ރިޔާސީ އިންތިހާބު ބޯމަތިވެ، ސިޔާސީ ވެރިން ރައްޔިތުންގެ ގާތަށް ގޮސް، ބަދިގެ ތެރެއިންނާއި ކާމޭޒު ދޮށުން އަދި މަގުމަތިންނާއި ސައި ހޮޓާ ފަދަ ތަންތަނުން މަސައްކަތު ފަންތީގެ އާއްމުންނާ ބައްދަލުކޮށް އެ ފަރާތްތަކަށް ތާއީދާއި ވޯޓު ހޯދުމަށް އާދޭސް ކުރާ ދުވަސްވަރު ޖެހުނީ އެވެ. މިއޮތީ ބަލި އެނދުގައި އޮންނަ މުސްކުޅި މަންމަ، ބައްޕަ، ކާފަ ނުވަތަ މާމަ އަދި ގޭދޮށުގައި ކުޅެން އުޅޭ ކުޑަކުދިންނާ އެކު ފޮޓޯ ނެގުމާއި ސިޔާސީ އެތަކެއް ނުފުއްދޭ ވައުދުތަކުން އާންމު ރައްޔިތުން ވާވެއްދުމަށް އެތަކެއް ސިޔާސީ ބައްދަލުވުމާއި، ޖަލްސާތަކާއި ކެމްޕޭން ހަރަކާތްތަކުން މުޅި ގައުމު ހަލަބޮލި ކޮށްލާ ދުވަސްވަރު ލައިގަނެފަ އެވެ.
ޑިމޮކްރެޓިކް ނިޒާމް ބިނާކޮށްފައި އޮންނަނީ ހަމައެކަނި ސިޔާސީ އިންތިހާބުތަކަށް ރައްޔިތުން ބަރޯސާވާ ގޮތަށެވެ. ރައްޔިތުންގެ ކަންކަން ނިންމުމުގައި ބަސް ބުނަން އޮތީ ހަނި ފުރުސަތެކެވެ. އެއީ ފަސް އަހަރުން އެއްފަހަރު އޮންނަ އިންތިހާބުގައި ލާ ވޯޓެއްގެ ސިފައިގަ އެވެ. ހަމައެކަނި އާންމު އިންތިހާބުތަކުގައި ވޯޓު ލުމަށް ލިބޭ ދެތިން ސިކުންތުގެ މައްޗަށެވެ. ސިޔާސީ ޕާޓީތަކާއި، ރައްޔިތުންގެ މަޖިލިސް، އަދި ސަރުކާރާއި ދައުލަތުގެ އެހެނިހެން މުއައްސަސާތައް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރެވޭނެ އެއްވެސް ގޮތެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މިކަމުން ދޭހަވަނީ ހަމައެކަނި ސިޔާސީ އިންތިހާބުތަކަށް ބަރޯސާވެފައި އޮންނަހާ ހިނދަކު ރައްޔިތުން އެދޭ ބަދަލެއް ނުގެނެވޭ ކަމެވެ.
ފެންނަން އޮތް ހަގީގަތަކީ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ކަމަށް ބުނާ ނިޒާމުގެ ތެރެއިން އިންތިހާބުތަކެއް އޮތް ކަމުގައިވިޔަސް އާންމު ރައްޔިތުންގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް ކަމެވެ. މި ކަންކަމާ މެދު ފިކުރުކޮށް މިހެން މިކަން ދިމާވާ ބައެއް މުހިންމު ސަބަބުތަކާ މެދު ހިޔާލު ބަދަލު ކޮށްލުމަކީ މިހާރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ.
ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ނެތުން
ރާއްޖޭގައި އުފެދިފައި ހުރި ހުރިހާ ސިޔާސީ ޕާޓީތަކަކީ ހިޔާލާއި ވިސްނުމާއި ފިކުރު އަދި ފަލްސަފާގެ ގޮތުން އެއްގޮތް ޕާޓީތަކެކެވެ. ކަނާއަތުފިޔައިގެ ބޮޑެތި ފައިސާވެރިން އިތުރަށް މުއްސަނދި ކުރުވާ ފިކުރުތަކާއި ސިޔާސަތުތަކުގެ މައްޗަށް ހިންގާ އަދި ކުރިއަރުވަމުން އަންނަ ޕާޓީތަކެކެވެ. ރައްޔިތުންނަށް ދެއްކުމަށްޓަކައި ނަމެއްގައި ޑިމޮކްރެޓިކް ނިޒާމުތަކެއް ޕާޓީތެރޭގައި އެކުލަވާލާފައި ވީކަމުގައިވިޔަސް ފެންނަން އޮތް ހަގީގަތަކީ ޕާޓީތަކުން އެ ޕާޓީތަކުގެ އާންމު މެންބަރުން ތަމްސީލު ނުކުރާ ކަމެވެ. ޕާޓީތެރޭގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އާންމު މެންބަރުންނަށް ބަސް ބުނެވޭނެ ނިޒާމެއް ނެތްކަމެވެ. ޕާޓީގައި ހުރި ބޮޑެތި މައްސަލަތަކުގެ ތަފްސީލީ ދިރާސާތަކާއި ކަރުދާސްތަކެއް ވެސް އަމުދުން ހަދާފައި ނެތެވެ. ސިޔާސީ ޕާޓީތަކުގައި އަބަދުވެސް މަތީ ފަޑީގައި ތިބެ ގޮތްކިޔާ ކަންކަން ނިންމަނީ ބޮޑެތި ފައިސާވެރިންގެ ނުފޫޒުން ޕާޓީގެ އެކި ގުނަވަންތަކަށް ނަމެއްގައި ހޮވާފައިތިބޭ ބައެކެވެ.
ޕާޓީތަކުގެ މެންބަރުންގެ އަދަދުގެ މައްސަލަ އާއި ޕާޓީގެ ގުނަވަންތަކުން މަސައްކަތް ކުރަން ޖެހޭ ގޮތަށް މަސައްކަތް ނުކުރުމާއި، ޕާޓީ ތެރޭގެ ނިޒާމުތައް ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކުރުމާއި ފޮރުވިފައިވާ ގޮތަށް ނިންމުންތައް ނިންމުމަކީ އާންމު ކަމެކެވެ. މިސާލަކަށް 2013-2018 އަށް ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީއާ ދެކެވުނު ސިޔާސީ ވާހަކަތައް، ކޯލިޝަން ހެދުމާއި އަދި ކޯލިޝަން ލީޑަރުންނާ އެކު ހެދި އެއްބަސްވުންތަކާއި އަދި އެކި އިރު ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި ދެކެވޭ އެތަކެއް ވާހަކަތަކާއި ނިންމުންތަކަކީ ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާއި ފިކުރު އޭގައި ހިމެނޭ ކަންކަމެކޭ ބުނެވޭކަށް ނެތެވެ.
މިގޮތުން ވަކި މީހަކު ނައިބުރައީސް ކަމަށް ގެނައުމަށްޓަކައި ގާނޫނުއަސާސީ ބަދަލުކުރުމާއި، ބޭރު ފަރާތްތަކަށް ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމާއި، އަދި ސިޔާސީ ޕާޓީތަކުގެ ބިލު ބަދަލުކޮށް ކުދި ޕާޓީތަކަށް އޮތް ސިޔާސީ ފުރުސަތު ހަނި ކުރުމާއި ޕާޓީގެ އެތެރޭގެ ބަހެއް ނެތި ޕާޓީ ޕްރައިމަރީ ނުބާއްވާ ވަކި މީހަކަށް ރިޔާސީ ޓިކެޓް ހަވާލު ކުރުން ކަހަލަ ޑިމޮކްރަޓިކް ހަމައާއި އުސޫލާ ހިލާފު އެތައް ކަމެއް ޕާޓީތަކުން ކޮށްފައިވެއެވެ.
ސިޔާސީ ޕާޓީ ހިންގާގޮތާ މެދު ސުވާލު ކުރާނެ ޖާގައެއް އާންމު މެންބަރުންނަކަށް ނެތެވެ. މައްސަލަތައް ހުށައަޅައި ބެލޭނެ ހަރުދަނާ ނިޒާމުތަކެއް ވެސް އެކުލަވާފައި ނެތެވެ. މިސާލަކަށް ގޮފިތައް އުފެއްދުމާއި މެންބަރުން ތިބި އަދަދާއި، ގޮފިތަކުން މަގާމުތަކަށް ހޮވޭ ގޮތާއި، ގޮފިތަކުން ކުރަންޖެހޭ ކަންކަން ޕާޓީގެ އަސާސީ ގަވައިދުގައި އަދި ހިންގާ ނިޒާމުގައި ސާފުކޮށް ބަޔާން ކޮށްފައެއް ނެތެވެ. އަދި ޕާޓީތަކުން އަންނަ ސިޔާސީ ވެރިން ވެރިކަމަށް އައުމަށް ފަހު އާންމު ރައްޔިތުންގެ އިޖުތިމާއި، އިގުތިސާދީ އަދި ސިޔާސީ ކަންކަން ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ޕާޓީތަކުގެ އިސްވެރިން އާންމު މެންބަރުން ބޭނުން ކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކެމްޕޭނު ކުރުމަށާއި، އިންތިހާބުތަކުގައި ވޯޓު ހޯދައި، އެ ފަރާތްތަކަށް ސިޔާސީ ބާރު ހޯދައި ދެމެހެއްޓުމަށެވެ. ސިޔާސަތުކާއި ގާނޫނުތަކާއި ގަވާއިދުތައް އަދި ހަދާފައިވާ އުސޫލުތަކުން ފައިދާވަނީ ބޮޑެތި ފައިސާވެރިންނަށާއި ސިޔާސީ ފަރާތްތަކަށެވެ. ނަތީޖާއަކީ އާންމު ރައްޔިތުންގެ ހާލަތު ދުވަހުން ދުވަހަށް ފަގީރު ކަމުގެ ތެރެއަށް ވެއްޓި، ބޮޑެތި ތަފާތު ކުރުންތަކާއި ނަހަމަކަން އިތުރުވެ ހާސްކަމުގެ ވިހަ ބުރެއްގެ ތެރޭގައި އިންސާނާ ތާށިވެ ގައިދުވުމެވެ.
އިންތިހާބުތަކާ ގުޅުވައި ބޮޑެތި ސިޔާސީ ފާރަތްތަކުން ދައްކާ ވާހަކަތަކުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމާ ގުޅޭ އެތަކެއް ވާހަކަތަކެއް ވޯޓު ހޯދުމުގެ ބޭނުމުގައި ދައްކަ އެވެ. މިސާލަކަށް ވިހެއުމުން ހަ މަހުގެ ޗުއްޓީ ލިބުމާއި ސްކޫލް ކުދިންނަށް ކިރާއި ދޮންކެޔޮ ދިނުން، ކައިވެނި ކުރާ ޒުވާނުންނަށް ފްލެޓް ދިނުން، އަދި މިނޫން ވެސް މި ބާވަތުގެ އެތަކެއް ވައުދުތަކެވެ. ނަމަވެސް ވިހެއުމުން ހަ މަހުގެ ޗުއްޓީއެއް ލިބެނީ ހަމަ އެކަނި ސަރުކާރު މުއައްޒަފުންނަށެވެ. ހުރިހާ މަސައްކަތްތެރިންނަށް މިފަދަ ސިޔާސަތުތަކުން ހަމަހަމައަށް ފައިދާއެއް ނުލިބެއެވެ.
މިއީ ދެކޮޅު ނުޖެހޭ ތަންފީޒު ނުކުރެވޭ ސިޔާސަތުތަކެކެވެ. ހާއްސަކޮށް މަސައްކަތުފަންތި އަށް ނިސްވަތްވާ އަންހެނުންނަށާއި ޒުވާނުންނަށް ސިޔާސީ މައިދާނުގައި ކުރިއަށް ދާނެ ފުރުސަތުފަހިކޮށް ނުދޭ ކަމީ ފާހަގަކުރަން ޖެހޭ މުހިންމު މައްސަލައެކެވެ. ކުރިއަށް ދިޔުމުގެ ފުރުސަތު އޮތީ ނުފޫޒުގަދަ އާއިލާތަކާއި، އެ ފަރާތްތަކުގެ ގާތް ތިމާގެ މީހުން ނުވަތަ ބޮޑެތި ފައިސާވެރިންނަށާއި އެ މީހުންގެ ގާތް ތިމާގެ ފަރާތްތަކަށެވެ.
ފައިސާއާއި ސިޔާސީ ނުފޫޒު
ސިޔާސީ ޕާޓީތކަށާއި ސިޔާސީ ވެރިންނަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ ބޮޑެތި ފައިސާވެރިންނެވެ. ސިޔާސީ ޕާޓީތަކަށާއި ސިޔާސީ ފަރާތްތަކަށާއި އަފަރާތްތަކުގެ ކެމްޕޭނުތަކަށް ފައިސާވެރިން އެތަކެއް ސަތޭކަ މިލިއަނުން ހަރަދު ކުރެއެވެ. ބޭނުމަކީ ފައިސާވެރިން ބޭނުންވާ ކަނާއަތުފިޔައިގެ މުއްސަނދިން އިތުރަށް މުއްސަނދި ކުރާ ސިޔާސަތުތަކާއި ގާނޫނުތަކާއި ގަވާއިދުތައް އަދި އުސޫލުތައް ކުރިއެރުވުމެވެ. ރައްޔިތުންގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ނުހައްގުން ތިމާމެންގެ މުއްސަނދިކަން އިތުރު ކުރުމެވެ.
މިސާލަކަށް ރިޒޯޓުތަކުގެ ބިމު ކުލި ކުޑަކުރުމާއި، އެ ފަރާތްތަކަށް ފައިދާވާ ގޮތައް ވަޒީފާގެ ގާނޫނު ބަދަލުކޮށް މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރުމާއި އެންމެ ދަށު އުޖޫރަ ކަޑައެޅުމާއި ރަށްތައް ކުއްޔައް ދޫކުރާ މުއްދަތު އިތުރުކުރުމާއި ޓެކްސް ނުދެއްކި ކަމުގައިވިޔަސް އަދި ޓުއަރިޒަމް ބޭނުމަށް 85 ރަށް ދޫކުރެވި ތަރައްގީ ނުކުރެވި އޮތް އިރު ވެސް އިތުރު ރަށްތައް ކުއްޔަށް ދޫކުރުމާއި ރައްޔިތުންގެ ފައިސާއިން ރިޒޯޓުތައް ތަރައްގީ ކުރުމަށް ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ދިނުން ފަދަ އެތަކެއް ސިޔާސަތުތަކެވެ. އެކި އެކި ދިރާސާތަކުންނާއި ތަރައްގީގެ ރިޕޯޓުތަކުން ފެންނަން އޮތީ ޓުއަރިޒަމް އިން ލިބޭ ފައިދާ އާންމުންނަށް ހަމަހަމައަށް ބެހިގެން ނުދާ ކަމެވެ.
ސިޔާސީ ޕާޓީތަކަކީ އާންމު މެންބަރުންގެ ހިޔާލުތަކާއި ވިސްނުމާއި ފިކުރުތަކެއްގެ މައްޗަށް ހިންގާ އަދި ކުރިއަރުވާ ޑިމޮކްރަސީގެ އަސާސްތަކުގެ މައްޗަށް ހިންގަންޖެހޭ ޕާޓީތަކެކެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން ސިޔާސީ ކަންކަމަށް ފައިސާ ހޯދާ ގޮތާއި ހަރަދު ކުރާ ގޮތުގެ ތަފްސީލު ހާމަ ނުކުރެ އެވެ. ވުމާ އެކު ސިޔާސީ ޕާޓީތަކަކީ އާންމު މެންބަރުން ތަމްސީލު ކުރާ ޕާޓީތަކެއް ނޫން ކަމަށް ދެކެވޭނެ ޖާގަ އެބައޮތެވެ. ސިޔާސީ ޕާޓީތަކަކީ ބޮޑެތި ފައިސާވެރިންގެ މުށުތެރޭގައި އޮންނަ އެ ފަރާތްތަކުގެ ފައިދާ އާއި މަންފާ އަށް މަސައްކަތްކުރާ ހަތިޔާރެއްކަން ސާފުކޮށް މިއޮތީ ފެންނާށެވެ.
އިގްތިސާދު ބޮޑެތި ފައިސާވެރިންގެ މުށުތެރޭގައި
އިގުތިސާދަކީ ހަމައެކަނި ފައިސާވެރިން ކުރިއަރުވާ ކަމެއްގެ ގޮތުގައި ދެއްކުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރެ އެވެ. އިންވެސްޓަރުންގެ އިތުބާރު އުފައްދާ ވާހަކަތަކާއި ވަޒީފާގެ ފުރުސަތު ތަނަވަސް ކުރާ ވާހަކަ އާއި ގައުމުގެ ތަރައްގީ ބިނާވެފައި ވަނީ ބޮޑެތި ފައިސާވެރިންގެ މިންނެތް ބުރަ މަސައްކަތުން ކަމުގައި ދެއްކުމުގެ ވާހަކަތައް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން އެކި މީޑިޔާތައް މެދުވެރިކޮށް ކުރިއަރުވައެވެ.
ނަމަވެސް އިގުތިސާދު ތަރައްގީކޮށް ކުރިއަރުވަނީ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުންނެވެ. ބޭނުންކުރަނީ ރައްޔިތުންގެ މުދަލާއި ހިދުމަތެވެ. ރައްޔިތުންނާއި ނުލާ އިގުތިސާދެއް ނޯންނާނެ އެވެ. އިގުތިސާދު ބިނާކުރުމަށް ބޭނުން ކުރަނީ ވެސް ރައްޔިތުންގެ މުދަލާއި ފައިސާ އެވެ.
ވޭތުވެ ދިޔަ ހުރިހާ ސަރުކާރަކުން ވެސް ބެލީ މުއްސަނދިން އިތުރަށް މުއްސަނދި ކުރުވާ ކަނާއަތުފިޔައިގެ ސިޔާސަތުތައް ކުރިއެރުވުމަށެވެ. މިސާލަކަށް ރިޒޯޓުތައް 50 އަހަރަށް ކުއްޔަށް ދިނުން، ރިޒޯޓުތައް 99 އަހަރަށް ކުއްޔަށް ދިނުން، ބިން ވިއްކުމާއި، ރިޒޯޓުތަކުގެ ކުލި މާފު ކޮށްދިނުން، އިތުރު ރަށްތައް ޓުއަރިޒަމް ތަރައްގީ ކުރުމަށް ހުޅުވައިލުން، މަސައްކަތްތެރިން ލައްވާ މައްސައްކަތް ކުރުވުމަށް ފުރުސަތު ތަނަވަސްކޮށްދިނުން ފަދަ އެތަކެއް ސިޔާސަތުތަކާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކެވެ.
މިކަންކަމުން ރާއްޖޭގައި ތަފާތުކުރުންތައް ބޮޑުވެ ފަންތިތަކުގެ މެދުގައި އޮތް ފަރަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ފުޅާ ވަމުންނެވެ. ފަގީރުން އިތުރަށް ފަގީރު ވުމާއި، ތަފާތު ކުރުންތައް އިތުރު ވުމާއި، އަދި ނަހަމަކަން އަންނަނީ އިހުނަށް ވުރެ ބޮޑު ވަމުންނެވެ. ރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ އާއި ނަފާ ލިބެނީ މަދު ބޮޑެތި ފައިސާވެރި އާއިލާތަކަށެވެ. މުއްސަނދިނަށް ބައްޓަން ކޮށްފައި އޮންނަ ލަގްޒަރީ ޓުއަރިޒަމް ސިނާއަތުން ރާއްޖޭގެ އާންމު ރައްޔިތުންނަށް ލިބެންޖެހޭ ވަރާއި ގާތަށް ވެސް މުއްސަނދިކަން ބެހިގެނެއް ނުދެއެވެ. ރައްޔިތުންގެ ހިއްސާ އޮންނަ އިގުތިސާދެއް ބިނާ ކުރެވޭނީ މި ސިނާއަތްތަކުގެ ކޮންޓްރޯލު މަސައްކަތްތެރިން ނަގައި މަސައްކަތު މާހައުލަށް ޑިމޮކްރަސީ ގެނެސްގެނެވެ.
ބަދަލުގެ މަގުން ވިސްނާ ކުރިއަށް ފިޔަވަޅު އަޅަން ފެށުން
މަތީގައި ފާހަގަ ކުރެވުނު ކަންކަން މިހެން ހުރި އިރު އާންމު ރައްޔިތުންގެ އިޖުތިމާއީ، އިގުތިސާދީ އަދި ސިޔާސީ ކަންކަން ބަދަލު ކުރެވޭނީ މިހާރު ރާއްޖޭގައި އުފައްދާފައި ހުރި ކަނާއަތުފިޔައިގެ ކެޕިޓަލިސްޓް ސިޔާސީ ވިސްނުމާއި ފިކުރު އަދި ފަލްސަފާތަކުން ދުރުވެ، ބޮޑެތި ފައިސާވެރިންގެ ނުފޫޒުތަކުން އެއްކިބާވެ، އާންމު އިންތިހާބުތަކުގެ ބޭރުން މަސައްކަތުފަންތި އަށް ނިސްބަތްވާ ފަރާތްތަކުން އިސްވެ ސިޔާސީ ހަރަކާތްތައް ރާވައި އަދި ސިޔާސީ ތަޖުރިބާ އާއި ތައުލީމު އަދި ހުނަރުތައް ކުރިއަރުވައިގެނެވެ. މިހާރު ސިޔާސީ ގޮތުން ބަސްބުނުމާއި، ކަންކަން ނިންމުމުގައި ބާރާއި ނުފޫޒު އޮތީ ބޮޑެތި ފައިސާވެރިންނާއި އަދި މިފަރާތްތަކާއި ގުޅުފައިވާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިން އަތުގައި އެކަންޏެވެ.
އަހަރެމެން އާންމު ރައްޔިތުން ވިސްނާ ފިކުރު ކުރަންވީ ތަނަވަސް ގައުމެއްގައި ގިނަ މީހުން ނުތަނަވަސް ކަންމަތީ ތާއަބަދު އުޅެން ނުޖެހޭ ކަމެވެ. މިކަން ބަދަލު ކުރެވޭނީ އާންމު އިންތިހާބުތަކުގެ ބޭރުން އިޖުތިމާއި، އިގުތިސާދީ އަދި ސިޔާސީ ކަންކަން ބަދަލު ކުރަން މަސައްކަތް ކޮށްގެން ކަމެވެ. އަހަރެމެންގެ ވިސްނުމާއި ފިކުރު އަދި މަސައްކަތާއި ވަގުތު މަސައްކަތުފަންތީގެ މިނިވަންކަމާއި ހައްގުތައް ކަށަވަރުކުރުމަށް ހުސްކޮށްގެންނެވެ. މަސައްކަތްތެރިން ބަދަހި ގުޅުމަކުން ގުޅިގެނެވެ. މިނިވަންކަމާއި ހައްގުތައް ހަނިކޮށް އަދި މަސައްކަތްތެރިން ބިކަވާ ޒާތުގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމާއިރު އެކަމާއި ދެކޮޅުހަދާ އިހުތިޖާޖުކުރެވޭ ވަރުގެ ބާރެއްގެ ގޮތުގައި ގުޅިލާމެހިގެންނެވެ. އެކަކު އަނެކަކަށް އިތުބާރު އުފައްދައި އެހީގެ އަތްތައް ފޯރުކޮށްދީގެނެވެ. ލޯތްބާއި އަޅާލުމާއި ކުލުނުގެ ނަޒަރަކުން ދެކިގެނެވެ.
އެޑިޓަރުގެ ނޯޓް: އަހްމަދު މުހައްމަދު (ފޯމީ) އަކީ މިނިވަންކަމާއި ހައްގުތައް ރައްކާތެރިކޮށް، އަދި ތަފާތެއް ނެތި ހުރިހާ ރައްޔިތުންނަށް މިނިވަންކަން ކަށަވަރުކުރަން ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގައި އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.