09 ނޮވެމްބަރ 2021 - 12:36
ކޮވިޑް-19 ގެ ވެކްސިން ނުޖަހާ މީހުންނަށް އެ ބައްޔާ ގުޅުން ހުރި އެއްވެސް ފަރުވާއެއް ހިލޭ ނުދޭން ސިންގަޕޫރުން ނިންމައިފި އެވެ.
މިކަން ހޯމަ ދުވަހު އިއުލާންކޮށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ކޮވިޑްގެ ވެކްސިން ގަސްތުގައި ނުޖަހާ މީހުންނަށް އަންނަ މަހުގެ 8 އިން ފެށިގެން ކޮވިޑާ ގުޅުން ހުރި އެއްވެސް ފަރުވާއެއްގެ ހިދުމަތް ނުލިބޭނެ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ވަގުތަށް ކޮވިޑުން ރައްކާތެރިވާން ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ކޮންމެ މީހަކު ވެސް މަދުވެގެން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގައުމީ ފެންވަރުގައި ވެކްސިން ޖެހުމުގެ މަސައްކަތްކުރަމުން ދިޔަ ނަމަވެސް ސިންގަޕޫރުގައި އަދިވެސް ވެކްސިން ނުޖަހާ އެތައް ބަޔަކު އެބަތިބި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އެފަދަ މީހުން ބަލިވެ، އެނދުމަތިކޮށް ފަރުވާދޭން ޖެހޭ މިންވަރު ވެސް އިތުރުވެ، ގައުމުގެ ސިއްހީ ނިޒާމަށް އޭގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންވެ ގަސްތުގައި ވެކްސިން ނުޖަހައި، އެހެން މީހުން ވެސް ބަލީގެ ނުރައްކަލަށް ހުށަހަޅާ އެއްވެސް މީކަށް އަންނަ މަހުގެ 8 އިން ފެށިގެން ކޮވިޑާ ގުޅުން ހުރި ފަރުވާއެއް ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމުގެ ތެރެއިން ނުލިބޭނެ ކަމަށް ބުންޏެވެ.
Update on COVID-19 situation (8 Nov 2021):
— Ministry of Health (@sporeMOH) November 8, 2021
We have detected 2,307 new community cases, 156 dormitory cases, and 7 imported cases. The weekly infection growth rate is 0.84.
For full details: https://t.co/lJYpxUKBpc pic.twitter.com/5rnri31bXN
މިނިސްޓްރީން ބުނި ގޮތުގައި މިހާރު ވެސް ސިއްހީ ހިދުމަތްދޭ ފެސިލިޓީތަކުގެ އައިސީޔޫ އެނދުތަކުގެ 70 ޕަސެންޓް އޮތީ ފުރިފަ އެވެ. އަދި ވެކްސިން ނުޖަހާ މީހުންނާ ހެދި މިކަން އިތުރު ބުރައަކަށްވެދާނެ ކަމަށް ބުންޏެވެ.
ސަރުކާރުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހައި ތިބި މީހުން އަންނަ މަސް ނިމުމުގެ ކުރިން ދެވަނަ ޑޯޒް ފުރިހަމަކުރަން ވެސް އިލްތިމާސްކޮށްފަ އެވެ.
ސިންގަޕޫރުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 223،470 އަށް ވުރެ ގިނަ އެވެ. މިހާތަނަށް ބަލީގައި އެ ގައުމުން 520 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy