުންތެރި، އިޖުތިމާޢީ މައްސަލަތައް މަދު، ހަމަޖެހިގެން ދިރިއުޅެވޭ މުޖުތަމައަކަށްވުން.

• ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ފުރިހަމަވެ، ރައްޔިތުންގެ އިތުބާރުލިބި، ދިވެހިންގެ ޒަކާތުގެ ފައިދާ އިސްލާމީ ދުނިޔޭގެ އެހެން ގައުމުތަކާ ހަމައަށް ފޯރުން.

• ފުދުންތެރިކަން ނެތް ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަކުރެވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީން މުޖުތަމަޢުގެ އެހެނިހެން ހިދުމަތްތަކަށް އަމާޒުކުރެވޭ މިންވަރު އިތުރުވުން.

ޒަކާތު ހައުސްގެ މެންޑޭޓް

• ޒަކާތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ސެމިނާތަކާއި ކޮންފަރެންސްތައް ބާއްވައި، ޒަކާތާ ގުޅޭ މައްސަލަތަކުގެ ހައްލު ޒަމާނީ ފިޤްހީ ދިރާސާތަކުގެ އަލީގައި ހޯދުމާއި، ޒަކާތުގެ ނިޞާބު ކަނޑައަޅާ އާއްމުކުރުމާއި، ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ފިތުރު ޒަކާތާއި މުދަލު ޒަކާތް ދެއްކޭނޭ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުން.

• ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލައި، އަދާހަމަކޮށް ބެލެހެއްޓުމާއި، ޒަކާތާ ގުޅުންހުރި ކޮމިޓީތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، ޒަކާތާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ދޭންޖެހޭ ލަފަޔާއި އިރުޝާދުތައް ދިނުން.

• ޒަކާތު ފަންޑު ހަރުދަނާގޮތެއްގައި ކުރިއެރުވުމަށްޓަކައި ޝަރުޢީގޮތުން ހުއްދަ ދާއިރާތަކުން ޒަކާތުގެ ފައިސާއިން ބައެއް އިންވެސްޓްކޮށް ޒަކާތުގެ ބެހެނިވެރިންނަށް ޒަކާތުގެ މަންފާ ފުޅާދައިރާއެއްގައި ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަކީ ފުދުންތެރި ބަޔަކަށް ހަދައި، ޒަކާތާ ގުޅޭ ދާއިރާތަކުން މީހުން ބިނާކުރުން.

• ޒަކާތުގެ ގޮތުގައި ނެގޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ފައިސާއާ ގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް އާންމުކުރުމާއި ޒަކާތާ ގުޅޭގޮތުން ހަދަންޖެހޭ ގާނޫނުތައް އެކުލަވާލުމާއެކު ދިވެހިރާއްޖޭގައި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޒަމާނީ ޒަކާތުގެ ނިޒާމެއް ގާއިމްކުރުން.

މޯލްޑިވްސް ޒަކާތު ހައުސްގެ އިދާރީ އޮނިގަނޑު

• މޯލްޑިވްސް ޒަކާތު ހައުސްގެ ޗެއަރމަނެއްގެ ގޮތުގައި ހުންނަވާނީ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒެވެ. އަދި މިނިސްޓަރުގެ ދަށުން ޒަކާތު ހައުސްގެ ހުރިހާ ކަމެއް ބަލައްޓާނީ ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތެވެ.

• ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް މީހަކު އައްޔަނުކުރާނީ އެކަމަށް އިއުލާނުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެރިޓް އުސޫލުން އެންމެ ގާބިލު ފަރާތެއް ހޮވައިގެންނެވެ.

އެޑިޓަރުގެ ނޯޓް: ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު އަކީ މިހާރުގެ އިސްލާމިކް މިނިސްޓަރެވެ. އޭނާ ޕީއެޗްޑީ ހާސިލް ކުރައްވާފައި ވަނީ ވެސް، މި އާޓިކަލް ލިޔުއްވި ދާއިރާ ކަމަށްވާ ޒަކާތުގެ ޒަމާނީ އިދާރީ ނިޒާމުގެ ދާއިރާ އިންނެވެ.