ދުނިޔެ / އިރާގު

ބޮޑުވަޒީރަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ: އިރާގު

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކާޒިމީ (މ) އެ ގައުމުގެ ސަލާމަތީ މަޖިލީހުގެ މެމްބަރުންނާ އިއްޔެ ބައްދަލުކުރައްވަނީ. --އޭއެފްޕީ

08 ނޮވެމްބަރ 2021 - 13:35

1 comments

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކާޒިމީ އަވަހާރަކޮށްލަން، މިދިޔަ އާދީއްތަ ވިލޭރޭ މެންދަމުން އަލިވި ފަހުން، ދިން ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް، އިރާގުން އިއްޔެ ބުނެފި އެވެ.

ގޮވާ ތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެއް ބޭނުންކޮށްގެން، ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން ނާކާމިޔާބު ހަމަލާއާ ގުޅިގެން، ބޮޑުވަޒީރު ކާޒިމީ އިއްޔެ ވަނީ، އެ ގައުމުގެ ކެބިނެޓްގެ ސަލާމަތީ މަޖިލީހާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު، ކާޒިމީ ވިދާޅުވީ އެ ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށާއި، އެމީހުންގެ ފަހަތުން އިރާގުގެ ސަލާމަތީ ބާރުތައް ދާނެ ކަމަށެވެ.

އިރާގުގެ ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން ހަމަލާގައި ބޭނުންކުރީ، ގޮވާ ތަކެތި ހަރުކޮށްފައިވާ ތިން ޑްރޯން އެވެ. އޭގެ ތެރެއިން ފުރަތަމަ ޑްރޯން، ބޮޑުވަޒީރު ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ދޮރަކާ ދިމާލަށް ވައްޓާލައި ގޮއްވައިލި އެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކާޒިމީ އަވަހާރަކޮށްލަން ދިން ހަމަލާގައި، ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅުގެ ދޮރުމަތީ ބާއްވާފައި އޮތް ކާރެއް ހަލާކުވެފައި. --އޭއެފްޕީ

އެ ޑްރޯން ވެއްޓުމާ އެކު، އެ ވަގުތު އެ ސަރަހައްދުގެ ވައިގެ ތެރޭގައި އުޅުނު އަނެއް ދެ ޑްރޯން އަށް، ބޮޑުވަޒީރުގެ ގެކޮޅުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިން ހަމަލާދީ، އެ ދެ ޑްރޯން ވައްޓައިލި އެވެ. މި ހަމަލާގައި ބޮޑުވަޒީރުގެ ގެކޮޅަށާއި ގެކޮޅުގެ ގޯތިތެރޭގައި ޕަކް ކޮށްފައި އޮތް އެއްގަމު އުޅަނދުތަކަކަށް ގެއްލުންލިބުނެވެ. ނަމަވެސް ބޮޑުވަޒީރަށް އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވަ އެވެ.

"މިއީ އެއްވެސް މިންވަރަކަށް ހިތްވަރުގަދަ ކަމެއް ނެތް ވަރަށް ފިނޑި އަމަލެއް. އަދި މިއީ އިރާގު ރައްޔިތުން އެދޭ ގޮތެއް ވެސް ނޫން. މި ޖަރީމާ ހިންގި ބައެއްގެ ފަހަތުން އަހަރެމެން ދާނަން. އެބަޔަކު ހޯދާނަން. އެއީ ކޮން ބައެއްކަން ވެސް އެނގޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

"ރައްޔިތުން އެދޭ ކަންތައް ހާސިލުކޮށްދިނުމުގައި އަހަރެމެންނަށް ކާމިޔާބު ލިބިއްޖެ. ރައްޔިތުން އެދުނު ގޮތަށް، (ދައުރު ހަމަވުމުގެ ކުރިން) އަވަސް އިންތިހާބެއް ވެސް ބާއްވައިދެވިއްޖެ. ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް އިރާގު ކައްސާލައިގެން ދިޔަ ނުދީ ސަލާމަތް ކުރެވިއްޖެ. އަދި ގައުމާއިގެން އަމާން އައްސޭރިއަކަށް ދެވިއްޖެ."

އިރާގުގެ ރައީސް ބަރްހަމް ސޯލިހް (ވ) އެ ގައުމުގެ ބޮޑުވަޒީރު މުސްތަފާ އަލް ކާޒިމީއާ އިއްޔެ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ބޮޑުވަޒީރު ވިދާޅުވީ އިރާގު ބައިބައި ކޮށްލަން ކުރެވޭ މަސައްކަތަށް ވުރެ އިރާގު މާ ބޮޑު ކަމަށާއި، އެފަދަ ބޭކާރު މަސައްކަތްތައް އިރާގުގައި ކާމިޔާބު ނުވާނެ ކަމަށެވެ.

އިރާގު ސިފައިންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ބޮޑުވަޒީރުގެ ގެކޮޅަށް ހަމަލާ ދިނުމަށް ބޭނުންކުރި ޑްރޯންތައް އުދުއްސައިލި ތަން މިހާރު ވަނީ ދެނެގަނެވިފަ އެވެ. އަދި އެ ޑްރޯންތައް އުދުއްސައިލި ތަނުން ފެށިގެން، ބޮޑުވަޒީރުގެ ގެކޮޅާ ހަމައަށް ދަތުރުކުރީ ވަރަށް ތިރިން ކަމަށްވާތީ، އެއިން އެއްވެސް ޑްރޯނެއް، އިރާގުގެ ދިފާއީ ރާޑަރުތަކަކަށް ނާރަ އެވެ.

ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން މިހަމަލާ، އިރާގުގެ ސިޔާސީ ހުރިހާ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އިރާގުގެ ރައީސް ބަރްހަމް ސޯލިހް، އިއްޔެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީއާ ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވީ، އެއީ ވަރަށް ފިނޑި ބަޔަކު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރު މުގްތަދާ އައް ސަދްރު ވިދާޅުވީ، ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން ހަމަލާއަކީ އިރާގު ރައްޔިތުންނާ ދެކޮޅަށް ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާގެ ބޭނުމަކީ އިރާގުގައި މިހާރު ގާއިމުވެފައި އޮތް ސުލްހަވެރިކަން ނަގާލައި، ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވައްޓައިލުން ކަމަށް ވެސް ސަދްރު ވިދާޅުވި އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަނބޫ

08 November 2021

އަވަހަށް ލަސްނުކޮށް އަދަބުދޭންއުޅޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454