އޮޅުންބޮޅުން: ރައްޔިތުންގެ މަޖިލީހުގެ ނިންމުން

ތިން ބާރު ވަކިވެފައި އޮންނަ ގައުމުތަކުގައި ވެސް، އަދި ހުރިހާ ބާރެއް އެއްވެފައި އޮންނަ، ޑެމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަން ހިންގާ ގައުމުތަކުގައި ވެސް ޤާނޫނު ހެދުމުގެ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. ޑެމޮކްރެޓިކް ހަމަތަކުން ހިނގާ ކަމަށް ދެއްކެން ބޭނުންވާ ގައުމުތަކުގައި ވެސް ޤާނޫނު ހެދުމުގެ އެންމެ ބޮޑު ބާރެއް ކަމަށް ދައްކަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހެވެ. އެތަނެއްގައި އޮންނަ ވެރިކަމަކުން ބޭނުންވާ ގޮތަކަށް ބިލްތައް ފަރުމާކުރެވިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ފިއްޔެއް ވެސް ބަދަލު ނުކޮށް ބިލްތައް ފާސްކޮށްދޭ މަޖިލީސް މަދުން ނަމަވެސް ހުރެ އެވެ. އޭގެ ތެރެއިން ބައެއް މަޖިލީހަށް ރަބަރު ތައްގަނޑު ޖަހައިދޭ މަޖިލީހޭ ވެސް ބައެއް ފަރާތްތަކުން ކިޔަ އެވެ. ޤާނޫނަކަށް ވުމަށް މަޖިލީހުގެ ރުހުން ހަމައެކަނި ނަމަކަށް ވިޔަސް ބޭނުންވަނީ އެވެ. ޑެމޮކްރެެޓިކް ހަމަތައް މުޅިން ޤަބޫލުނުކުރާ ގައުމުތަކުގައި ވެސް ޤާނޫނަކަށް ވުމަށް އެތަނެއްގައި އޮންނަ މަޖިލީހެއްގެ ރުހުން ބޭނުންވެ އެވެ.


މަޖިލީހުގައި ތިބެނީ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުން ވޯޓުލައިގެން ހޮވާފައި ތިބޭ ބައެކެވެ. ރައްޔިތުން އެމައްޗަށް އަމަލުކުރަން ޖެހޭނެ ޤާނޫނުތައް ރައްޔިތުންގެ މަންދޫބުންގެ ޚިޔާލާ އެކު ފާސްކުރުމަށެވެ. އެނޫން ގޮތަކަށް ޤާނޫނެއްގެ ނަމުގައި ނުކުންނަ އަމުރުތަކަކަށް ރައްޔިތުން ތަބަޢަވާކަށް ނުޖެހެ އެވެ. މިހެންވުމުގެ ސަބަބުން ޤާނޫނެއް އެކުލަވާލެވޭއިރު، އެ ޤާނޫނެއް ތަންފީޒުކުރާ ފަރާތަށް ލިބިދެވޭ ބާރުތައް އެ ޤާނޫނެއްގައި ހާމަކުރެވިފައި އޮވެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ޤަވައިދު ހެދުމުގެ ބާރާއި، އެންމެ ކުޑަ މިނުން ޖޫރިމަނާ ކުރެވޭނެ ވަރާއި އެންމެ ބޮޑަށް ޖޫރިމަނާ ކުރެވޭނެ މިންވަރެވެ. އަދި ޖޫރިމަނާކުރެވޭނެ މައިގަނޑު ކަންތައްތަކެވެ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ޤާނޫނުތަކެއް ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުން ނޫން އެހެން ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވުނެވެ. ބިލެއް ޤާނޫނަކަށް ވުމުން އެއަށް އަމަލުކުރަން ޖެހޭ ފަރާތަކުން އެ ޤާނޫނެއް ތަންފީޒުކުރަމުން ގެންދަނީ އެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހެދުމުގެ އެންމެ ބޮޑު ބާރު ކަމަށް ވާތީވެ އެވެ. އެތަނުގެ ޤަވައިދާ އެއްގޮތަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކޮށްފައި އޮތް ލިއުމުން ފެންނަން އޮތް ޤާނޫނުއަސާސީއާ ޚިލާފް ނުވާހާ ހިނދަކު މަޖިލީހުގެ ފާސްކުރުމުގެ ސައްޙަކަމާ މެދު އެއްވެސް ތާކަށް ގޮންނުޖެހޭނެ އެވެ. ނުބެލޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބިދޭސީންނަށް ބިން ވިއްކޭ ގޮތަށް ޤާނޫނު ބަދަލުކުރި އެވެ. އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްކޮށް ތިއްބަ އެވެ. ރައްޔިތުންގެ މަޖިލީހުން، އުމުރުން 65 އަހަރު ފުރިފައިވާ މީހުންގެ މަދަނީ ޙައްޤަކުން މަޙްރޫމްވާ ގޮތަށް ރިޔާސި އިންތިޚާބަކަށް ކުރިމަތި ނުލެވޭނެ ގޮތަށް ފާސްކުރި އެވެ. އިންތިޚާބެއްގައި ވޯޓުދެނީ ރައްޔިތުންނެވެ. އުމުރުން ސަތޭކަ އަހަރު ފުރިފައިވާ މީހަކު ކުރިމަތިލިޔަސް އެމީހަކު ހޮވޭނީ ރައްޔިތުން އެމީހަކަށް ވޯޓުލިއްޔާ އެވެ.

ފާއިތުވި ކައުންސިލް އިންތިޚާބުގައި ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އެކަކަށް އެންމެ ވޯޓެއް ވެސް ނުލިބެ އެވެ. އޭގެ މާނައަކީ ކޮންމެވެސް ސަބަބަކާ ހުރެ އޭނާގެ އަމިއްލަ ވޯޓު ވެސް އޭނާއަށް ގެއްލުނީ އެވެ. ވަކި މީހަކަށް ނައިބު ރައީސްކަން ދޭންވެގެން، އުމުރު ހަގުކުރަން ޤާނޫނަށް ބަދަލު ގެނަ އެވެ. އެކަމުގެ ސަބަބުން ފައިދާއެއް ވުމުގެ ބަދަލުގައި "ބޮނޑިބުއީއެވެ".

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ޢިލްމީ ފަނޑިޔާރަކު މަޤާމުން ވަކިކުރެއްވި އެވެ. އެބޭފުޅުން ގޯހެއް ހައްދަވައިގެނެއް ނޫނެވެ. އެބޭފުޅުން މަޤާމުން ވަކިކުރުމަށް ފަހު "ނާޤާބިލުކަމުގެ" ޕެންޝަނު ވެސް ދެއްވި އެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިސްކޮށް، ވަކިކުރެވެނީ މަޖިލީހުގެ ވޯޓަކުންނެވެ. އަދި އެހެނިހެން ފަނޑިޔާރުން ވެސް މަޤާމުން ވަކިކުރެވެނީ މަޖިލީހުގެ ވޯޓަކުންނެވެ. ޤާނޫނު ހެދުމުގެ ބާރު އޮތީ ކޮން ފަރާތެއްގައި ކަމާ މެދު އެއްވެސް ޝައްކެއް އެބަ އޮތްތޯ އެވެ؟ މަޖިލީހުން ކަމެއް ފާސްކުރުމުން އެކަމެއް ފާސްކުރުމުގެ ނިޔަތް ހޯދަން އުޅުމުގެ ބޭނުމެއް ނެތެވެ. މަޖިލީހުން ކުރާ ބައެއް ފާސްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ސިއްކަ ނުޖައްސަވައިފި ނަމަ، ބޭނުންވެއްޖެ ހިނދެއްގައި އެކަމެއް މަޖިލީހުން ކުރިޔަށް ގެންދިއުމުގެ ޤަވައިދެއް ވެސް މަޖިލިހުގައި އޮވެ އެވެ. ކަމެއް ކުރަން ބޭނުން ނަމަ އެކަމެއް ކުރަންވީ މަޖިލީހުން އެކަމެއް ފާސްކުރުމުގެ ކުރިންނެވެ. ފާސްކުރުމަށް ފަހު އެކަމަކަށް ބަދަލެއް ގެނެވޭ ނަމަ އެ ބަދަލެއް ގެނެވޭނީ ވެސް މަޖިލީހުގެ ތެރެއިންނެވެ. ބަދަލެއް ގެންނަންވާނީ ވެސް މަޖިލީހުގެ ތެރެއިންނެވެ.

މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާއިރު އިތުބާރު ނެތް ކަމަށް ފެންނަ ސަބަބުތައް އެކަމަކަށް ތާއީދުކުރައްވާ މެންބަރުން ދެއްވާނެ އެވެ. އަދި އެކަމާ ދެކޮޅުހައްދަވާ މެންބަރުން އެއީ ޙަޤީޤަތެއް ނޫން ކަމަށް ދައްކަން ސަބަބުތައް ވެސް ދައްކަވާނެ އެވެ. އިތުބާރު ނެތް ކަމަށް މަޖިލީހުން ބޭނުންވާ އަޣްލަބިއްޔަތުން ފާސްވެއްޖެ ނަމަ އެހިސާބުން އެކަންތައް ނިމުނީ އެވެ. މަޖިލީހުން ނިންމަނީ ސިޔާސީ ނިންމުމެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުއަސާސީގައި އޮންނަ ގޮތުންނާއި ޤާނޫނުގައި ބުނާ ގޮތުން މަޖިލީހުން ކަމެއް ފާސްކުރުމުން އެކަމާ މެދު ސުވާލު އުފެއްދޭނެ އެހެން އެއްވެސް މުއައްސަސާއެއް ދިވެހި ފަސްގަނޑުގައި ނުއޮންނާނެ އެވެ. ތަރުޖަމާކުރާ ޤާނޫނުއަސާސީގައި އޮންނަ ގޮތެއް ނޭނގެ އެވެ.

މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކުރާ ކަމެއް އެއްވެސް މުއައްސަސާއަކުން ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައިފި ނަމަ ވާނެ ގޮތަކަށް ބަލައިލަމާތޯ އެވެ؟ ކުރިން ވެސް ދެންނެވި ފަދައިން މަޖިލީހުން ކަމެއް ފާސްކުރެވޭނީ އެކަމަކަށް ބޭނުންވާ އަޣްލަބިއްޔަތު އޮވެގެންނެވެ. މަޖިލީހުން، އެ މުއައްސަސާއަކުން ނިންމި ނިންމުމަކީ ބާތިލު ނިންމުމަކަށް ހަދަން މަޖިލީހަށް މައްސަލައެއް ވެއްދިދާނެ އެވެ. އެކަން ހަމަޖެހެނީ ޤާނޫނުއަސާސީ އަށް އިޞްލާޙެއް ގެނެސްގެން ކަމަށްވާ ނަމަ އެގޮތަށް ކުރިއަށް ގެންދިއުމަށް ވެސް މަސައްކަތް ކުރާނެ އެވެ. އެހެންނަމަވެސް މަޖިލީހުގެ ފާސްކުރުމާ ބެހޭ ގޮތުން މުއައްސަސާއަކުން ނިންމި ނިންމުން ބާތިލު ކުރުމަށް މަޖިލީހުން ބޭނުންވާނީ އާދައިގެ އަޣްލަބިއްޔަތެކެވެ. ދެން ނުކުމެދާނެ މައްސަލައަކީ މިފަދަ މައްސަލައެއް އެޖެންޑާކުރުމަށް މަޖިލީހުގެ ރިޔާސަތުން ފުރުޞަތު ނުދިނުމެވެ. އެހެންވެއްޖެ ނަމަ މަޖިލީހުގެ އެތެރޭގައި ހަމަނުޖެހުމެއް އުފެދޭނެ އެވެ. އެ ހަމަނުޖެހުން ބޭރަށް ފެތުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މަޖިލީހުގެ ބާރާ ބެހޭ ކަމެއްގައި ޕާޓީ ރޮނގު ހުރަސްކުރާނެ ބައިވަރު މެންބަރުން ތިބޭނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެ އެވެ. ޑެމޮކްރަސީގައި ތަޅުއަޅުވަން މިއުޅެނީ ކީއްވެތޯ އެވެ؟ ޤައުމުގައި ހަމަނުޖެހުން އުފެދިދާނެ ގޮތަށް ބައެއް ކަންކަން ނިންމަން މިއުޅެނީ ކިހިނެއް ވެގެންތޯ އެވެ؟ އަދިވެސް ސިޔާސީ ގޮތުން ތަސައްރަފު ނުފުދެނީތޯ އެވެ؟ ފޫނެތް ފަޔަކުން ފެން ފުރަންވީ ކީއްކުރަންތޯއެވެ؟