ދުނިޔެ / އަފްޣާނިސްތާން

އަފްގާން ރެފިއުޖީން އެ ގައުމުން ނެރެދިނުމަށް ގޮވާލައިފި

17 ނޮވެމްބަރ 2021 - 10:18

އަފްގާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ ފަރާތުން ސަލާމަތްވުމުގެ ގޮތުން އެ ގައުމު ދޫކޮށް ދާން ބޭނުންވާ މީހުން އަވަހަށް އެ ގައުމުން ނެރެދިނުމަށް، އެމެރިކާގެ ކުރީގެ ސިފައިންނާއި އެހީދޭ ޖަމާއަތްތަކުން އެމެރިކާ ސަރުކާރަށް ގޮވާލައިފި އެވެ.

ރެފިއުޖީންގެ ގޮތުގައި އަފްގާނު ދޫކޮށް ދާން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރާ، އެމެރިކާގެ ކުރީގެ ސިފައިންނާއި، އެހީ ދޭ އިތުރު ޖަމާއަތްތައް ގުޅިގެން އުފައްދާފައިވާ ހަރަކާތުގެ ފަރާތުން އިއްޔެ ވަނީ، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންއާ އެކުގައި މަޝްވަރާކޮށްފަ އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި މަޝްވަރާތަކުގައި، އަފްގާނު ރެފިއުޖީންނަށް އެހީވާ 100 އަށް ވުރެ ގިނަ ގުރޫޕް ބައިވެރިވި އެވެ.

މި މަޝްވަރާތަކުގައި ބްލިންކެން ވަނީ، އަފްގާނުގައި ނާޒުކު ހާލަތުގައި ތިބި މީހުންނަށް އެހީތެރިވުމަށް، އެ ގުރޫޕްތަކުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެ ގުރޫޕްތަކުން އެމެރިކާ ސަރުކާރުގައި އެދުނީ، އަފްގާނު ދޫކޮށް ނުކުންނަށް ބޭނުންވާ މީހުން އެ ގައުމުން ނެރުމުގައި އެމެރިކާގެ އިދާރާތަކުން މިހާރަށް ވުރެ ބޮޑު އެހީތެރިކަމެއް ދިނުމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ޖަމާއަތްތަކުން ބުނި ގޮތުގައި، އަފްގާނުން ބޭރުވާން ބޭނުންވާ މީހުންނަށް އެމެރިކާ އިން ދޫކުރަމުން އައި ހާއްސަ ވިސާ އިތުރު ބަޔަކަށް ދޫކުރުމާ މެދު އެމެރިކާ ސަރުކާރުން ވިސްނާނެ ކަމަށް ބެލެވެ އެވެ. އަފްގާނުން ބޭރުވާ ގިނަ މީހުން މިހާރު ބޭނުންވަނީ އެމެރިކާ އަށް ހިޖްރަކުރަން ކަމަށް ވާތީ، ހާއްސަ ވިސާ ލިބިގެން ނޫނީ އެމެރިކާއަށް އެތެރެވެވޭނެ ގޮތެއް ނެތެވެ.

މިދިޔަ އޮގަސްޓް 15 ވަނަ ދުވަހު ތާލިބާން ހަނގުރާމަވެރިން އަފްގާނިސްތާނު ހިފުމާއެކު، އެތައް ހާސް ބަޔަކު ވަނީ އެ ގައުމު ދޫކޮށް އަވައްޓެރި ބައެއް ގައުމުތަކަށާއި އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ހިޖުރަ ކޮށްފަ އެވެ. އެންމެ ގިނަ ބަޔަކު ދިޔައީ، އަފްގާނުގައި ތިބި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ ސިފައިން އެ ގައުމުން ފޭބި އިރު، އެ ސިފައިންނާ އެކުގައި އެ ގައުމުތަކަށެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް، އޮގަސްޓް 14 އިން 30 އަށް ހިންގި އަސްކަރީ ހަރަކާތުގެ ތެރޭގައި 120،000 އަށް ވުރެ ގިނަ މީހުން އަފްގާނިސްތާނުން ބޭރަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން ދުވަސްތަކެއް ވަންދެން ތިބީ، ޖަރުމަނު ވިލާތުގައި ހުންނަ އެމެރިކާ ސިފައިގެން މަރުކަޒެއްގަ އެވެ.

ތާލިބާނުންގެ ވެރިކަން ފެށުމާ އެކު، އެމެރިކާ އިން އަފްގާނިސްތާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވުމުން، އަފްގާނު މިހާރު އޮތީ އިގްތިސާދީ ވަރަށް ފުން ވަޅުގަނޑެއްގެ ތެރޭގަ އެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި ހުރި އަފްގާނުގެ މަރުކަޒީ ސަރުކާރުގެ ފައިސާތައް އެމެރިކާ އިން ހިފަހައްޓާފައިވާތީ، އަފްގާނުގެ އިމްޕޯޓަށް ވަނީ ވަރަށް ބޮޑު ހުއްޓުމެއް އައިސްފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454