ރާއްޖެ ގެނައި ބޭސްތަކެއް އެސްޓީއޯގެ މުވައްޒަފުންތަކެއް ބަލަނީ: ބޭހުގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން ވަނީ ނިންމާފައި.-- ފައިލް ފޮޓޯ: މިހާރު
23 ނޮވެމްބަރ 2021 - 11:39
ބޭސް ސިޓީން ބޭހުގެ ބްރޭންޑް ނަން ފޮހެލައި އަސްލު ނަމުން ވިއްކާ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހަމަޖެއްސިޔަސް ފެންވަރު ދަށް ބޭސް ނުވިއްކޭނެ ކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފި އެވެ.
ބޮޑު އަގުގައި ބޭސްވިއްކުމުގެ މަގު ހުޅުވިފައި އޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭހުގެ އަގު ކޮންޓްރޯލްކޮށް ކުރަން ނިންމާފައިވާ އިރު ބައެއް މީހުންގެ އޮތް ކަންބޮޑުވުމަކީ ފެންވަރު ދަށް ބޭސް ވިއްކުމުގެ ބިރެވެ.
ސަރުކާރުން ގެންނަން އުޅޭ ބަދަލުން، ބޭސް ސިޓީގައި ބޭހުގެ އަސްލު ނަން [މިސާލަކަށް ޕެރަސެޓަމޯލް] ނޫން ނަމެއް ޑޮކްޓަރުންނަކަށް ނުލިޔެވޭނެ އެވެ. ބޭސް ސިޓީގައި ޖެނެރިކް ނަން ޑޮކްޓަރުން ލިއުމުން، ދޫކުރާނީ ޕެރަސެޓަމޯލްތޯ ނުވަތަ ޕެނަޑޯލްތޯ، ޕެނަމެކްސް ބްރޭންޑްތޯ ނިންމާނީ ފާމަސިސްޓެވެ.
އެމްއެފްޑީއޭގެ ޑިރެކްޓަރު އައިޝަތު ޖަލީލާ "މިހާރު" އަށް ވިދާޅުވީ އެންމެ ފުރަތަމަ އަގު ކޮންޓްރޯލް ކުރަނީ މާކެޓްގައި މިހާރު ވެސް ހުރި ބޭސްތަކެއްގައި ކަަމަށެވެ. އެހެންކަމުން ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަން ފާހަގަކުރެއްވި އެވެ.
އެއީ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހެކެވެ.
"މި ބޭސްތައް ވިއްކޭނީ ވަކި އަގުތަކެއްގައޭ މި ކަނޑައަޅަނީ. ލޯ ކޮލިޓީގެ ބޭސްތަކެއް އަލަށް ގެނެސްގެން އަގު ކަނޑައަޅަނީއެއް ނޫން. މިހާރު ވެސް މާކެޓްގައި ހުރި ރަނގަޅު ޕްރޮޑަކްޓްތަކުގެ ފިސްކްޑް ޕްރައިޒެއް މި އަންނަނީ،" ޖަލީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ފާމަސީތަކުގައި ވިއްކާ ބޭސްތަކުގެ ރައްކާތެރިކަމާއި ފެންވަރު ގަވާއިދުން ކަށަވަރު ކުރެ އެވެ. ބޭސްތައް ރާއްޖެ އެތެރެކުރެވެނީ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަރުހަލާގައި އެ އޮންނަ ހުރިހާ ކަމެއް ފުރިހަމަވުމުން ކަން ޖަލީލާ ފާހަގަކުރެއްވި އެވެ.
"އަގު ބޮޑުވާ ކޮންމެ ފަހަރަކީ ބޭސް ކޮލިޓީވުމެއް ވެސް ނޫން. އަގު ބޮޑަސް، ކުޑަޔަސް ރާއްޖެއަށް ބޭހެއް ގެންނަންޏާ އެ ހުންނަ ސޭފްޓީ ކޮލިޓީގެ ހުރިހާ ކަމެއް ބެލުމަށް ފަހު ރާއްޖެ އެތެރެކުރަން ހުއްދަ ދޭނީ،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އަގު ކޮންޓްރޯލް ކުރާކަށް ނޫން، ބޭހުގެ ކޮލިޓީ ހިފެހެއްޓުން."
ބޭހުގެ އަގު ކޮންޓްރޯލް ކުރުމާ އެކު އެމްއެފްޑީއޭ އިން އަންނަނީ ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން މަސައްކަތް ކުރަމުންނެވެ. ރާއްޖެ އިން ޓެސްޓް ނުކުރެވޭ ބޭސްތައް މިހާރު ފޮނުވަނީ ސިންގަޕޫރުގެ ލެބޯޓްރީއެއް މެދުވެރިކޮށެވެ.
ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ސިންގަޕޫރުގެ ލެބޯޓްރީއަކާ އެކު ރާއްޖެ އިން ވަނީ ބޭސް ޓެސްޓްކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
ނެޝަނަލް ހެލްތު ލެބޯރެޓަރީން މިހާރު ޓެސްޓް ކުރެވެނީ 61 ބޭހެވެ. އެ ތަނުގެ ގާބިލްކަން މި އަށް ވުރެ އިތުރުކުރަން ސަރުކާރުން ވަނީ ބަޖެޓެއް ހަމަޖައްސައިދީފަ އެވެ. ބައެއް ކަހަލަ މެޝިނަރީޒްތައް ވެސް މިހާރު އައުމުގެ މަގުމަތީގައިވާ ކަމަށް ޖަލީލާ ވިދާޅުވި އެވެ.
ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލްކުރަން ނިންމީ މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު ވެސް ބޮޑު އަގުގައި ވިއްކާތީ އެވެ. ރާއްޖޭގައި ކޮންޓްރޯލެއް ނެތި ބޭސް ވިއްކަމުންދާ ކަން ޑަބްލިއުއެޗްއޯގެ ރިޕޯޓްތަކުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓްތަކުގައިވާ ގޮތުން ރާއްޖޭގެ ބޭހުގެ އަގުތައް ހުރީ މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު އެވްރެޖް 75.9 ޕަސެންޓް މަތީގަ އެވެ.
"އަޅުގަނޑުމެން ބަލާލާއިރު ވެސް ބޭހުގައި 50-60 ޕަސެންޓުގެ އަގުގެ ތަފާތު އެބަހުރޭ. އެކި ފާމަސީތަކުން މި ގޮތަށް ވިއްކާކަން އަޅުގަނޑުމެންގެ އަތުގައި އެބަހުރި ރެކޯޑް،" އޭނާ ވިދާޅުވި އެވެ.
ބޭހުގެ އަގު ކޮންޓްރޯލްކުރުމަކީ، ބޭހަށް ކުރާ ހޭދައިން 205 މިލިއަން ކުޑަކުރެވޭނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާޔާ
23 November 2021
އިންޑިޔާގެ މުޑުދާރު ހޫނު ގުދަންތަކުން އާދައިގެ ކަރުދާސް ފޮށިފޮށީގާ ބަންދުކޮށް ރާއްޖެފޮނުވީމާ ރާއްޖެސީޕޯޓްގަ ނޫނީ އެއަރ ޕޯޓްގަ ހުންނަނީ ރަތްދައްކާ އަވީގަ ނޫނީ ހޫނު ކޮންޓޭނާތަކުގައެވެ. އެބޭސްތަށް ކޮލެޓީ ރަނގަޅުކުރަނީ މާލޭގެ ގުދަންތަށް ގަދަޔަށް އޭސީކޮށްގެންނާއި ބޭސްފިހާރަތަށް އޭސީކޮށްގެންނެވެ. މަސްވެރިންނަށް މިކަން ކުރަންއެނގޭނަމަ އެންމެ މަސްކޮޅެއްވެސް އުކާލާކަށް ނުޖެހޭނެއެވެ.ރާއްޖޭގެ ހެލްތުމިނިސްޓްރީން މިކަން މަސްވެރިންނަށް ދަސްކޮށްދިނުމަށް ފެނޭ!
ޑަކްޓަރު
23 November 2021
ކަނޑައެޅިގެން ދޮގު ރާއްޖޭގެ ބާޒާރުން ގިނައިން ލިބެނީ ކުނި ބުނި ތިޔަތަނަކާ ގުޅިގެން ހިންގާ ޖަރީމާތައްމީ އެއްވެސް ކޮލިޓީ އެއް ނުބަލާ އަދިީ ނުވެސް ބަލާނެ ފާމަސީ އިން ދޭނީ އެންމެ ފައިދާ ނެގޭބޭސް އެއީ އެންމެ ކޮލިޓީ ދަށް ޕްރޮޑަކްޓް
ޢަހައްމާ
23 November 2021
ބޭހުގެ އަގު ކޮންޓުރޯލު ކުރަން ބޭނުންނަމަ ރާއްޖެއަށް ބޭސް އިންޕޯޓު ކުރާ މީހުންގެ އަގުތަށް ކޮންޓުރޯލް ކުރާށެވެ. އެގޮތުން އެފް އޯ ބީގެ ތެރެއަށް އިތުރުކުރަންޖެހޭ ޕަސަންޓް އިތިރު ކުރުމަށް ފަހު ބޭހުގެ ހޯލްސޭލް ޕްރައިސް ކޮންޓުރޯލް ކުރާށެވެ. ދެން އޭގެ ފަހުން ހޯލްސޭލް ޕްރައިޒުއަށް ބޮޑުވެގެން ވަކި ޕަސަންޓެއް ރީޓޭލް ޕްރައިސްއަށް ހެދީމާ އެކަން ހަމަޖެހުނީއެވެ.
ހަސަނު
23 November 2021
އެފްއޯބީ އަގު އޮޅުވާލާފަ އޮތިއްޔާ ކިހިނެއްހަދާނީ؟
ޕެނެޑޯލް އައް އުވަ އަޅާފަ
23 November 2021
ކޮބައިހޭ ފާމަސީ ވިޔަފާރިވެރިންގެ ހައްގު؟ މިދިޔަ 20 އަހަރު ދުވަހު ކޮލިޓީ ދައްބޭސް ގެނެސް ބޮޑުއަގުގަ ވިއްކާފަ، އެބޭފުޅުންގެ ދިރިއުޅުން މަތީފަންތީގަ އުޅެނިކޮއް، މިހެންކަންތައް ކުރީމަ އެމީހުންގެ ހައްގު ގެެއްލޭނީ! ތިކަމައް ޖެހޭނީ މެމްބަރު ކައިރިއައް ދާން!