ޖަޔާ.
06 ނޮވެމްބަރ 2021 - 07:22
ޑައިރެކްޓަރު ކަރަން ޖޯހަރް މިހާރު ހަދަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ޖަޔާ ބައްޗަން ކުޅެނީ ނެގަޓިވް ރޯލެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ހަފުތާގައި މި ފިލްމާ ބެހޭ ގޮތުން ދެކެވުނު އެއް ވާހަކަ އަކީ ޖަޔާގެ އިތުރުން މީގެ ކާސްޓްގައި ހިމެނޭ ޝަބާނާ އާޒްމީ މީގެ ކުރިން ފިލްމަކުން ނުފެންނަހާ ސްޓައިލިޝްކޮށް، އެހާމެ ގްލެމަރަސް ކެރެކްޓާތަކަކުން ފެންނާނެ ވާހަކަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ޖަޔާ ލައްވައި ކަރަން ނެގަޓިވް ރޯލެއް ކުޅުވަން ބޭނުންވީ އަމީތާބް ބައްޗަންގެ އަންހެނުންގެ ކެރިއަރުގައި އަދި މިހާތަނަށް އެފަދަ ރޯލެއް ކުޅެފައި ނުވާތީ ތަފާތެއް ގެނެސް ދިނުމުގެ ގޮތުންނެވެ.
އެކަމަކު އެފަދަ ރޯލެއް ހުށަހެޅުމުން ހޮވުމަކަށް އޭނާވީ ކީއްވެތޯ ވެސް ކަރަން ގާތު، ޖަޔާ ވަރަށް ސުވާލުކުރި ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި ފިލްމަށް އޭނާ އެއްބަސްވީ ކަރަންގެ ފިލްމަކަށް ވެފައި، އޭގެ ސްކްރިޕްޓް ވެސް ވަރަށް ކަމުދިއުމުންނެވެ.
ކާސްޓްގައި ދަރުމެންދުރާ ވެސް ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އާއިލީ ލޯބީގެ ފިލްމެކެވެ. މި ފިލްމުން ފުރުސަތު ލިބުމުގެ ކުރިން ވެސް ކަރަންގެ ދެ ފިލްމެއްގައި ޖަޔާ މަސައްކަތް ކޮށްފައިވެ އެވެ. އެއީީ ކަރަންގެ ދެވަނަ ޑައިރެކްޝަން 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި ކަރަން ލިޔެ، ނިކިލް އަދުވާނީ ޑައިރެކްޓްކުރި 2003 ގެ "ކަލް ހޯ ނަ ހޯ" އެވެ. އެ ދެ ފިލްމުގައި ވެސް ޖަޔާ، 73، ކުޅުނީ އާއިލާ ދެކެ ވަރަށް ލޯބިވާ މައެއްގެ ރޯލެވެ.
އަންނަ އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy