ފަލަސްތީނުގެ ރައްޔިތުންނާ އެކު ރާއްޖެ އަބަދުވެސް ސާބިތުކަމާ އެކު އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ބައިނަލްއަގުވާމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރައްޔިތުން ސުލްހަ އާއި މިނިވަންކަމާ އެކު ދިރިއުޅުމަކަށްޓަކައި ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށެވެ.
ދުވަހާ ގުޅުވައި ދެއްވި މެސެޖުގައި އެ މަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހިންގަމުންދާ އަނިޔާވެރިކަން ވަގުތުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.އަދި އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއްނެތި ފޯރުކޮށްދިނުން ކަށަވަރުކުރުން ކޮންމެހެން ބޭނުންތެރި ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން އަބަދުވެސް އދ. އާއި އިންޓަނޭޝަނަލް އެކި ތަންތަނުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައީސް ވަނީ ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓު (އައިސީޖޭ) ގައި އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ ޖަރީމާތަކުގެ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަނުމާއި އދ.ގެ ރިލީފް އެންޑް ވާކްސް އެޖެންސީ (އުންރުވާ)އަށް އެއްބާރުލުން ދިނުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރަމުން އަންނަކަން ވެސް ފާހަގަކުރައްވައިފަ އެވެ.
ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރަކަށް ހެދުމަށާއި އދ.ގެ ހުރިހާ ކަމެއްގައި ހަމަހަމަ ހައްގުތަކާ އެކު ބައިވެރިވުމުގެ ފުރުސަތު އެ ގައުމަށް ލިބެންޖެހޭނެ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން 1967ގެ ކުރިން އޮތް ގޮތަށް، ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅަފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ ތާއީދުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް އެރުވި އެވެ.
ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށް ވެސް ރައްކާތެރިކަމާއި އިންސާފާއި އެބައިމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާ އެކު ދިރިއުޅުމުގެ ހައްގު ފުރިހަމައަށް ލިބިދޭންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.