ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝިއައީންގެ މިސްކިތެއްގައި މިއަދު ހުކުރު ދުވަހު ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން މަދުވެގެން 31 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
ބޮން ގޮއްވާލާފައިވަނީ އިސްލާމްއާބާދުގެ ތަރްލައި ކަލާން ސަރަހައްދުގައި ހުންނަ ޚަދީޖާތުލް ކުބްރާ މިސްކިތުގަ އެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދިން ސަރަހައްދަށް ރެސްކިއު ޓީމުތައް ގޮސް މިހާތަނަށް 169 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.
އިސްލާމްއާބާދު ފުލުހުންގެ ތަރުޖަމާނު ތާކީ ޖަވާދުއާ ހަވާލާދީ ޑޯން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ގޮވުމުގެ އަސްލެއް އަދި ނޭނގެ" އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ.
އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެކެވެ. ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ އެ އެޖެންސީން ބުނީ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްލާމްއާބާދު ޑިސްޓްރިކްޓް ޖުޑީޝަލް ކޮމްޕްލެކްސްގައި ވެސް މީހަކު އަމިއްލައަށް މަރުވެގެން ހަމަލާދީ 12 މީހަކު މަރާލާފައިވެ އެވެ.