ދުނިޔެ / އީރާން

ހަގީގަތް ގަބޫލުކޮށް ދަތިކުރުން ހުއްޓައިލާ: އީރާން

ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާގެ ޑިރެކްޓަ ޖެނެރަލް ރަފައެލް ގްރޮސީ (ކ) އީރާންގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ ބެހްރޫޒް ކަމަލްވަންދީއާ އެކު ތެހެރާންގައި އިއްޔެ މަޝްވަރާ ކުރައްވަނީ

23 ނޮވެމްބަރ 2021 - 11:52

މިއަދުގެ ބައިނަލްއަގުވާމީ މުޖްތަމައުގެ ހަގީގަތް ގަބޫލުކޮށް، އީރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް، އީރާނުން އެމެރިކާ އަށް ގޮވާލައިފި އެވެ.

ނޮވެމްބަރު 29، 2021 ގައި، އޮސްޓްރިއާގެ ވިއެނާގައި އަލުން ފެށުމަށް ހަމަޖެހިފައިވާ ނިއުކްލިއާ މަޝްރޫއުގެ މަޝްވަރާތަކުގައި ބައިވެރިވާ އީރާންގެ އިސް މަންދޫބު އަލީ ބާގިރީ ކާނީ ވިދާޅުވީ، އީރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް އެމެރިކާ އެއްބަސްވާންޖެހޭ ކަމަށެވެ.

އީރާނާއި ވިލާތުގެ ގައުމުތަކާއި އެމެރިކާއާ ދެމެދު 2015 ވަނަ އަހަރު ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާ އިން، 2018 ވަނަ އަހަރު އެމެރިކާ ވަކިވުމާއެކު، އެ މުއާހަދާ އަށް އަމަލުކުރުން ވަނީ މެދުކެނޑިފަ އެވެ. މިއަހަރުގެ ޖެނުއަރީ މަހު، އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑެން، އެ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވާން ނިންމުމާ ގުޅިގެން، އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަނީ އޮސްޓްރިއާގެ ވިއެނާގަ އެވެ.

ނަމަވެސް އީރާންގެ ރިއާސީ އިންތިހާބަށް ފުރުސަތު ދިނުމުގެ ގޮތުން، ޖޫން މަހުގެ ތެރޭގައި މަޝްވަރާތައް މެދުކަނޑައިލި އެވެ. އޭގެ ފަހުން މަޝްވަރާތައް އަލުން ފެށުމަށް މިހާރު ތާވަލުކޮށްފައި ވަނީ، މިމަހުގެ 29 ވަނަ ދުވަހު އެވެ. އީރާންގެ ނިއުކްލިއާ މުއާހަދާގައި ސޮއިކުރި ހުރިހާ ގައުމުތަކުގެ މަންދޫބުން، މިމަޝްވަރާތަކުގައި ބައިވެރިވާނެ އެވެ.

އީރާން، ޗައިނާ، ރަޝިޔާ، އިނގިރޭސި ވިލާތް، ފްރާންސް އަދި ޖަރުމަންގެ މަންދޫބުން، މި ހަފުތާގެ ފަހުކޮޅު ވިއެނާ އަށް ވަޑައިގަންނަވާނެ އެވެ. މީގެ ކުރިން ބޭއްވި ބައްދަލުވުންތަކެކޭ އެއްގޮތަށް، މިފަހަރުގެ މަޝްވަރާތަކުގައި ވެސް އެމެރިކާ ބައިވެރިވާނީ ނުސީދާ ގޮތެއްގަ އެވެ.

ނިއުކްލިއާ މުއާހަދާގެ މަޝްވަރާތައް އަލުން ފަށާއިރު، އެމެރިކާ ބާރު އަޅަނީ، އީރާނުން އެ މުއާހަދާ އަށް ފުރިހަމަ އަށް އަމަލުކުރަން ފެށުމަށެވެ. ނަމަވެސް އީރާނުން ބާރުއަޅަމުން އަންނަނީ، މުއާހަދާ އަށް އަމަލުކުރަން ފެށުމުގެ ކުރިން، 2018 ވަނަ އަހަރުން ފެށިގެން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ.

އީރާނުން މިދިޔަ ހަފުތާގައި ބުނި ގޮތުގައި އެ ގައުމު އޮތީ ވިއެނާގައި ކުރާ މަޝްވަރާތަކަށް ފަހު ރަނގަޅު އެއްބަސްވުމެއް ގާއިމުކުރުމަށް ތައްޔާރަށެވެ. ނަމަވެސް، އެމެރިކާ އަމިއްލައަށް މުއާހަދާ އިން ވަކިވެ، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، މީގެ ފަހުން އެ މުއާހަދާ އިން އެމެރިކާ ވަކިނުވާނެ ކަމުގެ ޔަގީންކަން ދޭންޖެހޭނެ ކަމަށް ވެސް އީރާނުން ބުންޏެވެ.

އެމެރިކާ އިން ބުނީ، ނިއުކްލިއާ މުއާހަދާއާ ހިލާފަށް އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން އެ ގައުމު އޮތީ ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް، އީރާނުން އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާ އަމަލުތަކާއި ޓެރަރިޒަމަށް ވާގިވެރިވުމުގެ ސަބަބުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، މިވަގުތަށް ދަމަހައްޓާނެ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި އީރާންގެ އާ ސަރުކާރާ އެކުގައި މަޝްވަރާ ކުރެއްވުމަށް، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާގެ ޑިރެކްޓަ ޖެނެރަލް ރަފައެލް ގްރޮސީ އިއްޔެ އީރާނަށް ވަޑައިގެންފި އެވެ. އޭނާގެ މިދަތުރުގައި ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާންއާ ބައްދަލުކުރައްވާނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454