ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް. އަމާޒަކީ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ހޯދައިިދިނުން ކަމަށް ވިދާޅުވި. -- ފޮޓޯ/މިހާރު
10 ނޮވެމްބަރ 2021 - 14:43
މިނިމަމް ވޭޖްގެ ވާހަކަ ދެއްކުން މުހިއްމު ނޫން ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ އެއަށް ވުރެން ރަނގަޅު މުސާރައެއް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައެޅިއިރު ޓޫރިޒަމް ދާއިރާއަށް ކަނޑައެޅީ 8،000ރ. އެވެ. ސާވިސް ޗާޖާއަކު މަހަކު 12،000ރ. ނުލިބޭ މުވައްޒަފަކު މަދުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވެ އެވެ.
އެކަމަކު ޓޫރިޒަމް ދާއިރާއަށް ކަނޑައެޅި އަދަދު މަދުވެގެން މުވައްޒަފުންގެ ހިތްހަނުޖެހުން އެބައޮތެވެ. ބައެއް މުވައްޒަފުން ބުނާ ގޮތުގައި މިނިމަމް ވޭޖް ކަނޑައެޅީ އެއްބަސްވި އަދަދުން 900ރ. އުނިކޮށްފަ އެވެ.
މިނިސްޓަރު މައުސޫމް ވެސް ގަބޫލުކުރައްވަނީ މިނިމަމް ވޭޖަކަށް ލިބޭ 8،000ރ. އިން އެއްވެސް މީހަކަށް ދިރިއުޅުމުގެ ކަންކަން ހަމަނުޖެއްސޭނެ ކަމަށެވެ.
އެންމެ ކުޑަ އުޖޫރަ އާއި ސާދާ ދިރިއުޅެއް އުޅެވޭނެ ވަރުގެ އުޖޫރައިގައި ތަފާތު ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް "މިހާރު"އަށް ވިދާޅުވީ އޭނާގެ އަމާޒަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަރާމު ދިރިއުޅެއް އުޅެވޭނެ ވަރުގެ އާމްދަނީއެއް ހޯދައިދިނުމަށް ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތުން ރިސޯޓުތަކުގެ މުވައްޒަފުން ހިމެނޭނީ އެންމެ ބޮޑެތި ވިޔަފާރީގެ ލިސްޓުގަ އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ 8،000ރ. އެވެ.
"މީހުން ވަޒީފާ އަދާ ކުރަނީ އާމްދަނީއެއް ހޯދައިގެން އަރާމު ދިރިއުޅެއް އުޅެވޭ ވަރަށް. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަރާމު ދިރިއުޅުމެއް އުޅެފައި ޖީބުގައި ބާކީ ފައިސާ ހުންނަވަރުގެ އާމްދަނީއެއް ހޯދައިދޭން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
މައުސޫމު ވިދާޅުވި ގޮތުގައި އެ މަގު ފަހިކޮށްދިނުމަށް ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތަކަށް ދިވެހިން ހަމަޖައްސައި ޓޫރިޒަމް ދައިރާގެ ވިޔަފާރިއަށް ދިވެހިން އިތުރު ކުރަން އިސްކަން ދެއްވާނެ އެވެ.
މިނިމަމް ވޭޖު ތަންފީޒު ނުވާނެ ކަމަށް ބުނެ ފާޑު ކިޔާ ފަރާތްތަކަށް މައުސޫމް ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑަނޭޅޭނެ ކަމަށް ވެސް އޭރު ވާހަކަ ދެއްކި ކަމަށެވެ. އެކަމަކު އެކި ދާއިރާތަކަށް އަދަދުތައް ކަނޑައަޅައި ވޭޖް މިހާރު އިއުލާންކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިމަމް ވޭޖަށް އަމަލުކުރަން ޖެހޭނީ އަންނަ އަހަރުން ފެށިގެންނެވެ. މިއީ ތަންފީޒު ނުވާނެ ކަމެއް ކަމަށް ވެސް ވާހަކަ ދައްކާ ކަމަށާއި އެކަމަކު އަމަލު ކުރަން ނުފަށަނީސް އެގޮތަށް ވާހަކަދެއްކުމުގެ އެއްވެސް މާނައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް މިދިޔަ ހޯމަ ދުވަހު ވަނީ ކަނޑައަޅައިފަ އެވެ. ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭން ޖެހޭ އިރު މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ. ދޭން ޖެހޭނެ އެވެ. ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ. ދޭން ޖެހޭ އިރު ސިވިލް ސާވިސްގައި މަސައްކަތް ކުރަ މުވައްޒަފުންނަށް މަހަކު 7000ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ހަމަޖައްސާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ޒުވާނާ
10 November 2021
ޑޜ މައުސޫމް ތިކުރާ މަސައްކަތަށް ހިތްވަރަާ ސާބަސް ދެން. ފަތުރުވެރިކަން ރަނގަލުވާ ނިސްބަތުން މުސާރަ ބޮޑުވާންޖެހޭނެ.
ވަހީދު
10 November 2021
ޑރ މައުސޫމަކީ އިޙްތިރާމާއި ޤަދަރު ލިބިގެން ހުނެވި ބޭފުޅެއް. ވަކި ބައެއްގެ ސިޔާސީ ބޭނުމަށް ކަތިލެވޭ ކަންބަޅިއަކަށް ވެވަޑައި ނުގަތުމަށް ނަސޭޙަތްތެރިވަން. މިސަރުކާރަކީ އިޤްތިޞާދީގޮތުން ބަލާއިރު ރާއްޖޭގައި މިފަހުން އުފެދުނު އެންމެ ދެރަވަރު ސަރުކާރު. ވަރަށް ކުރުކޮށް މިބުނީ، މިކަހަލަ ސަރުކާރެއްގެ ހިމާޔަތުގައި ކޮނޑުވިއްދާ މީހާ ހަލާކުވާނީ.
_____
10 November 2021
ކަނޑިންމަ މޯލްޑިވްސް އަދި ނިޔާމަ ޕްރައިވެޓް އައިލެންޓްސް މޯލްޑިވްސް ގައި މަސައްކަތްކުރާ މަސައްކަތްތެރީން އެމީހުންގެ އޮފް ޑޭގައި ރަށަށް ދެވޭނެ މާހައުލެއް އެންމެ ފުރަތަމަ ގާއިމްކޮށްދެއްވާ. އެ މުވައްޒަފުން ރިސޯޓް ބަންދުން މިނިވަންކޮށްދެއްވާ.
_______
10 November 2021
ފުރަތަމަ ރިސޯޓް ބަންދުގައި ތިބި މަސައްކަތް ތެރީން ރިސޯޓް ބަންދުން މިނިވަންކުރޭ. އެއަށްފަހު އިތުރު ކަމެއް ކުރަން ހިތަށްވެސް އަރުވަންވާނީ. ޑޮލަރާއި ޖެހުނީމައި މައުސޫމްމެންގެ 'މައުސޫމް' ކަމެއް ނުފެނޭ.
އޮނަރަބްލް އަފީފު ދީދީ
10 November 2021
އެމްޑީޕީގެ ސަރުކާރަށާއި މިހާރުއޮތް މަޖިލީހަށް އިތުބާރުކޮށްގެން ތިބުމަށްވުރެން ރަނގަޅު ގޮތަކީ "ރަނގަޅު ވަގުތުގައި ރަނގަޅު ތަނުގައި ތިބެގެން ޙައްޤުހޯދުމަށްޓަކާ" ރަނގަޅަށް އަޑުއުފުލާން ތެދުވުން. # ދުނިޔޭގެ އެންމެމަތީ ދަރަޖައިގެ ފަތުރުވެރިކަންއޮތް ރާއްޖެއަށް އަންނަ މީހާނުދަންނާނެ އޭނާއަށް ކާންދޭމީހާއާއި އޭނާގެ އެނދު އަޅާދީ ފާޙާނާ ސާފުކޮށްދޭ މީހާއާއިމެދު ރިސޯޓް އޯނަރުން މިހާ "އަނިޔާވެރިކޮށް" ކަންކޮށްފާނެ ކަމަކަށް. މިކަންބަދަލުކުރާން ސީޒަންގައި ތެދުވޭ.
ހާމަ333
10 November 2021
ކަލޭމެން ރީދޫ ކޮހުންގެ އަމާޒަކީ ސިވިލްސާވެންޓުންނާ ފޮށުން...އަމާޒު މެދުއުޑުން އަތަށް ގޮވާތަން މިފެންނަނީ
ޣަނީ
10 November 2021
ކަލޭމެން ޕިންކު ކޮހުންނަށް ރިސޯޓް ހިއްސާދެވުނިތަ؟