ރިޕޯޓް

ސައީދުގެ ލީޑަޝިޕްގައި އޮތީ ހުސް ކުރިއެރުން

ފެނަކައިގެ އެމްޑީ ސައީދުގެ މޭސްތިރިކަމުގައި ކުންފުންޏަށް މިދިޔަ ތިން އަހަރު ވެސް ވީ ފައިދާ. ރަށްރަށަށް ބޭނުންވާ 200 އަށް ވުރެ ގިނަ ޖަނެރޭޓަރު ގަތީ ކުންފުނީގެ ބަޖެޓުން.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އަހުމަދު ސައީދު ހަވާލުވެވަޑައިގެންނެވިއިރު، ދެއިރުދެދަޅަ އަށް ކަހަލަ ގޮތަކަށް ކަރަންޓު ކެނޑުން ބައެއް ރަށްރަށުގައި ވަރަށް އާންމެވެ. އާންމުންގެ ޝަކުވާ އިންތިހާ އަށް އޭރު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"[މިހާރު] ވަރަށް ނާދިރު ކަމެއް ރާއްޖޭގެ ރަށެއްގައި އެ ގޮތަށް ކަރަންޓު ކަނޑައިގެން ދިއުން. ކަރަންޓު ކެނޑިދާނެ. ނަމަވެސް އެއަށް ހައްލު ހޯދުމުގެ ގާބިލްކަން މި ވަގުތު ފެނަކައިގައި އެބަހުރި. އެ ކަމަށް އަޅުގަނޑުމެން ތައްޔާރު،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ 154 ރަށަކަށް ކަރަންޓުގެ ހިދުމަތް ދޭ، 3،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުންޏާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު، ކޮންމެ އަހަރަކު ވެސް ދިޔައީ ގެއްލުންވަމުންނެވެ. އެކަމަކު، ސައީދު ވިދާޅުވާ ގޮތުން މިދިޔަ ތިން އަހަރު ވެސް އެ ކުންފުނިން ނެރުނީ ފައިދާ އެވެ. އެ ތިން އަހަރުގެ ޓްރެކް ރެކޯޑަށް ހަމައެކަނި ބެލިޔަސް، ރާއްޖޭގައި ޔުޓިލިޓީގެ ހިދުމަތް ދޭ ކުންފުނިތަކުގެ އެއްވަނަ ފެނަކަ އަށް ލިބޭނެ ކަމަށް އޭނާ ޔަގީން ކުރައްވަ އެވެ.

"އަބަދުވެސް ވިސްނުމަކީ މި ތަނަށް ލިބޭ އެއްޗަކުން މި ތަނުގެ ހަރަދުބަރަދު ކުރެވި، ރައްޔިތުންގެ އިތުބާރު ލިބި، ޒަމާނީ ވަސީލަތްތައް ބޭނުންކުރާ ކުންފުންޏަކަށް މި ކުންފުނި ބަަދަލުވުން. އަޅުގަނޑުމެން އައި ފަހުން ކުންފުންޏަށް ލޯނެއް ނުނަގަން. ލިބޭ އެއްޗަކުން މި އުޅެނީ،" ސައީދު ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓުތައް ބައްލަވާ. ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށް ބޮޑުތަނުން ގެއްލުން ވަމުން ދިޔައީ. އަޅުގަނޑު ހަނދާންވާ ގޮތުން 140 މިލިއަން އޭގެ ކުރީ އަހަރު ވެސް ގެއްލުންވި. މިހާރު ގެއްލުމެއް ނުވާނެ."

"އަޅުގަނޑުމެން މިހާތަނަށް 200 އެތައް އިންޖީނެއް މުޅިން އަލަށް ގެނެސްފިން. އަޅުގަނޑުމެން ލޯނެއް ނަގައިގެން ނޯންނާނެ އެންމެ ޖެން ސެޓެއް ވެސް ގެނެސްފައި އަދި އެހެން ވަސީލަތެއް ވެސް ބޭނުންކޮށްގެން. ހަމަ ފެނަކަ އަށް ލިބޭ އާމްދަނީގެ މިންވަރަކުން ޖެން ސެޓެއް މި ގެނައީ.---ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު 80 ވަރަކަށް ޖަނެރޭޓަރު ފެނަކަ އަށް ގަތީ އެމްއައިބީން ލޯނު ނަގައިގެން ކަމަށް ވިޔަސް މިއަދު 200 އަށް ވުރެ ގިނަ ޖަނެރޭޓަރު ސައީދުގެ ބެއްލެވުމުގެ ދަށުން ގެނެސްފައި ވަނީ ކުންފުނީގެ ބަޖެޓުން ހަރަދު ކޮށްގެންނެވެ.

ފެނަކައިގެ އެމްޑީ ސައީދު، މިދިޔަ އަންގާރަ ދުވަހު އެ ކުންފުނީގެ އޮފީހުގައި މުވައްޒަފަކާއެކު.---ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެން މިހާތަނަށް 200 އެތައް އިންޖީނެއް މުޅިން އަލަށް ގެނެސްފިން. އަޅުގަނޑުމެން ލޯނެއް ނަގައިގެން ނޯންނާނެ އެންމެ ޖެން ސެޓެއް ވެސް ގެނެސްފައި އަދި އެހެން ވަސީލަތެއް ވެސް ބޭނުންކޮށްގެން. ހަމަ ފެނަކަ އަށް ލިބޭ އާމްދަނީގެ މިންވަރަކުން ޖެން ސެޓެއް މި ގެނައީ. އެ ހުންނާނީ ރަށްރަށުގައި އިންސްޓޯލް ކޮށްފައި،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ އަށް ބޮޑު ލޯނެއް ނަގައިގެން 80 އަށް ވުރެ ގިނަ ޖަނެރޭޓަރު ގެނެސް ބޮޑުސިންގާކޮށް އެކަން ފާހަގަކުރި ނަމަވެސް މިއަދުގެ ހަގީގަތަކީ އޭގެ ތެރެއިން ގިނަ އިންޖީނުތައް ބޭނުން ނުކުރެވުން ކަަމަށެވެ. މާ ގިނަ ދުވަހެއް ނުވެ ގިނަ އިންޖީނުތައް ހަލާކުވީ ފެންވަރު ދަށްވެގެންނެވެ.

"ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި އެ ހަލާކުވެގެން ދިޔައީ. ގިނަ އިންޖީނުތައް މިހާރު ވަނީ ފަނާވެ ގޮސްފައި. ޖުމުލަކޮށް އަޅުގަނޑު ޖެހުނީ މި ޒަމާނުގެ ވަސީލަތްތަކަށް އިންފްރާސްޓްރަކްޗަރު އަލުން ބަލުން ގެންނަން،" ސައީދު ވިދާޅުވި އެވެ.

"އެ ރަށެއްގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ ނަމަ އަޅުގަނޑުމެންނަށް ޖެހުނީ އަލުން ބަލުން އެކަން ކުރަން. އެ ކަންތައް މިހާރު ވެސް މި ކުރަނީ."

ފެނަކައިގެ އެމްޑީ ސައީދު، ރަށެއްގައި އިމާރާތްކުރާ އިންޖީނުގެއްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވަނީ.

އޭނާގެ ލީޑަޝިޕްގައި ޖަނެރޭޓަރު ކެޕޭސިޓީ 80 ޕަސެންޓަށް މިހާރު މަތިކޮށްފައިވާއިރު، ފެންވަރު ރަނގަޅު ޖަނެރޭޓަރު ގެނެސް ހިދުމަތް ދިގު މުއްދަތަކަށް ދިނުމަކީ އެންމެ ބޮޑު އަމާޒެވެ.

"އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ކާމިޔާބީ އަކީ ރާއްޖޭގެ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ރިލޮކޭޓް ކުރުމުގެ ތެރެއިން މި ވަގުތަށް ފަންސާހަކަށް އިންޖީނުގެ ރިލޮކޭޓް ކުރުމަށްޓަކައި ކުރި މަސައްކަތް ނިންމައިލުން،" ސައީދު ވިދާޅުވި އެވެ.

"މިހާރު ވެސް 160 އަށް ވުރެ ގިނަ ޕްރޮޖެކްޓް އަޅުގަނޑުމެން އެބަ ހިންގަން އެކި ކަންކޮޅުތަކުގައި. އެއީ އިންޖީނުގެ ރިލޮކޭޓް ކުރުމާއި އޮފީސް އެޅުމާއި ކޭބަލް ނެޓްވޯކް ބަދަލުކުރުން. އެހެންވީމާ އަޅުގަނޑަށް ދެންނެވިދާނެ ފާއިތުވި ތިން އަހަރުގައި ފެނަކައިގެ ހަޔާތުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދުނު ކަމަށް."

ކުރިން ދުނބުޅި ބަދިގެތަކެއް، މިހާރު ޒަމާނީ ފެންވަރުގެ އިންޖީނުގެތަކެއް

ރާއްޖޭގެ ބައެއް ރަށްރަށުގައި ހުންނަނީ ވަރަށް ހާލުގައި ހުރި އިންޖީނުގެތަކެކެވެ. ކުދިކުދި ގޮޅިތަކުގައި އިންޖީނުގެތައް ހިންގަމުން ދިޔައިރު، އެ ރަށްރަށުގެ ކަރަންޓު ނެޓްވޯކްގެ ހާލަތު ވެސް ވަރަށް ދަށެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް ގިނަ އިންޖީނުތައް ހުރީ އަދި އާ އިންޖީނުގެތައް އިމާރާތް ކުރަމުން އައީ ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގަ އެވެ. ނަތީޖާއަކީ އިންޖީނުތަކުގެ އަޑާ ހެދި ބައެއް ރަށްރަށުގެ ހަމަ ނިދި ނުލިބި އުނދަގުލަކަށް ވުމެވެ.

"މިހާރު އިމާރާތް ކުރަމުންދާ އިންޖީނުގެތަކަކީ އަދި އޮފިސްތަކަކީ އެންމެ މި ޒަމާނާ އެއްގޮތަށް އަދި އެންމެ މި ޒަމާނުގެ ވަސީލަތްތައް ބޭނުން ކޮށްގެން ހަދާ ތަންތަން. އަޅުގަނޑަށް ހަމަ ޔަގީން އިންސްޓަގްރާމަށް ލާން އެ ފޮޓޯ ހަޑިއެއް ނުވާނެ. އެހާ ވެސް ފުރިހަމަ ވެފައި ރީތިވާނެ،" މިހާރު ރަށްރަށުގައި އިމާރާތްކުރާ އިންޖީނުގެތަކުގެ ރީތިކަމާ ގުޅޭ ގޮތުން ސައީދު ވިދާޅުވި އެވެ.

ސައީދުގެ މެނޭޖުމަންޓުގެ ދަށުން ރަށެއްގައި ހަދާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގެއެއް: އެ ކުންފުނިން މިހާރު އިމާރާތް ކުރަނީ ޒަމާނީ އިންޖީނުގެތައް

އޭނާ ދެއްކެވި ބައެއް ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާއިރު، މިހާރު ވެސް ފެނަކަ އިން ގެންދަނީ ބައެއް ރަށްރަށުގައި ތިން ބުރީގެ ބޮޑެތި އިންޖީނުގެތަކެއް އިމާރާތް ކުރަމުންނެވެ. އެ ތަންތަން ހިންގާނީ އެ ރަށެއްގެ އާބާދީގެ ނިސްބަތަށް ބަލައި ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއެކު އެވެ. ނެޓްވޯކްތަކުގެ ހާލަތު ރަނގަޅުވާނެ އެވެ. އިންޖީނުގެތަކުގެ ތަފާތު ތިން ކެޓަގަރީއަކަށް ބަހާލައިގެން އިންޖީނުގެތައް ހަދަނީ ސައުންޑްޕްރޫފް ކުރުމަށް ބޮޑު އިސްކަމެއް ދީގެންނެވެ.

ސައީދު ވިދާޅުވާ ގޮތުގައި މާލެ ސަރަހައްދުގެ ރަށެއް ފިޔަވައި އެހެން ރަށެއްގައި އިމާރާތްކުރާ އެންމެ ބޮޑު އިންޖީނުގޭގެ މަސައްކަތް ގދ. ތިނަދޫގައި މިހާރު ބާރަށް ކުރިއަށް އެބަދެ އެވެ. އެއީ އެންމެ މި ޒަމާނުގެ މާލޭގައި ހިންގާ އިންޖީނުގެތަކާ އެއް ފެންވަރަށް ސައުންޑްޕްރޫފްވާނެ އެވެ.

ފެނަކައިގެ ބަޖެޓުން 15 ވަރަކަށް މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާ އެ އިންޖީނުގެ ނިމުމުން ކުރިއަށް އޮތް 40 އަހަރަށް ވެސް ތިނަދު އަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އިތުރު ކުރެވޭނެ އެވެ.

ރަރްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ލައިވްކޮށް ކޮންމެ ދުވަހަކު ވެސް ބައްލަވާ!

ފެނަކައިގައި ސައީދު އިންނަވާ ކޮޓަރިން އަބަދުވެސް އެކި ރަށްރަށުގެ އިންޖީނުގެތަކާއި އެ ތަންތަނުގެ އޮފީސްތަކާއި އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫއުތައް ލައިވްކޮށް ބޮޑު ސްކްރީނުން ފެންނަން ހުރެ އެވެ. އޭނާ އޮފީހުގައި އިންނަވާ ކޮންމެ ވަގުތެއްގައި އެ ތަންތަނުގެ މުވައްޒަފުންގެ ހަރަކާތްތައް އެ ސްކްރީނުން ބައްލަވަ އެވެ. އޮފީސްތަކުގެ އެތެރޭގެ ހަރަކާތްތަކާއި ބައެއް އިންޖީނުގެތަކުގެ އެތެރޭގެ ކަންކަން ވެސް ފެނެ އެވެ.

އެހެންވެ، ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން ސައީދަކީ މި ގޮތަށް ލައިވްކޮށް އެ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ލައިވްކޮށް ބައްލަވާ ހަމައެކަނި އެމްޑީ އަށް ވުމަކީ ވެސް ދުރު ކަމެއް ނޫނެވެ.

ގދ. ތިނަދޫގައި ފެނަކަ އިން އިމާރާތްކުރާ އެންމެ މި ޒަމާނުގެ އިންޖީނުގޭގެ ލައިވް މަންޒަރުތައް އެމްޑީ ސައީދު "މިހާރު" ގެ ނޫސްވެރިންނަށް މިދިޔަ އަންގާރަ ދުވަހު ދައްކާލަނީ.---ފޮޓޯ:

"އަޅުގަނޑު މާލޭގައި ހުއްޓަސް އެ ސައިޓްތަކަށް ދޭންޖެހޭ ފުރިހަމަ އިރުޝާދު ލައިވްކޮށް ދެމުން ދާނީ. އޭގެ ނަތީޖާއަކީ ގިނަ ސައިޓްތަކުގައި މަސައްކަތުގެ ސްޕީޑް އަވަސްވުން. މުވައްޒަފުންގެ މޯޓިވޭޝަން ވަރަށް ރަނގަޅު އަޅުގަނޑު އެކަން ކުރާތީ،" ސައީދު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑަށް ފެނުނީ ބައެއް މުވައްޒަފުން ތަންކޮޅެއް ލަސްކޮށް މަސައްކަތް ކުރާ ތަން. އެހެންވެ، އަޅުގަނޑު ސުވާލު ކުރާނަން އެ ސައިޓުގެ އިސްކޮށް ހުންނަ ބޭފުޅަކާ. ގާތުން އެ ކަން ބެލުމުގެ ނަތީޖާ ވަރަށް ރަނގަޅު."

މާލޭގައި ހުންނަ ފެނަކައިގެ މައި އޮފީހުގެ ކޮޓަރީގައި އިންނަވައިގެން، ފެނަކައިގެ ގާތްގަނޑަކަށް 90 ޕަސެންޓް ސައިޓް ލައިވްކޮށް ސައީދު ބައްލަވާއިރު، އެންމެ ސަމާލުވާ ގަޑިއަކީ ހެނދުނެވެ. މުވައްޒަފުން އޮފީހަށް ގަޑިއަށް ދޭތޯ އާއި ކޮފީގައި ތިބޭތޯ ބައްލަވަ އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދިނުމަށް ވެސް އެޅިގެންދާ ވަރަށް ރަނގަޅު ފިޔަވަޅެއް އެއީ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ މުވައްޒަފުންނަށް ހާއްސަ އިންސްޓިއުޓެއް

ކުންފުންޏާ ހަވާލުވެވަޑައިގަތުމަށް ފަހު ސައީދު އެންމެ އިސްކަން ދެއްވި އެއް ކަމަކީ މުވައްޒަފުން ބިިނާކޮށް، އެ މީހުންގެ ގާބިލްކަން އިތުރު ކުރުމަށެވެ. އެހެންވެ، އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ފެނަކައިގެ މުވައްޒަފުންނަށް ކޯސްތައް ހިންގަން ހާއްސަ އިންސްޓިޓިއުޓެއް އުފެއްދުމެވެ.

ފެނަކައިގައި އުޅޭތާ އެތައް ޒަމާނެއް ވެފައިވާ މުވައްޒަފުން ތިބިއިރު ބައެއް މީހުންގެ އަތުގައި މި ޒަމާނުގެ ސެޓްފިކެޓެއް ނެތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެ ފަހި ފުރުސަތެއް އެ މީހުންނަށް ނެތެވެ. ނަމަވެސް އެއީ ފެނަކައިގައި އެހާ ދުވަސްވީ، ބޭނުންތެރި މުވައްޒަފުންނަށް ވުމުން އެ މީހުންގެ އަތުގައި ސެޓްފިކެޓެއް ނެތިގެންނޭ ކިޔާފައި ބޭކާރުވާކަށް ސައީދު ބޭނުމެއް ނުވި އެވެ.

ފެނަކައިގެ އިންސްޓިއުޓްގެ ކްލާހެއްގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް މަޑުކޮށްލައިގެން.

އެހެންވެ، އިންސްޓިޓިއުޓެއް ހިންގާނެ ހުރިހާ ވަސީލަތެއް ހުރުމާ ވެސް އެކު، އިންސްޓިޓިއުޓް ގާއިމު ކުރެއްވީ އެވެ.

"އިރާދަކުރެއްވިޔާ މިއަދާ ހަމައަށް އެ އިންސްޓިޓިއުޓްގެ މަސައްކަތް ވެސް ވަރަށް ކާމިޔާބު. އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް ލެވެލްގެ 100 މުވައްޒަފުން ތަމްރީނު ކުރުން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަމާޒަކީ ފެނަކަ އަށް ހާއްސަ ދާއިރާތަކުން މާސްޓާސް އާއި ޑިގްރީ ފެންވަރަށް އެ އިންސްޓިއުޓްގައި ކިޔަވައިދޭން ފެށުމެވެ.

"މި އިންސްޓިޓިއުޓްގައި ކިޔަވަނީ ސައްތައިން ސައްތަ ފެނަ ކައިން ސްޕޮންސާ ކޮށްގެން ކިޔަވާ ދަރިވަރުން."

ހޯދުނު ކާމިޔާބީތައް މަދެއް ނޫން

މީގެ ކުރިން ފެނަކައިގައި ބޭނުންކުރަމުން އައީ އެހެން މީހެއްގެ ސޮފްޓްވެއާއެކެވެ. ކަރަންޓު ބިލް ހަދަމުން އައީ އެ ސޮފްޓްވެއާ ބޭނުން ކޮށްގެންނެވެ. އެކަމަކު، މިހާރުގެ އެމްޑީ ސައީދު ވަނީ އެ ކުންފުނީގެ އަމިއްލަ ސޮފްޓްވެއާއެއް ގާއިމު ކޮށްދެއްވައި، މިނިވަންކަމާއެކު ބިލްތައް ތައްޔާރު ކުރުމުގެ މަގުފަހި ކޮށްދެއްވައިފަ އެވެ.

އިންޖީނުގެ އަށް ނުވަތަ އެހެން ތަނަކަށް ނުގޮސް ގޭގައި ހުރެގެން ބިލްތައް ދެއްކޭނެ ގޮތް ހަމަޖައްސައިދީފި އެވެ. ކަރަންޓު މީޓަރުގެ ރީޑިން ނެގުމަށް ފަހު، ވަގުތުން ބިލް ޕްރިންޓް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފި އެވެ.

"މި ނިޒާމުތައް އިތުރަށް ވަރުގަދަކޮށް، އެ އަށް ވުރެ މަތީ ހަރުފަތްތަކަށް ގެންދިއުން މުހިންމު ކުރިމަގުގައި. އަނެއް ކަމަކީ އަޅުގަނޑުމެން އެބަޖެހޭ ގުޅެން ހުރި ރަށްތައް އެއް ވިއުގާއަކުން ގުޅައިގެން ކަރަންޓު ދޭން ގްރިޑެއް ގާއިމުކުރަން. ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރާ ނަމަ ހަރަދުގެ ގޮތުންނާއި ހިންގުމުގެ ގޮތުން ވަރަށް ބޮޑު މަންފާތަކާއި ފަސޭހަތައް އޭރުން ލިބޭނެ،" ސައީދު ވިދާޅުވި އެވެ.

"އެއީ ކުރިމަގުގައި މި ކުންފުނިން ކުރާނެ ވެސް ކަމެއް. ކުރަންޖެހޭ ކަމެއް. މިވަގުތު ކުރަން ޖެހުނީ މިހާރު ހުރި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން. ދެން ފެނަކަ އަންނަން ޖެހޭ މަރުހަލާއަކީ އެ މަރުހަލާ [އެއް ވިއުގާއަކުން ގުޅައިލުން] ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."

ފެނަކައިގެ އެމްޑީ ސައީދު، މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ސައީދުގެ ލިސްޓުގައި ދެން އޮތީ ސްމާޓް މީޓަރު ހަރުކުރުމެވެ. މި އަހަރު އެކަން ކުރެވޭނެ ކަމަށް ކުރިން ބެއްލެވި ނަމަވެސް މިހާރު ބެލެވޭ ގޮތުން އެކަން ހަގީގަތަކަށް ވާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގަ އެވެ.

"ޑިޖިޓަލައިޒޭޝަނަކީ ފެނަކަ އިން ވަރަށް އިސްކަން ދީގެން ކުރާ ކަމެއް. އޭގެ ނަތީޖާ މިއަދު މި ފެނުނީ. އަޅުގަނޑުމެންގެ އަމިއްލަ އެޕެއްގައި އަޅުގަނޑުމެންގެ އަމިއްލަ ސޮފްޓްވެއާއެއްގައި ބިލް ޕްރިންޓް ކޮށްގެން ރައްޔިތުމީހާ އަތަށް ވަގުތުން ދިނުން،" އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް އިންޖީނުގެތައް މި ބަލައިލެވެނީ ކެމެރާގެ ޒަރީއާ އިން. ކުރިމަގުގައި ފައިބާ އޮޕްޓިކް ކޭބަލް ބޭނުންކޮށްގެން އެ ނޫން އެހެން މަރުހަލާއަކަށް ވެސް ދާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

އިންޖީނެއް ބާވެގެން މިހާރަކު ކަރަންޓެއް ނުކެނޑޭނެ

ސައީދަށް އޮތް އެންމެ ބޮޑު ޔަގީން ކަމަކީ އެއްވެސް ރަށެއްގައި ބޭނުންކުރާ އިންޖީނެއް ބާވެގެން ނުވަތަ އެ އިންޖީނެއްގެ ފެންވަރު ދަށްވެގެން ކަރަންޓު ނުކެނޑޭނެ ކަމެވެ.

"ސަތޭކަ ޕަސެންޓު ޔަގީންކަން އަޅުގަނޑު އެ ކަމަށް ދެން. އެކަމަކު މިއީ ޓެކްނިކަލް ކަމެއް. ކޮންމެ ފަދަ ކަމެއް ވެސް ކޮންމެ އިރަކު ވެސް ވެދާނެ. ދިމާވުމަށް ފަހު ފެނަކަ އިން އެ އަށް އެޓެންޑް ވާނެ. ބައެއް ރަށްރަށަށް ބައި ގަޑިއިރު، އަނެއް ބައި ރަށްރަށަށް 45 މިނިޓް،" ސައީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ގެންގުޅޭ މިންގަނޑަކީ އެންމެ ލަސްވެގެން ވެސް އެއް ގަޑިއިރުގެ ތެރޭގައި މުވައްޒަފުން އެޓެންޑް ވެގެން މަސައްކަތް ކުރުން."

21 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 6%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޯޔޯ

18 November 2021

ކަރަޕްޓް މީހެއްތީ.

The name is already taken The name is available. Register?

ކުޗީ

18 November 2021

ކޭވަރު އެނގޭނީ ދައުރުނިމި ބިތްގަނޑު ނެގޭ ދުވަހުން.

The name is already taken The name is available. Register?

ސުކުނާ

18 November 2021

ސަޅިބައިސާ 2

The name is already taken The name is available. Register?

ފައިނޭންސްގެ ވެރިޔާގެ ޓީޖެޓީ

18 November 2021

‎މަނިކުފާނު ދެން ކޮށްދެއްވަންވީ ކަމަކީ ފެނަކައިން ވެންޑަރއިންނަށް ޕޭމަންޓް ރިލީސްކުރާއިރު ފެނަކައިގެ އެކައުންޓްސް ހިންގެވުމާއި ހަވާލުވެ ތިއްބާވާ ބޭފުޅުން ވެންޑަރއިންގެ އަތުން ކޮންމެ އިނވޮއިސްއަކުން ނަންގަވާ 10% ކަމިޝަން ހުއްޓުވުމަކަށް ގެނައުމެވެ. އަޅުގަނޑު ފެނަަކައިގެ އިމާރާތެއްކޮށްފައި ލިބެންޖެހޭ ފައިސާ ނުލިބިގެން އުޅޭތާ 90 ދުވަސްވެދާނެއެވެ. އިންވޮއިސް އެމައުންޓުން 10% ދީގެން ފައިސާ ނުހޯދަންވެގެން މިހުންނަނީއެވެ.

The name is already taken The name is available. Register?

ހަވާލުދާރު

18 November 2021

ތިޔައުޅެނީ ތިޔަކުންފުނި އެހެން މީހަކާއި ހަވާލު ކުރަން އުޅޭތީ މަމޮޅު ކިޔައިގެން އިސްތިހާރުވާން

The name is already taken The name is available. Register?

ޖަހަންގީރު

18 November 2021

ހެހެހެ، މިނޫނީ މިބުރޭންޑަށް ގައުމެއް ހިންގާތަން މިދުނިޔެމައްޗަކު ފެންނާކަށް އަދި ނެތް. ރާއްޖޭގެ 200 ރަށުގަ އިންޖީނުގޭގޭގަ މަސައްކަތްކުރާމީހުންގެ ހަރަކާތްތައް ބަލަން ކ.މާލޭގަ ޓީވީއެއް ބަހައްޓައިގެން މީހަކު މިއޮންނަނީ. އައްޑޫގަ ކެމެރާ ޖަހައިގެން ކ.މާލޭ ފުލުސް ސްޓޭޝަނުގެ އައިސްކުރި ކޮޓަރިއަކުން އައްޑޫގެ ރަށުތެރެ ބަލަހައްޓަން އެފަށަނީ.

The name is already taken The name is available. Register?

މަދިރިބެ

18 November 2021

ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކުންފުނިދެކެ ލޯބިވާ އެތައް ބަޔަކަށް ވަޒީފާ ގެކުރިއެރުން ނުދީ ސިޔާސީ މަންފާއަށް ބަލައިގެން ވަޒީފާގެ ކުރިއެރުން ލިބޭތަނެއް. ވަޒީފާ މުޅިން ދެނީީވެސް އެކްޓިވިސްޓުންނަށް. ކިތަންްމެ ރަނގަޅަށް ކިޔަވައިގެން ހުއްޓަސް ސިޔާސީ ގުޅުމެއް ނެތިއްޔާ ތިތަނުން ވަޒީފާވެސް ނުލިބޭނެ. ކުރިއެރުމެއްވެސް ނުލިބޭ. ހުސްބޯތަކެއް ވިޔަސް ބޮޑެތި މަގާމްތަކުގައި ގެންގުޅޭނީ. އެތާގެ ޑީއެމްޑީއަކީވެސް އޭގެ ހުސްބޮލެއް.

The name is already taken The name is available. Register?

ފުށިންމާ ހޯރަ

18 November 2021

ކެޔޮކޭ ވަރު އެނގޭނީ ބިތު ފަންގި ނެގީމަ އެވެ.

The name is already taken The name is available. Register?

އަލީ ބާބާ

18 November 2021

ދިވެހި ސަރުކާރުގައޮތް މުވައްޒަފުންގެ އެންމެ މުސާރަކުޑަ ކުންފުނި. އެމްޑީގެ މުސާރަ ވަރަށް ފަލަވާނެ. ކުޑަމިނުން ސެޓިފިކެޓް އެލަވަންސް ވެސް ނުދޭ.

The name is already taken The name is available. Register?

ލާމަރުކަޒުތިއަރަމް

18 November 2021

ފެނަކަ އަކީ ރީޖަނަލް ލެވެލްގެ އޮންނަންޖެހޭ އެއްޗެއް މިސާލަކަށް އައްޑުއަތޮޅު އިންޖީނުގެ ހިންގަނީ އައްޑޫރައްޔިތުންނާއި ކައުންސިލް ހިއްސާވާ ކުންފުންޏަކުން ސްޓެލްކޯ ކަހަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454