ސޯލް (އޮކްޓޯބަރު 18) - ސައުތު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުއެން-ހައި އަށް ޖަލުގައި ވަރަށް ހާލުގައި ޖައްސާ ކަމަށް އެކަމަނާގެ ވަކީލުން ބުނެފި އެވެ.

ކޮރަޕްޝަނާއި ވެރިކަމުގެ ބާރު ނަހަމަގޮތުގައި ބޭނުން ކުރިކަމުގެ ކުށުގައި ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް ފަހު ޝަރީއަތް ކުރިއަށް ދާތީ މިހާރު ޖަލުގައި ބަންދުކޮށްފައި ހުރި ޕާކުގެ އެތައް އިންސާނީ ހައްގެއް ނިގުޅައިގެންފައިވާ ކަމަށް ވަކީލުން ބުނެ އެވެ.

ޕާކުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ސީއެންއެން އަށް ފޮނުވި ލިޔުންތަކުގައިވާ ގޮތުން އުމުރުން 65 އަހަރުގެ ޕާކް ޖަލުގައި ހުންނަވާ ގޮޅީގެ ނުސާފުކަން ބޮޑެވެ. ގޮޅީގެ ފިނިކަމާއި މުޑުދާރުވުމުން އެކަމަނާ އަށް ރަނގަޅަށް ނުނިދޭ ކަމަށް ބުނެފައިވެ އެވެ. ޕާކް އޮންނަވަން ޖެހެނީ ގޮޅީގެ ތަޅުގަނޑު މަތީގައި ކަމަށް ވެސް ވަކީލުން ބުނެ އެވެ. އެކަމަނާގެ އުނަގަނޑާއި ކަކުލު ހުޅުގައި ރިއްސުމުގެ އިތުރުން ހަށިގަނޑު އަނަރޫފުވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. ޖަލުގައި ޕާކް ދިރިއުޅުއްވަން ޖެހޭ އުނދަގޫ ހާލަތާއި ހައްގުތަކުން އެކަމަނާ މަހްރޫމްކޮށްފައިވާތީ ވަކީލުންގެ ޓީމުން ވަނީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. މި ރިޕޯޓް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް މިއަދު ހުށަހަޅަން ވަނީ ހަމަޖެހިފަ އެވެ.

ޕާކް ބަންދުކޮށްފައި ހުރި ސޯލް ޑިޓެންޝަން ސެންޓަރުގެ ތަރުޖަމާން ވަނީ ޕާކާ މެދު އިހާނެތިކޮށް ކަންތައް ކުރާ ކަމަށް ބުނެ ވަކީލުން ދައްކާ ވާހަކަތައް ދޮގުކޮށްފަ އެވެ. ތަރުޖަމާން ބުނީ ޕާކު އޮންނަ ގޮޅި އަށް ފަށްޖަހާ ގޮދަނޑިއެއް ލާފައިވާ ކަމަށެވެ. އަދި ސޯލްގެ ޑިޓެންޝަން ސެންޓަރުތަކުގައި އެނދު ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.