ވިޔަފާރި / ތަކެތީގެ އަގު ބޮޑުވުން

އިންފްލޭޝަންގެ ކަޅުވިލާގަނޑު ބޯމަތީގައި

މި ފަހަރުގެ "ވިއްސާރަ"އަކީ ދިވެހި ސަރުކާރުގެ އަމަލުތަކުން ނުވަތަ ޕްލާސްޓިކް ކޮތަޅުގެ ޑިޔުޓީ ބޮޑުކުރަން ނިންމުމަކުން ކުރިމަތިވެގެން އަންނަ ވިއްސާރައެއް ނޫނެވެ.

މީހަކު ކަރާތަކެއް އުފުލަނީ: މުދަލުގެ އަގު އަދިވެސް ބޮޑުވުމުގެ ފުރުސަތު ބޮޑު -- ފައިލް ފޮޓޯ: މިހާރު

އިބްރާހިމް އާތިފު ޝަކޫރު

21 ނޮވެމްބަރ 2021 - 07:26

25 comments

މި ރިޕޯޓް ލިޔަމުންމިދާ އިރު، [ނޮވެމްބަރު 17ގައި] ކުކުޅު ކިލޯއެއްގެ އަގު ހުރީ 50ރ. އަށް ވުރެ މަތީގަ އެވެ. މިއީ މީގެ ހަ މަސް ކުރީގެ އަގާ ބަލާއިރު 30 ޕަސެންޓަށް ވުރެ އަގުބޮޑު ވުމެކެވެ.

ވައިމަތީގައި ދުރުން ފެންނާން ހުރި ވިލާތައް އެކުވެ، އިންފްލޭޝަންގެ ވިއްސާރަ ހަދައި، ވިލާގަނޑުގެ ވައި އައިސް، ކެރީގެ އަސަރު ފޯރައި، އިމްޕޯޓަޑް އިންފްލޭޝަންގެ ނޭދެވޭ އަސަރު ދިވެހި އިގްތިސާދަށް މިވަނީ ކުރަން ފަށައިފަ އެވެ.

އިންފްލޭޝަނަކީ ކޮބާ؟

އިންފްލޭޝަނަކީ މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުމެވެ. އިންފްލޭޝަންގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެ ގައުމެއްގެ ފައިސާއިން 'ފިކްސްޑް' އާމްދަނީ؛ މުސާރަ، ލިބޭ ފަރާތްތަކަށެވެ. މުދަލާއި ޚިދުމަތުގެ އަގު ބޮޑު ވުމުގެ ސަބަބުން ގައުމުގައި އެންމެ ފަސް ޕަސެންޓަށް އިންފްލޭޝަން އުފުލިއްޖެ ނަމަވެސް، ކުޑަވިޔަފާރިއަކުން 4،500ރ. ގެ މިނިމަމް ވޭޖް ލިބޭ މުސާރަ ވެރިއަކަށް، ގަންނަން ލިބޭނީ 4،250ރ. ގެ މުދަލާއި ޚިދުމަތެވެ.

ހަތް ހާސް ރުފިޔާ ލިބޭ ސިވިލް ސާވަންޓަކަށް ގަންނަން ލިބޭނީ 6،650ރ. ގެ މުދަލާއި ޚިދުމަތެވެ. އިންފްލޭޝަން އަކީ މިފަދަ ނުރައްކާތެރި، ވަޒީފާ އަދާކުރާމީހާގެ ޖީބަށް ސީދާކޮށް އަސަރުކުރުވާ ކަމެކެވެ.

ރާއްޖެއަކީ ހުރިހާ އެއްޗެއްމެ އިމްޕޯޓް ކުރާ ގައުމަކަށް ވުމުގެ ސަބަބުން، ބޭރު ދުނިޔޭގައި މުދަލާއި ފްރައިޓްގެ އަގު ބޮޑުވުމުގެ އަސަރު، 'އިމްޕޯޓަޑް އިންފްލޭޝަން'ގެ ގޮތުގައި ވަނީ ކުރަން ފަށައިފަ އެވެ. އަދި ކުރިޔަށް އޮތް މެދުރާސްތާގައި އިންފްލޭޝަންގެ އަސަރު ދާނީ އިތުރުވަމުންނެވެ.

މީހަކު މުދާތަކެއް އުފުލަނީ: މުދަލުގެ އަގު މަޑުމަޑުން ދަނީ ބޮޑުވަމުން -- ފައިލް ފޮޓޯ: މިހާރު

އިންފްލޭޝަންގެ ސަބަބު

ރާއްޖެ ހިމެނޭ ގޮތުން މުޅި ދުނިޔެ އަށް ކުރިމަތި ވެގެން މި އަންނަ އިންފްލޭޝަންގެ މައިގަނޑު ދެ ސަބަބަކީ ދުނިޔޭގެ ލޮޖިސްޓިކަލް ސަޕްލައި ޗެއިނަށް (އެއްގައުމުން އަނެއް ގައުމަށް މުދާ ގެންދިޔުމުގެ ނިޒާމު) ކުރިމަތިވެފައިވާ ދަތިތަކާއި އަދި ތެލުގެ އަގު ބޮޑުވުމެވެ.

ކޮވިޑާ ގުޅިގެން އަހަރަކަށް ވުރެ ގިނަ ދުވަހު ގައުމުތަކުގެ ސިނާއަތްތައް ތަޅުލެވިފައި ހުރުމަށް ފަހު، ފުރަތަމައިނުން ކޮށްޅަށްތެދުވެ ހަރަކާތް ކުރަން ފެށީ ޗައިނާގެ އިގްތިސާދެވެ. ޗައިނާގެ ސިނާއީ އުފެއްދުންތައް އެހެން ގައުމުތަކަށް ދަތުރުކުރަން ފެށިއިރު، އެ ގައުމުތަކުގެ ނިޒާމުތައް މުޅިއަކުން ހަމައަކަށް ނޭޅެ އެވެ. ބަނދަރުތަކުގައި މަސައްކަތް ކުރާ ޚިދުމަތްތެރިންގެ ގިނަ ބަޔަކު ތިބީ ލޮކްޑައުންގަ އެވެ. މަޑުމަޑުން ހުޅުވެމުން އައިއިރު، އެއްބަޔަކު ވެކްސިން ޖަހާކަށް ބޭނުމެއް ނުވިއެވެ. އަނެއް ބަޔަކު ތިބީ ކުޑަ މުސާރައިގައި މަސައްކަތު ނުނިކުންނާށެވެ.

ޗައިނާއިން ދަތުރުކުރި ބޮޑެތި ބޯޓުފަހަރު، އެމެރިކާ، ޔޫރަޕްގެ ބަނދަރުތަކުގައި މުދާ ނުބޭލި ތާށިވާން ފެށީ މި ހިސާބުންނެވެ. މުދާ ހިފައިގެން ދަތުރު ކުރި ބޯޓު ހުސްކުރުން ލަސްވުމުގެ އިތުރުން، އަނބުރާ ގެންދަން (އެކްސްޕޯޓް ކުރަން) ހުރި މުދާތައް ބޯޓުއޮތް ބަނދަރާ ހަމައަށް ނުގޮސް، ދުރު ހިސާބުތަކުގައި ތާށިވެ އިތުރު މައްސަލަ ޖެހެން ފަށައިފި އެވެ. ބަނދަރުތަކުގައި ބޯޓުފަހަރު ހުސްނުވެ ގިނަދުވަސް ވުމާއި، އެކްސްޕޯޓް މުދާ ނެތި ހުސްކޮށް އަނބުރާ ދާންޖެހުމުގެ ސަބަބުން، ޗައިނާ- އޭޝިޔާ ގެ ފްރައިޓް ރޭޓް ތިން ގުނައަށް ބޮޑުވެ، ޗައިނާ- އެމެރިކާގެ ރޭޓް ހަތް ގުނައަށް ބޮޑުވެއްޖެ އެވެ.

ރުފިޔާތަކެއް ބަންޑެލި ޖަހާފައި: އިންފްލޭޝަންގެ ނުރައްކަލަކީ ފައިސާގެ އަގު ވެއްޓުން -- ފައިލް ފޮޓޯ: މިހާރު

މީގެ އިތުރުން، އެއްވެސް ގައުމެއްގެ ސިނާއަތަކީ މިއަދު ހަމައެކަނި އެ ގައުމެއްގެ އުފެއްދުންތަކަށް ބަރޯސާވެފައިވާ ސިނާއަތްތަކެއް ނޫނެވެ. ކޮންމެ ގައުމަކަށް ނަމަވެސް، އެ ގައުމެއްގެ ސިނާއަތްތަކުގައި އުފައްދާ މުދަލަށް، ކޮންމެވެސް މިންވަރަކަށް އިމްޕޯޓަޑް މުދާ ބޭނުންވެއެވެ. ރާއްޖޭގައި ދަޅުމަސް ބަންދު ކުރުމަށް ސޯޔާ އޮއިލް އެތެރެ ކުރަންޖެހެއެވެ. ސިލޯނުގެ ދަނޑުބިންތަކަށް ޗައިނާގެ ފާޓިލައިޒާ އެތެރެ ކުރަން ޖެހެއެވެ. ޗައިނާ އަށް ތެލާއި މައުދަނު އެތެރެކުރަން ޖެހެ އެވެ. އެޕަލް ފޯނަށް ޓައިވާންގެ ސެމީ ކޮންޑަކްޓަސް އަދި އަރަބި ތެޔޮ ރިފައިން ކުރުމަށް ހުޅަނގުގެ ޓެކްނޯލޮޖީ އާއި އިކުއިޕްމަންޓް ބޭނުންވެއެވެ.

އެހެންކަމުން ފްރައިޓްގެ އަގު ބޮޑުވުމުން، އާޚިރުގައި ހުރިހާ އުފެއްދުންތަކެއްގެ އަގު ބޮޑުވާން ފަށައިފި އެވެ. މިގޮތުން މުދަލުގެ އަގު ބޮޑު ވުމުގެ އިތުރުން ކުރިން ދެ މަސްދުވަހުން ގެނެވޭ މުދާ، އިމްޕޯޓް ކުރުމަށް 3، 4 މަސްދުވަސް ކުރިން އޯޑަރު ޖަހައި، ފައިސާ ދައްކަން މަޖުބޫރުވާން ފަށައިފި އެވެ. ކުރިމަތިވަމުން އަންނަ އިމްޕޯޓަޑް އިންފްލޭޝަންގެ އެންމެ މުހިންމު އެއް ސަބަބަކީ މިދެންނެވި ގޮތުން މުދަލާއި ފްރައިޓް އަގުބޮޑުވުމެވެ.

ހަމަ މި ދަނޑިވަޅުގައި ދުނިޔޭގެ ތެލުގެ އަގު މައްޗަށް ދާން ފަށައިފި އެވެ. ތެލުގެ ބާޒާރުގައި ވޭތުވެ ދިޔަ ތިން އަހަރުގެ އެންމެ މަތީ ރެކޯޑް މުގުރާލީ މި ހިނގާ ނޮވެމްބަރު މަހުއެވެ. ކުރިޔަށް އޮތީ ތަރައްގީ ވެފައިވާ ދުނިޔެއިން އެންމެ ގިނައިން ތެޔޮ ބޭނުންކުރަން ޖެހޭ ފިނި މޫސުން ކަމުގައި ވުމުގެ އިތުރުން މި ދުވަސްކޮޅަކީ ކޮވިޑަށް ފަހު ގައުމުތަކުގެ އިގްތިސާދީ އިންޖީނުތައް ހިންގަން މަސައްކަތް ފަށައިފައިވާ ދުވަސްވަރެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކުޅޭ ޖިއޯ ޕޮލިޓިކަލް ކުޅިވަރުތަކާއި، ކުރިން ތެލުގެ އަގަށް ހިމޭންކަން ގެނައުމަށް މަސައްކަތް ކުރި އޯޕެކް އަކީ މިހާރު ނުކުޅެދުންތެރިއަކަށް ވެފައި ވުމުގެ ސަބަބުން، ތެލުގެ އަގު 2022 ގެ މެދުތެރެއާ ހަމައަށް ވެސް އުޅޭނީ މަތީގައި ކަމަށް ގަބޫލުކުރެވެއެވެ.

އެމްޕީއެލްގައި ކޮންޓެއިނަރަކުން މުދާ އަރުވަނީ: މުދާ އެތެރެކުރުމުގައި އޮތް ދަތިތައް ބޮޑު -- ފައިލް ފޮޓޯ: މިހާރު

އެހެންކަމުން ލޮޖިސްޓިކަލް ސަޕްލައި ޗެއިންގެ ސަބަބުންނާއި، ތެލުގެ ބާޒާރުގެ އަގުތަކުގެ ސަބަބުން، ދުނިޔޭގެ ހުރިހާ ގައުމުތަކަށް މިއަދު މިވަނީ އިންފްލޭޝަންގެ އަސަރު ކުރަން ފަށައިފަ އެވެ.

ދެން ހަދާނީ ކިހިނެއް؟

އިންފްލޭޝަން ކޮންޓްރޯލްކޮށް، އެ ގައުމެއްގެ ފައިސާގެ އަގު ދަމަހައްޓައި، މަސައްކަތްތެރިންގެ އުޖޫރައިގެ އަސްލު އަގު ދަށްވިޔަ ނުދިނުމަކީ، އިގްތިސާދީ ކަންތައްތައް ފަރުމާކޮށް ފިސްކަލް އަދި މަނިޓަރީ ޕޮލިސީ ބައްޓަން ކުރާ ފަރާތްތަކުން ކުރާ އެންމެ މުހިންމު އެއް މަސައްކަތެވެ.

ގައުމީ އުފެއްދުންތެރި ކަމަށް ހިއްސާ ނުކުރާ ގޮތަށް ފައިސާ ޗާޕުކޮށްގެން އިގްތިސާދުގައި ދައުރު ކުރުވުމުގެ ސަބަބުން، ގައުމުގައި އިންފްލޭޝަން އުފެދެން ފަށައިފި ނަމަ، އެފަދަ އިންފްލޭޝަނާ ހަނގާކުރުމަށް ބޭނުން ކުރެވިދާނެ ހަތިޔާރު، އެ ގައުމެއްގެ މާލީ އިދާރާތަކުގައި ހުންނާނެއެވެ.

ނަމަވެސް، މި ފަހަރުގެ "ވިއްސާރަ"އަކީ ދިވެހި ސަރުކާރުގެ އަމަލުތަކުން ނުވަތަ ޕްލާސްޓިކް ކޮތަޅުގެ ޑިޔުޓީ ބޮޑުކުރަން ނިންމުމަކުން ކުރިމަތިވެގެން އަންނަ ވިއްސާރައެއް ނޫނެވެ.

ބާޒާރުމަތީގެ ފިހާރައެއްގައި މީހުން ތޮއްޖެހިފައި: މުދާ ނުލިބުމުގެ ދަތިތައް އެބައޮތް -- ފައިލް ފޮޓޯ: މިހާރު

އިމްޕޯޓަޑް އިންފްލޭޝަންއަކީ ބޭރު ކަނޑުގައި އުފެދޭ ވިލާގަނޑެކެވެ. އެރޭބިއަން ސީ ނުވަތަ ބޭ އޮފް ބޭންގޯލްގައި އުފެދޭ ކޮޅިގަނޑު، ރާއްޖެ މަތިން ދަތުރުކުރާ އިރު، ކުރެވެން ހުރި މަދުކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމީ އެ ވާހަކަ ކުރިޔާލައި ދައްކައި، ކުލަކުލައިގެ އެލާޓް ނެރެ، ކަނޑުދަތުރުތައް މަދުކުރުވައި، ހިޔާވެ ރައްކާތެރި ވުމެވެ.

އިމްޕޯޓަޑް އިންފްލޭޝަންގެ ވަޔާއި ކެރި އައުން ހުއްޓުވުމަށް ކުރެވޭނެ މާބޮޑު ކަމެއް އެއްވެސް އެއް ގައުމެއްގެ ބާރުގެ ދަށުގައެއް ނުހުރެ އެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ވާން އުޅޭ ގޮތް ބުނެދީ، ހިޔާވެ ތިބުމަށް އިރުޝާދު ދިނުމަށްމަހު، ގައުމަށާއި ރައްޔަތުން ފަހި ގޮތަކީ ކޮބައިތޯ ބެލުން މުހިންމެވެ. އެކްސްޕޭންޝަނަރީ ވިސްނުމެއްގައި ފަރުމާކޮށްފައިވާ 2022 ގެ ބަޖެޓާ މެދު ވަރަށް ކެރިގެން އަލުން ބަލުން ވިސްނައި، އާ ސްޓްރެޓަޖީއެއް ފަރުމާ ކުރުމަކީ މިގޮތުން ކުރެވިދާނެ އެއް ކަންތަކެވެ.

25 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 32%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 26%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުރަބޯ

22 November 2021

މިލިޔުނު ލިޔުންތެރިޔާގެ ބޭނުމަކީ، ރާއްޖޭގެ އިގްތިސޯދީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ދައްވަމުންދާ މައްސަލައިގައި ސަރުކާރު ސަލާމަތް ކުރުމެވެ.

The name is already taken The name is available. Register?

ޚުކުޅު

21 November 2021

ސަޅި ރިފޯޓެއް، އާމުކޮއް އިގްތިސޯދާބެހޭ ބޭރުގެ ރިޕޯޓުތަކުގަ ހުންނަނީ ހަމަ އެކަނި ފެކްޓްސް ހިމަނާފަ. ވަރައް ފޫހިގޮތަކަ ލިޔެފަހުންނާނީ. މިރިޕޯޓްގަ އެބަހުރި ކަޅު ވިލާގަޑެއްގެ ވާހަކަވެސް. ކިޔަމުންދާ އިރު ހީވޭ ދެންމެ ދެންމެ ރަންނަމާރި އަރާފާނެހެންވެސް. ޢެކަމަކު ނޫސްވެރިޔާ އެމް އެމް އޭގެ ރިޕޯޓް ކީހެނެއް ހިޔެއްނުވޭ. ޢޭގެން ދައްކަނީ ޑީފުލާސަން އުޅޭކަމަ. މިދިޔަ އަހަރު އަގުބޮޑުވީ ސިގުރޭޓް އެކަނި. ޢަގުހެޔަވި ފެން، ކަރަންޓް، .ޙަމައެކަނި ފިނިކުރި ކުކުޅު ނޫންދޯ

The name is already taken The name is available. Register?

ކޮރަލް

21 November 2021

ގަވާއިދާ ހިލާފް ބިދޭސީންނާ ޑްރަގް މައްސަ ހައްލު ވީމަ ބޮޑު ލުޔެއް ލިބޭނެ އެވެ.

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

21 November 2021

މައްސަލައަކީ އިހުލާސްތެރިކަމެއް ނެތުން! ކޮރަޕްޝަނާއި ވައްކަން ގިނަވުން! ދޮގުހެދުމާއި އޮޅުވާލުން! މިހާރު ވެސް ހުޅުމާލެ ފޭސް 2 ތަރައްގީ އެކުރަނީ 2 ވަރަކަށް ލައްކަ މީހުންނަށް. އަދި މިތަންތަނަށް ރައްރަށުން މީހުން އަންނަން މަޖުބޫރު ކުރުވާފަ އެ ރަށްރަށުގެ އާބާދީގެ 2/3 މާލެ ގެނެސް އަނެއްކާ އެ ރަށަށް އެތަކެއް ސަތޭކަ މިލިއަނެއް ބޭކާރު ގޮތުގަ ހަރަދު ކުރުން! ދެން އޮތީ ސިޔާސީ މީހުންނަށް ކުރާ ބޭކާރު ހަރަދު.

The name is already taken The name is available. Register?

ކުޗީ

21 November 2021

ވަރަށް ރަނގަޅު ކޮމެޓެއް. ކޮންމެ ސަރުކާރެއް އޮތަސް ފެންނަނީ މިމަންޒަރު.

The name is already taken The name is available. Register?

ޖޫނިއަރ ސޮރު

21 November 2021

ހައްލު 2، ކީ ޕެޑެއް ނުވަތަ ބޯޑެއް އަތުޖެހުނެއް ކަމަކު ދޮގު ޚަބަރު ނުފަތުރާށެވެ. ޔޫއެސް ގެ އިންފްލޭޝަން 2019 ވަނަ އަހަރު %2.3 ގައި! 2020 ވަނަ އަހަރު އުޅުނީ %1.4 ގައި! އަދި 2021 ވަނަ އަހަރުގެ އެވްރެޖް %6.3 ގައެވެ. ސޯސް: "ޔޫއެސްއިންފްލޭޝަންކަލްކިޔުލޭޓަރ.ކޮމް" ދެން ތިކިޔާ 100 އާ 500 ޕަސެންޓް އިންފްލޭޝަން އޭ ތިކިޔަނީ ކާކަށް އޮޅުވާލަން ހެއްޔެވެ؟ ރާއްޖޭގެ މައްސަލައަކީ، 2020 ވަނަ އަހަރު، އެ އަހަރުގެ ފަހުކޮޅުގައި އިކޮނޮމިކް ބޫމް އެއް އަންނާނޭ ކިޔާފައި ހުރި ފައިސާކޮޅު ސުމާރެއް ނުބަލާ އިސްރާފުކޮށް، އޭގެ ބޮޑު ބައެއް ކޮރަޕްޝަން އަށް ދުއްވާލާ ހުސްކޮށްލީއެވެ. ދެން މިކުރާ ކަމަކީ، ދަރަންޏަށް ނަގައިގެންނާ، ފައިސާ ޖަހައިގެން ނެތްފެންވަރުން ރިކަރަންޓް ޚަދުކުރުމާ، މި ވަގުތު ބޮޑު ޚަރަދު ނުކޮށް ފުއްދާލެވޭނެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް މަޑުޖައްސާ ނުލަނީއެވެ. ހުރިހާ ރިސޯސްއެއް ހުރި ދުނިޔޭގެ 1 ވަނަ އިކޮނޮމީ ޔޫއެސްއޭ ފައިސާ ޖަހައިގެން ކުރަނީ ރާއްޖެކަހަލަ އިމްޕޯޓަށް ހުރިހާ ކަމެއް ބަރޯސާވާ ގައުމެއް ކުރާކަހަލަ ދެކޮޅު ނުޖެހޭކަންކަން ބާއެވެ؟

The name is already taken The name is available. Register?

ޙޯރަ

21 November 2021

މަށަކަށް މިހާދިގު ކޮމެންޓެއް ނުލިޔެވޭ ލިމިޓް ހަމަވާވަރުން

The name is already taken The name is available. Register?

ތަރަފަނަ

21 November 2021

ފެކްޓްސް އެކުލެވޭ ކިޔާލަން ފަސޭހަ އާޓިކަލެއް.

The name is already taken The name is available. Register?

ސައްލެގެ ބޮޑޭ

21 November 2021

ރައްޔިތުންނަށް ހިތްވަރުދޭންވީ، އަދި މާލީ އެހީދޭންވީ، ދަނޑުވެރިކަން ކުރުމަށް. ނައަމް ސޫފި ގެންގުޅެން ބިންތައް ދޭންވީ. އެކަމަކު، ރަށްރަށުގެ ކައުންސިލްތަކުން މިކަމަށް އެއްބާރުލުން ނުދޭކަމީ ހިތާމަހުރި ކަންކަން.

The name is already taken The name is available. Register?

ތުހުމަތުކުރޭ

21 November 2021

މިހާރުވެސް މިކުރާކަމަކީ، އާބާދީގައި 300 ހަމަނުވާ ރަށްރަށުގައި، ކުޑަކުދިންގެ ޕާކް ހަދާފަ، ވެއްޓިފަ އޮތް ހޮޅިދަނޑިއެއް ކޮޅަށްޖަހާފަ، އިންޑިޔާގެ ލައިން އޮފް ކްރެޑިޓް އިން ހިންގި އުމްރާނީ ތަރައްޤީގެ ޕްރެޖެކްޓެކޭ ކިޔާފަ ދަރަނީގެ ލިސްޓުގައި ޖަހަނީ. ދެން އަވަށްޓެރިޔާ ހަދާވަޑާމަކީ، ސަތޭކަގުނަ ބޮޑުކޮށް ދަރަނިދަށްކަންޖެހެނީ. ގައުމަށް ލިބޭ ހުރިހާ ބޭރުފައިސާއެއް މިހާރު ވަންނަނީ އިންޑިޔާއަށް.

The name is already taken The name is available. Register?

އައްލާމް

21 November 2021

ލިބޭ ހުރިހާ ބޭރުފައިސާއެއް ދެނީ އިންޑިޔާއަށް. ކާޑުކޮޅުވެސް ގެންނަނީ ދަރަންޏަސޭ ބުނާއަޑުއިވޭ. މިއީ ތެދެއްތަ؟

The name is already taken The name is available. Register?

ހައްލު 2

21 November 2021

އެމެރިކާގައި، މިދެއަހަރުތެރޭ 800 ބިލިއަން ޑޮލަރު އިތުރަށް ޕްރިންޓްކޮށްފި. އެގައުމުގެ އިންފްލޭޝަން އުޅެނީ، 100 ޕަސެންޓާ 500 ޕަސެންޓާ ދޭތެރޭގަ. ގައުމު ސުންނާފަތިވެދާތަން މިހާރު އެފެންނަނީ. ދިވެހިރާއްޖޭގައި ފައިސާ ޕްރިންޓް ކުރުމުން ދިމާ އިދިކޮޅަށް ކަންކަން ވަމުންދަކަމަށް ބުނެ ދޮގުހެދުން ރަނގަޅެއްނޫން. ފިނޭންސް މިނިސްޓަރު ޒިންމާދާރުވާންދަސްކުރަންވީ. ފާއިތުވި 2 އަހރު ހިފެހެއްޓުނީ 2018 ގައި ހުރި ރިޒާވްއިން. ދެން ކޮންތާކުން ފައިސާނެރޭނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454