ސައުތު ކޮރެއާގެ ކުރީގެ ރައީސް ހައްޔަރުކޮށްފި

ޚިޔާނާތުގެ މައްސަލަތަކެއްގައި މަގާމުން ވަކިކޮށްފައިވާ ސައުތު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގެއުން ހައި އެންމެ ފަހުން މިއަދު ހައްޔަރުކޮށްފި އެވެ.


ކޯޓުން ހުއްދަ ލިބުމާ އެކު، ސައުތު ކޮރެއާގެ ފުރަތަމަ އަންހެން ރައީސް، ގެންދިޔައީ ވެރިރަށް ސޯލްގެ ދެކުނުގައި ހުރި މަރުކަޒަކަށެވެ.

ކުރިން ސައުތު ކޮރެއާގެ ރައްޔިތުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮތް ޕާކްގެ ވެއްޓުމަކަށް ވީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޗޮއި ސޫން-ސިލް އަށް ދެއްވި ބާރުތަކެވެ. އެ ބާރު ބޭނުންކޮށްގެން ޗޮއި ވަނީ ސިޔާސީ ގޮތުން އެހީތެރިކަން ލިބޭނެކަމަށް ބުނެ ސައުތު ކޮރެއާގެ ކުންފުނިތަކުން ފައިސާ ނަގައިފަ އެވެ. އޭގެ ތެރޭގައި ސެމްސަންގް ވެސް ހިމެނެ އެވެ.

އެކަމަކު އޭގެ އެއްވެސް މުއާމަލާތެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ޕާކް ގެންދަވަނީ ވިދާޅުވަމުންނެވެ.

އޭނާ އަކީ ޖިނާއީ ތުހުމަތުތަކެއްގައި ހައްޔަރުކުރި ސައުތު ކޮރެއާގެ ތިން ވަނަ ރައީސް އެވެ. ޕާކްގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތު ނެންގެވުމާއި ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވުމާއި ދައުލަތުގެ ސިއްރު ހާމަކުރުން ހިމެނެ އެވެ.

އިއްޔެ އޮތް ކޯޓުގެ އަޑުއެހުން ނުވަ ގަޑިއިރަށް ދެމިގެން ދިޔަ އެވެ. އެ އަޑުއެހުމުގައި ޕާކް ވެސް އިންނެވި އެވެ.

"ކުރެވިފައިވާ ތުހުމަތުތަކަށް ބަލާއިރު، ހެކިތައް ނައްތާލުމުގެ ބިރު އޮތުމުން، [ޕާކް] ހައްޔަރުކުރުމަކީ ކުރަން ޖެހޭ ކަމެކެވެ،" ކޯޓުގެ ބަޔާނުގައިވެ އެެވެ.

ހައްޔަރުކޮށްފައި 20 ދުވަހު އޭނާ ބެހެއްޓޭނެ އެވެ. އެ މުއްދަތުގައި ރަސްމީކޮށް އޭނާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ 10 އަހަރުގެ ޖަލުގެ ހުކުމެއް އައުން އެކަށީގެންވެ އެވެ.