ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިސް" އަކީ އެކްޓަރު ޕޯލް ވޯކާގެ ހިއްސާ ވަރަށް ބޮޑު ފިލްމެކެވެ. އެއީ އެ ފިލްމުތަކަށް ލޯބިކުރާ މީހުން އަބަދުވެސް ހަނދާން ހުންނާނެ ކަމެކެވެ. ހާއްސަކޮށް ޕޯލް އާ އެކު މަސައްކަތް ކުރި ޓީމަށް އޭނާގެ ހަނދާންތައް ނައްތައެއް ނުލެވޭނެ އެވެ.
ކާރު އެކްސިޑެންޓެއްގައި ނޮވެމްބަރު 30، 2013 ގައި އޭނާ މަރުވި އިރު މިދިޔަ އަހަރު ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސް 7" ގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. ކުއްލި ގޮތަކަށް ޕޯލް، 40، ވަކިވެގެން ދިއުމުން، ފިލްމަށް ދެން ވާނެ ގޮތަކާ ދޭތެރޭ ވަރަށް ބޮޑަށް ސުވާލު ވެސް އުފެދުނެވެ.
"ފާސްޓް އެންޑް ފިއުރިއަސް 7" ސިނަމާތަކަށް އައީ ޕޯލްގެ ކޮއްކޮ ކޯޑީ ވޯކާ، ޕޯލްގެ ކެރެކްޓާ ފުރިހަމަކޮށް ދީގެންނެވެ.
މި ފަހަރު މިއޮތީ ޕޯލްގެ އެއްވެސް ބައިވެރިވުމެއް ނެތި ހަދާ އޭގެ އަށް ވަނަ ފިލްމުގެ މަސައްކަތެވެ. ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު، "ފާސްޓް އެންޑް ފިއުރިއަސް" ގައި ދެން އެންމެ މުހިއްމު ރޯލެއް އަދާކުރާ ވިން ޑީސަލް ވަނީ އޭނާގެ ހަނދާންތައް އާކޮށްފަ އެވެ.
ޑީސަލްގެ އިސްޓަގްރާމްގައި ޕޯލްގެ ފޮޓޯއަކާ އެކު އޭނާ ލިޔެފައިވާ މެސެޖްގައި ބުނެފައި ވަނީ ޓީމުން އޭނާ ވަރަށް ބޮޑަށް މިސްވާ ކަމަށެވެ. އަދި ޓީމުން މިހާރު ކުރަމުން އަންނަ މަސައްކަތާ ދޭތެެރޭ ވެސް ޕޯލް ފަހަރުވެރި ވާނެ ކަމަށް ޑީސަލް ބުންޏެވެ.
ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް "ފާސްޓް އެންޑް ފިއުރިއަސް" ގެ އަށް ވަނަ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އެޕްރީލް 12، 2017 ގަ އެވެ.
އެފް ގެރީ ގްރޭ ޑައިރެކްޓް ކުރާ ފިލްމުން ޑްވޭން ޖޯންސަން (ރޮކް)، ޖޭސަން ސްޓަތަމް އަދި ޗާލީޒް ތެރޮން ފަދަ މަޝްހޫރު ތަރިން ފެނިގެން ދާނެ އެވެ.