އިޒްރޭލުގެ މިސައިލް ހަމަލާތައް އަމާޒުކޮށްފައި ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގެ ހުޅަނގުން އޮންނަ ވައިގެ މަރުކަޒަކަށް. --ފޮޓޯ:އޭއެފްޕީ
08 ޑިސެމްބަރ 2016 - 14:52
ދިމިޝްގު (ޑިސެމްބަރު 8) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައިވާ އަސްކަރީ އެއާޕޯޓަކަށް އިޒްރޭލުން މިސައިލް ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.
އިޒްރޭލުގެ މިސައިލް ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ވައިގެ މަރުކަޒުގައި އަލިފާން ރޯވި ކަމަށް ޚަބަރުތައް ބުނެ އެވެ.
ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މިއީ ސީރިއާގެ ސަރަހައްދުގެ ތެރޭގައި ހަފުތާއެއްގެ ތެރޭގައި އިޒްރޭލުން ހަމަލާ ދިން ދެ ވަނަ ފަހަރެވެ.
ސީރިއާ ސަރުކާރުގެ ސަނާ ނިއުސް އެޖެންސީން ބުނީ ވައިގެ މަރުކަޒަކަށް ހަމަލާތައް ފޮނުވާލާފައި ވަނީ ގޯލާނުގައި އިޒްރޭލުން ހިފާފައިވާ ސަރަހައްދުން ކަމަށެވެ.
ސީރިއާގެ މަދަނީ ހަނގުރާމަ 2011 ވަނަ އަހަރު ފެށި ފަހުން އިޒްރޭލުން ވަނީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް އެކި ފަހަރު މަތިން ހަމަލާދީފަ އެވެ. އިޒްރޭލާ އެކު 2006 ވަނަ އަހަރު މަސް ދުވަހުގެ ހަނގުރާމައެއް ކުރި ހިޒްބުﷲ އިން ވަނީ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނާ އެކު ހަނގުރާމަ ކުރުމަށް ސީރިއާ އަށް ސިފައިން ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy