ހައި ކޯޓު: އައްޔުބެގެ މަރުގެ މައްސަލާގައި ކުށްވެރިވި މީހަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
18 ނޮވެމްބަރ 2021 - 21:55
ދ. ކުޑަހުުވަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި އަލީ ހަސަން (އައްޔުބެ) ގެ މަރުގެ މައްސަލާގައި ކުށްވެރިވެފައިވާ މީހަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2012 ގައި އައްޔުބެއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ތިން ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމުން އޭގެ ތެރެއިން ދެ ކުއްޖަކަށް ކުށް ސާބިތުވި އެވެ. އެކަމަކު އެ ކޯޓުން އޭރު ނިންމީ އައްޔުބެގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދިން ތިބުމުން، އެ ކުދިން ބޮޑުވެ އަދި ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމާ މެދު ގޮތެއް ނިމެންދެން އެ ދެ މީހުން ޖަލުގައި ބޭތިއްބުމަށެވެ. އެކަމަކު އޭގެ ތެރެއިން އެކަކުގެ ހުކުމް ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.
ދެވަނަ މީހާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ އަހަރު އެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، އޭނާ ކުށްކުރީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެގެން ކަމަށްވާތީ އެފަދަ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް ޖުވެނައިލް ކޯޓުގެ ޝަރީއަތުގައި އޭނާ އިއުތިރާފްވެފައިވާ ކަމަށާ އަދި މިހާރު ކުށަށް އިންކާރު ކުރިޔަސް، އެކަމަށް މަގްބޫލު އުޒުރެއް އޭނާއަށް ދެއްކިފައިނުވާ ކަމަށެވެ. އަދި އޭރު އެއްބަސްވީ ބިރު ދެއްކުމުން ކަމަށް މިހާރު ބުންޏަސް، އެއީ މަގްބޫލު އުޒުރެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ، އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެކަމަކު ހައި ކޯޓުގެ ހުކުމުގައިވަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވިޔަސް، އޭނާގެ މައްޗަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އެއްވެސް މީހަކަށް ކުށް ސާބިތުވެފައި ނެތުމާ އަދި ހުށަހެޅި ހެކިތަކަށް ބަލާއިރު އެކަމުގައި އޭނާގެ ދައުރަކީ އެ ހަމަލާދިނުމަށް ހަތިޔާރާއި ތަކެތި ގެންގޮސްދިނުން އެކަނި ކަމަށްވާތީ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށްތައް ސާބިތު ކުރުމުގައި ޝައްކުތަކުން ދުރުވާން ޖެހޭއިރު، ކުށްކުރި އަސްލު ކުށްކުރި މީހާ ނުހޯދެނީސް އަދި ތަހުގީގު ބަޔާންތަކަށް އެކަނި ބިނާކޮޮށްގެން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުން މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެހެން ނަމަވެސް، މީހަކު މެރުމުގައި ބައިވެރިވެފައިވާތީ އެކަމަށް ދޭންޖެހޭ އަދަބެއް އޭނާއަށް ދޭންޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
"ގަސްދު މަރުގެ ކުށުގައި ބައިވެރިވެފައިވާކަން ސާފުކޮށް އެނގެން އޮތުމުން އެ ބައިވެރިވި މިންވަރުގެ މައްޗަށް ރިއާޔަތްކޮށް އަދަބު ކަނޑައެޅެންވާނެ ކަމުގައި ދެކެމެވެ." ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުގައި ދައުލަތުގެ ބޮޑެތި އިހުމާލުތަކެއް އެބަހުއްޓެވެ. އެގޮތުން ދައުލަތުން ދަށު ކޯޓަށް ހުށަހަޅާފައި އޮތީ ތަހުގީގު ބަޔާންތައް އެކަނި ކަމަށާއި އަދި ތަހުގީގަށް އިތުރު ގިނަ ހެކިތަކެއް ލިބުނަސް، އެ ހެކިތައް ކޯޓަށް ހުށަހަޅާފައި ނެތް ކަމަށާއި އެކަމަށް ދައުލަތުން ވެސް އެއްބަސްވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އައްޔުބެ މަރާލުމުގެ އަސްލު ކުށްކުރީ ކާކުކަން ހޯދިފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.
"މި މައްސަލާގައި އަސާސީ ކުށް ސާބިތު ކުރުމުގައި ދައުލަތުން އަމަލު ކޮށްފައިވާ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވެ އެވެ." އެ ހުކުމުގައި ބުނެފައިވެ އެވެ.
އެހެންވެ، ހައި ކޯޓުގެ ހުކުމުގައިވަނީ އައްޔުބެ މަރާލުމުގައި ބައިވެރިވިކަން އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކުރި ހުކުމް ރަނގަޅު ކަމަށެވެ. އަދި އޭނާއަށް އަދަބު ކަނޑައެޅުމުގެ މައްސަލަ ޖުވެނައިލް ކޯޓުގައި މިހާރު ހިނގަމުންދާތީ އަދަބު ކަނޑައެޅުމުގައި ހައި ކޯޓުގެ މި ނިންމުމަށް އަމަލު ކުރަން އަންގާފައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.
އައްޔުބެގެ މަރުގެ މައްސަލާގައި އިތުރު ބަޔަކަށް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެެެއރއެރ
20 November 2021
ތިކިޔާ މިހާ މަޜާލި ސަބަބަކީ ކޮބާ
ޢަރުތަ
20 November 2021
"ހުށަހެޅި ހެކިތަކަށް ބަލާއިރު އެކަމުގައި އޭނާގެ ދައުރަކީ އެ ހަމަލާދިނުމަށް ހަތިޔާރާއި ތަކެތި ގެންގޮސްދިނުން" އެހެންވިއްޔާ ތަކެތި ގެންގޮސްދިނީ ކާކަށް!؟ އައްޔުބެ މަރާލަން ތަކެތި ގެންގޮސްދިންކަން ސާބިތުވެގެން ކުރިކުށަށް އަދަބު ދެވޭނަމަ، މަރާލަން ތަކެތި ގެނެސް ހަވާލުކުރީ ކާކަށްކަން ހޯދެންވާނެ، އެހެންނޫނީ ވަށާނުޖެހި ބައިކުޅަބައި ވީމަ ހަމައެއް ނުޖެހޭނޫންތޯ.
ފޫހި
19 November 2021
މަރުވެގެންދިޔަމީހާއަށް ދުނިޔޭގައިހުރުމުގެ ހައްގެއްނެތެވެ. އެކަމަކު ޖަރީމާ ހިންގި އެންމެންގެ ހައްގު ތައް ބައިވަރެވެ. ސަދޫމު.
ކޮރަލް
19 November 2021
ހުކުމެއް ނުކޮށް ބަންދު ކޮށްގެން ގެން ގުޅޭތާ 9 އަހަރު ވީމަ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރަން ވީ އެވެ. އެހާ ގިނަ އަހަރު ހުކުމް ނުކޮށް ބެހެއްޓުމަކީ އަނިޔާ އެކެވެ. ކުށް ސާބިތު ވާނަމަ ހުކުމް ކުރަން ވީ އެވެ. ނޫނީ ދޫކޮށްލަން ވީ އެވެ.
ހަޑިގިއްލާ
19 November 2021
އަދި އައްޔުބޭ މަރުވީ އަމިއްލައަށް ކަމަށްވެސް ހުކުމުގައި ހިމަނާލިނަމަ ހުކުމް ފުރިހަމަވާނެ.
ޢަރުތަ
20 November 2021
އާނ ތިވާހަކަ، އައްޔުބޭ މަރާލި މީހެއް ނޭގެ، އެކަމަކު އައްޔުބޭ މަރާލަން ހަތިޔާރު ގެނެސްދިން މީހުން އެބައެނގޭ، އެކަމަކު ތަކެތިގެނެސްދިނީ ކާކުއަތަންކަން ހަމަ އެއްގޮތަކަށްވެސް ނޭގެޔޯ، މީއަޅެ އަރަތެއްތަ! މީހަކު ވާތާވެދާނެނު.
1828
19 November 2021
ތިޔައީ ކުށްކުރި މީހުންގެ މައްޗަށް ކުށްސާބިތުކުރެވޭ ވަރުގެ ކުށެއް. ސަބަބަކީ އައްޔުބެއަަށް ބަޔަކު ފާރަލާ، ފޯނުން މުއާމަލާތްކޮށްފައިވުން. ފުލުހުން އެވަރަށް މަސައްކަތްކޮށްފައި ނެތުމުން ސާބިތުނުވީ
ޙިނި
19 November 2021
ޢިންސާފު ހޯދަންވީ އަމިއްޔައް
ބަރުބާދު
19 November 2021
މިގައުމު ތިޔަހިސާބައްދާކައް ގިނަދުވަހެއްނެތް،
ރަދީފްއޮފިޝިއަލް
18 November 2021
އެމެރިކާގެ މިސިސިޕީގަ މިއަދުވެސް މީހަކަށް މަރުގެ އަދަބު ދެވުނު.1952ގެ ފަހުން ރާއްޖޭގަ މީހެެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭ.ނަމަވެސް ސައްތައިން ސައްތަ ދެއްތޯ؟؟!!! ވ.ވެދުން
ތިރޫފް
18 November 2021
ހެޔޮނުވާނެ ތިޔަ މުއައްސަސާތައް ބަންދުކޮށްފަ ގެއަށް ވަދޭ..ޖުޑީޝަރީ ހިސޯރުކޮށްގެން ކޯޓްތައް ހިސޯރުކޮށްގެން ވާކަމެއްހަރާމް..ދެއިރު ދެދަޅައަށް ސަރުކާރު ނުރުހޭ މީހުންގެ މައްސަލަ ވެއްދުމާއި ނެގުމާއި އެހެން ކަމެއްނެތް..ރަށްވެހިފަތިސްބާ ނޫނީ އެކިޔާ އެޖެންޑާ19 ގައި ކަންކަންވާނީ މިހެން.
މުރަކަ
18 November 2021
މިރާއްޖޭގައި ދުވަހަކު ވެސް ކުށެއް ސާބިތެއް ނުވާނެ. ކިތަންމެ ބޮޑު ކުށެއް ކޮއްފަ ވެސް ކުޑަ ކުއްޖެކޭ ކިޔާފަ ސަލާމަތް ކުރަންވީ. ކުޑަކުދިން މިހާރު މާ ނުބައި. އެ މީހުންނަށް ވެސް ހަރުކަށި އަދަބު ދީގެން މިކަން ރަނގަޅު ކުރެވޭނީ. ބައެއް މީހުން ކުޑަކުދިން ބޭނުންކޮށްގެން ގަސްދުގައި ކުށް އެބަކުރޭ