ފޮރިން މިނިސްޓްރީގެ އިމާރާތް. ފޮރިން ސާވިސް އުފައްދާ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވި. ފޮޓޯ: ނިޝާން އަލީ/މިހާރު
14 ނޮވެމްބަރ 2021 - 14:41
ފޮރިން ސާވިސްއަކީ ސިވިލް ސާވިސްއާ ވަކިން، ވަކި ހިދުމަތެއްގެ ގޮތުގައި އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފަހުކޮޅު ފާސްކުރި "ދިވެހިރާއްޖޭގެ ފޮރިން ސާވިސް ބިިލް" ރައީސް އިބްރާހީމް މުހައްމު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ހުށަހެޅުއްވި އެ ބިލު، ކުދިކުދި ބައެއް ބަދަލުތަކާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 27 ގަ އެވެ. އެ ބިލުގެ 41 ވަނަ މާއްދާގައިވާ ގޮތުން ސްޓޭޓް މިނިސްޓަރުންނާއި ސަފީރުންނާއި ކޮންސިއުލާ އޮފީސްތަކުގެ ވެރިން ފިޔަވައި، ފޮރިން ސާވިސްގެ އެހެން މަގާމުތަކަށް، އެ ސާވިސްގެ ޖުމްލަ އަދަދުގެ 20 ޕަސެންޓަށް ވުރެ އިތުރަށް ދާއިރާއިން ބޭރުގެ މުވައްްޒަފުންނެއް ނުލެވޭނެ އެވެ. ފޮރިން ސާވިސް ދާއިރާއިން ތަމްރީނުވެފައި ނުވާ މުވައްޒަފުން ލުމުގެ ފުރުސަތު، އެ ބިލުން ދީފައި ވާއިރު، އޭގެ ބޮޑު ބަޔަަކަށް ވާނީ އިދާރީ މުވައްޒަފުންނެވެ.
ފޮރިން ސާވިސް ބިލް ފުރަަތަމަ ހުށަހެޅުމާއި އެކު އެ ބިލަށް އާއްމުންގެ ބޮޑެތި ފާޑުކިއުންތައް އަމާޒުވި އެވެ. މަޖިލީހުގެ ހާރިޖީ ގުޅުންތަކުން ބިލް ދިރާސާކުރި އިރު އެ ފާޑުކިއުންތަކަށް ރިއާޔަތްކޮށް، ބިލަށް ބައެއް ބަދަލުތައް ގެނަ އެވެ.
ފޮރިން ސާވިސް ބިލް މިއަދު ތަސްދީގުކޮށް ގާނޫނަކަށް ވުމުން އުފައްދާ ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީ އެވެ. ރައީސުލް ޖުމްހޫރިއްޔާ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ގާނޫނުގައިވާ ގޮތުން ފޮރިން މިނިސްޓަރުގެ ލަފަޔާ އެކުގަ އެވެ. ފޮރިން ސާވިސްގައި ދެން ތިބޭ ހުރިހާ މުވައްޒަފުން ވެސް މަސައްކަތްކުރާނީ ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ.
އެ ގާނޫނުގައި ގައި އޮތް ގޮތުން ފޮރިން ސެކްރެޓަރީ ޖަވާބުދާރީ ވާނީ ވެސް މިނިސްޓަރަށެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވޭނީ ވެސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ.
ނަމަވެސް ގާނޫނަށް އަމަލުކުރަން ފަށާއިރު ފޮރިން ސެކްރެޓަރީގެ މަގާމުގައި ބޭފުޅަކު ހުންނެވި ނަމަ އޭނާގެ މަގާމު، އޭނާއާ މެދު އެހެން ގޮތެއް ނިންމަންދެން ދެމި އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy