ސައުތު ކޮރެއާގެ ކުރީގެ ރައީސް ޕާކް އަށް ނުފޫޒު ފޯރުވި ޗޮއި. --ފޮޓޯ:އޭއެފްޕީ
13 ފެބުރުއަރީ 2018 - 15:24
ސޯލް (ފެބްރުއަރީ 13) - ސައުތު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގެއިން- ހައި މަގާމުން ދުރު ކުރުމުގެ މެދުވެރިއަކަށްވި އެކަމަނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި-ސޫން 20 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
ސައުތު ކޮރެއާގެ ފުރަތަމަ އަންހެން ރައީސް ޕާކުގެ މައްޗަށް ތުހުމަތު ކުރި ކޮރަޕްޝަނުގެ މައްސަލަތަކުގައި އިސް ރޯލެއް އަދާކުރި ޗޮއި ވަނީ ކޮރަޕްޝަނުގައި ބައިވެރިވުމުގެ އިތުރުން ޕާކަށް ނުފޫޒު ފޯރުވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފަ އެވެ. ޗޮއި ވަނީ ޕާކުގެ އެޑްވައިޒަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. އަދި ޕާކްއާ އޮތް ގާތް ގުޅުމުގެ ނާޖާއިޒް ފައިދާ ނަގާ ޗޮއި ވަނީ ސައުތު ކޮރެއާގެ ބޮޑެތި ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ އިލެކްޓްރޯނިކް ކުންފުނި ސެމްސަން ވެސް ހިމެނެ އެވެ. އެ ތުހުމަތުގައި ސެމްސަންގެ ވެރިޔާގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ޗޮއިގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިތުރުން ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ވަނީ އޭނާ 18 ބިލިއަން ކޮރެއަން ވޮން (16.6 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ. ޗޮއިގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމް އިއްވިއިރު އޭނާ ދަނީ ކޮރަޕްޝަނުގެ ތުހުމަތުގައި މިހާރު ވެސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ސަރުކާރުގެ އެއްވެސް މަގާމެއް ނެތް ޗޮއި ވަނީ މަގާމުތަކަށް މީހުން ހަމަޖައްސާ ޕާކް ދައްކަވަން ޖެހޭ ވާހަކަތައް ތައްޔާރުކޮށްދީ އަދި ހެދުން އަޅުއްވަންވީ ގޮތް ވެސް ކިޔައިދީފަ އެވެ. ސަރުކާރުގައި އޮތް އޭނާގެ ނުފޫޒް ބޭނުންކޮށްގެން ކުންފުނިތަކުން ވަނީ ރިޝްވަތުގެ ގޮތުގައި އެތައް ފައިސާއެއް ހޯދައިފަ އެވެ. އޭނާ ފައިސާ ހޯދަމުން ދިޔައީ ޗެރިޓީއަކަށް އެހީ ހޯދުމުގެ ނަމުގަ އެވެ. އެ ކަމުގައި ޕާކް ވެސް ބައިވެރިވެޑައިގެންނެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ޕާކު މަގާމުން ދުރުކުރުމުގެ މައްސަލަ ޕާލަމެންޓަށް ވައްދާ އޭނާ މަގާމުން ދުރުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ރިޔާސީ އިމްތިޔާޒުތައް ނެގުމާ އެކު ޕާކުގެ މައްޗަށް ވަނީ ރިޝްވަތާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި ސަރުކާރުގެ ސިއްރުތައް ބޭރު ކުރުމުގެ ދައުވާ އުފުލައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް