ޚަބަރު / ރައްޔިތުންގެ މަޖިލިސް

ފޮރިން ސާވިސްގެ 80 ޕަސެންޓް ޕްރޮފެޝަނަލް މީހުންނަށް

ފޮރިން މިނިސްޓްރީގެ އިމާރާތް. އަލަށް އުފައްދާ ފޮރިން ސާވިސްގައި 80 ޕަސެންޓް މީހުން ވާނީ އެދާއިރާގެ ޕްރޮފެޝަނަލް މީހުންނަށް. ފޮޓޯ: ނިޝާން އަލީ/މިހާރު

ފޮރިން ސާވިސްގެ މަގާމުތަކުގައި އެ ދާއިރާގެ ޕްރޮފެޝަނަލް މީހުން ފިޔަވައި އެހެން މީހުން 20 ޕަސެންޓަށް ވުރެ އިތުރު ނުކުރެވޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި "ފޮރިން ސާވިސް ބިލް" ކުދިކުދި ބަދަލުތަކަކާއި އެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ފޮރިން ސާވިސް ބިލުގެ 41 ވަނަ މާއްދާގައިވާ ގޮތުން ސްޓޭޓް މިނިސްޓަރުންނާއި ސަފީރުންނާއި ކޮންސިއުލާ އޮފީސްތަކުގެ ވެރިން ފިޔަވައި، ފޮރިން ސާވިސްގެ އެހެން މަގާމުތަކަށް، އެ ސާވިސްގެ ޖުމްލަ އަދަދުގެ 20 ޕަސެންޓަށް ވުރެ އިތުރަށް ދާއިރާއިން ބޭރުގެ މުވައްްޒަފުންނެއް ނުލެވޭނެ އެވެ. ފޮރިން ސާވިސް ދާއިރާއިން ތަމްރީނުވެފައި ނުވާ މުވައްޒަފުން ލުމުގެ ފުރުސަތު، އެ ބިލުން ދީފައި ވާއިރު، އޭގެ ބޮޑު ބަޔަަކަށް ވާނީ އިދާރީ މުވައްޒަފުންނެވެ.

ސަރުކާރުން ބިލު ހުށަހެޅުމާއި އެކު ވެސް ބޮޑު ފާޑުކިއުމެއް އަމާޒުވި އެއް ކަމަކީ ފޮރިން މިނިސްޓަރަށް އެ ބިލުން ދޭ ބޮޑެތި ބާރުތަކެވެ. އެކަމަކު މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރި އިރު އެ މާއްްދާ ތަކަށް ބޮޑެތި ބަދަލުތަކެއް ނުގެނެ އެވެ.

ބިލު ގާނޫނަކަށް ވުމުން އުފައްދާ ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީ އެވެ. ރައީސުލް ޖުމްހޫރިއްޔާ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ބިލުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ފޮރިން މިނިސްޓަރުގެ ލަފަޔާ އެކުގަ އެވެ. ފޮރިން ސާވިސްގައި ދެން ތިބޭ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރާނީ ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ.

ބިިލުގައި އޮތް ގޮތުން ފޮރިން ސެކްރެޓަރީ ޖަވާބުދާރީ ވާނީ ވެސް މިނިސްޓަރަށެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވޭނީ ވެސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

އެހެން ނަމަވެސް ގާނޫނަށް އަމަލުކުރަން ފަށާއިރު ފޮރިން ސެކްރެޓަރީގެ މަގާމުގައި ބޭފުޅަކު ހުންނެވި ނަމަ އޭނާގެ މަގާމު، އޭނާއާ މެދު އެހެން ގޮތެއް ނިންމަންދެން ދެމި އޮންނާނެ އެވެ.

ޕްރޮފެޝަނަލް އަދި ކެރިއާ ޑިޕްލޮމޭޓުން އުފެއްދުމަކީ ބިލުގެ އެއް މަގުސަދު ކަމަށް ވިޔަސް، ބިލުގައި އޮތް ގޮތުން ރާއްޖޭން އެކި ގައުމުތަކަށް ކަނޑައަޅާ ސަފީރުން، ފޮރިން ސާވިސް އިން ބޭރުން އައްޔަން ކުރުމުގެ ފުރުސަތު ވެސް ބިލުން ދީފައި އެބަ އޮތެވެ. ސަފީރުންގެ މަގާމަށް އައްޔަން ކުރާ ފަރާތްތަކުގެ މަގާމުގެ މުއްދަަތަކީ ތިން އަހަރު ކަމަށް ވިޔަސް، އިތުރު އެއް އަހަރު އޭނާ މަގާމުގައި ބެހެއްޓުމުގެ ފުރުސަތު ވެސް ބިލުން ދީފައި އެބަ އޮތެވެ.

މިޝަންތައް ގާއިމްކޮށް، ބަންދުކުރުމުގައި ވެސް މިނިސްޓަރުގެ ލަފާ

ބިލުގެ 21 ވަަނަ މާއްދާގައިވާ ގޮތުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ގާއިމްކުރުމާއި އެތަންތަން ބަަންދުކުރުމުގައި ވެސް މިނިސްޓަރުގެ ލަފާ ހޯއްދަވަން ރައީސަށް ލާޒިމުވާނެ އެވެ. މިޝަންތައް ގާއިމްކުރުމާއި ބަންދުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާނީ ވެސް ބިލު ގާނޫނަކަށް ވުމަށް ފަހު އެ ގާނޫނުގެ ދަށުން، ފޮރިން މިނިސްޓްރީން ހަދާ ގަވާއިދަކުންނެވެ.

ރާއްޖޭގެ މިޝަންތަކުގައި ހެޑް އޮފް މިޝަންގެ މަގާމުގައި ބޭފުޅަކު ނުހުންނަ ހާލަތެއް މެދުވެރިވެއްޖެ ނަަމަ، އެ މަގާމު ފުރަން ވަގުތީ ގޮތުން ހަވާލުވާނީ ވެސް ފޮރިން ސާވިސް މުވައްޒަފުންގެ ތެރެއިން މިނިސްޓަރު އައްުޔަން ކުރައްވާ ފަރާތެކެވެ.

ހައި ކޮމިޝަންތަކުގެ އިތުރުން އެކި ގައުމުތަކުގައި ގާއިމްކުރާ ކޮންސިއުލާ ޕޯސްޓްތައް ހިންގާނެ އެންމެ އިސް ފަރާތްތައް ކަނޑައަޅުމުގެ ބާރު ވެސް ބިލުން ދީފައި އޮތީ ހަމަ އެކަނި މިނިސްޓަރަށެވެ. އެއްވެސް އެހެން ފަރާތަކުން އެކަމުގައި ލަފައެއް ހޯދަން ނެތް ނަމަވެސް، އެކަމުގައި އަަމަލުކުރާނެ ގަވައިދެއް، ބިލު ގާނޫނަކަށް ވުމަށް ފަހު އެކުލަވައިލަން ޖެހެ އެވެ.

ކޮމިޓީން ގެނައި އިސްލާހުތައްް

ފޮރިން ސާވިސް ބިލު އިއްޔެ ފާސްްކުރީ ރައްްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބިލު ދިރާސާކޮށް، ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ އެކުގަ އެވެ. ކޮމިޓީން ހުށަހަޅާފައިވާ ގިނަ އިސްލާހުތަކަކީ ބިލު ދިރާާސާކުރި އިރު ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފަޔަށް ބިނާކޮށް، ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.

ފިނޭންސް މިނިސްޓްރީން ދިން އެއް ލަފަޔަކީ، ފޮރިން ސާވިސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ފޮރިން މިނިސްޓްރީ އަށް ދޫކޮށްލުމުގެ ބަދަލުގައި، ފިނޭންސް މިނިސްޓްރީގެ ލަފަޔާއި އެކު ޕޭކޮމިޝަނަށް ދިނުމަށެވެ. ކޮމިޓީން ބިލު ދިރާސާކުރި އިރު ބިލުގެ 47 ވަނަ މާއްދާގެ (ނ) މިހާރު އޮތީ އެގޮތަށް ބަދަލުކޮށްފަ އެވެ.

މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ގޮތުން ބިލުގައި ހުރި އެހެން މާއްދާތައް ވެސް ކޮމިޓީން އިސްލާހުކޮށްފައި އޮތީ ފިނޭންސް މިނިސްޓްރީގެ ލަފަޔާ އެކު ޕޭކޮމިޝަނުން ކުރާ ކަމަކަށް ބަދަލުކޮށްގެންނެވެ.

އެ ބިލު މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖިލް

28 October 2021

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކީ އިންޑިއާ މީހަކަށްވާ ދުވަސްވެސް އަތުވެދާނެ. މިހާރު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފަ ހުންނަ ސަފީރު އިންޑިއާގެ ހުރިހާ ޕްރޮޖެކްޓަކާ އެއްބަސްވުމަކާ ބެހޭ ގޮތުން މައުލޫމާތު ދެނީ. ފޮރިން މިނިސްޓްރީގަ އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ދޭ މީހަކު ނެތް ތަން ފެންނަނީ.

The name is already taken The name is available. Register?

ނެތްބައި

28 October 2021

މިހާރު އަލަށް ދިމާވެގެން އުޅޭ، ގައުމުގެ ފޮރިން މިނިސްޓަރު އެހެން ގައުމެއްގަ 1 އަހަރަށް ހުންނަންޖެހި މުޅި ދުނިޔެއާ ގުޅޭ މައްސަލަތައް ބަލަންޖެހިއްޖެނަމަ ނުވަތަ މިގައުމުގެ މަގާމު ބަރާބަރަށް އަދާނުކުރެވޭނެނަމަ އެ މަގާމަށް އެހެން މީހަކު ލުމުގެ މައްސަލަ ތީގައި ނެތްތަ؟

The name is already taken The name is available. Register?

މާކުންބޭ

28 October 2021

މިއީ މާލޭގެ ބޮޑެތި އާއިލާ ތަކުން ފޮރިން އެފެއަރޒް ގެ މަޤާމްތައް ބަކް ކުރުމުމަށް ހެދޭ ބިލްއެއް. މިއަށް ރައްޔިތުންގެ ރެޕްރެޒެންޓެޓިވްސް ވޯޓް ދީގެން ނުވާނެ. މީގެ ސަބަބުން ލޯޔަލް ނޫން ބަޔަކު ފޮރިން އެފެއަރޒްގަ ތިބެ ސަރުކާރުތަކަށް ނުހަނު ބޮޑެތި ގެއްލުން ސައިލެންޓްކޮށް ތިބެ ދީފާނެ. އިންކްލޫސިވް ސިސްޓަމުން މަޤާމްތަކަށް މީހުން ނަގަންޖެހޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454