ޑޯޓްމަންޑްއާ ސްޕޯޓިން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
25 ނޮވެމްބަރ 2021 - 09:44
ލިޒްބަން (ނޮވެމްބަރު 25) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ބާކީ އެއްމެޗު އޮއްވައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް، ޕޯޗުގަލްގެ ސްޕޯޓިން އަތްދަށުވެ، ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހިއްޖެ އެވެ.
ސްޕޯޓިންއާ ވާދަކޮށް ޑޯޓްމަންޑް ބަލިވީ 3-1 އިންނެވެ. ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މެޗު، އެޓީމުގެ ހޮލެންޑު ސްޓްރައިކަރު ޑޮންޔެން މޭލެންގެ ހަމައެކަނި ލަނޑުން ކާމިޔާބުކުރިއިރު، ސްޕޯޓިން އަށް އޮތީ މުބާރާތުގައި ކުރިޔަށް ދާން މި މެޗު ރަނގަޅު ނަތީޖާއަކުން މޮޅުވާން މަޖުބޫރުވެފަ އެވެ.
ފުރަތަމަ ހާފު ސްޕޯޓިން ނިންމައިލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. މި ދެ ލަނޑު ވެސް ޖަހައިދިނީ ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ޕެޑްރޯ ގޮސަލްވިސް އެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗު ނިމެން ނުވަ މިނިޓަށްވެފައި ވަނިކޮށް ޖަހައިދިނީ މެންޗެސްޓާ ސިޓީން ލޯނު އުސޫލުން އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ޕެޑްރޯ ޕޯރޯ އެވެ.
މެޗުގެ 74 ވަނަ މިނިޓުގައި ޕޯރޯއަށް ކުރި ފައުލަކާ ގުޅިގެން ޑޯޓްމަންޑުގެ އެމްރޭ ކޭން އަށް ރަތް ކާޑު ދެއްކުމުން ފަހުބައި އެޓީމު ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.
ޑޯޓްމަންޑްގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހީ، މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިން މޭލެން އެެވެ.
މި ނަތީޖާއާ އެކު އެޓީމަށް ލިބެނީ ފަސް މެޗުން ހަ ޕޮއިންޓާ އެކު ގުރޫޕް ސީގެ ތިންވަނަ އެވެ. ޑޯޓްމަންޑް މިހާތަނަށް ހަތަރު ލަނޑު ޖަހާފައިވާއިރު 10 ލަނޑު ބައިކޮޅަށް ވަދެފައިވެ އެވެ. ސްޕޯޓިން އަށް ދެވަނަ ޔަގީންވެ، ގަދަ 16 އިން ޖާގަ ވަނީ ޔަގީންވެފަ އެވެ. ގްރޫޕުގެ ތިން ވަނަ މަގާމާ އެކު ޑޯޓްމުންޑް ވަނީ ޔޫރޮޕާ ލީގުގެ ނޮކް-އައުޓް ސްޓޭޖަށް ދާންޖެހިފަ އެވެ.
މި ގުރޫޕުގެ އެއްވަނައިގައި އޮތް އަޔެކްސް ވަނީ ރޭ ބަސިކްތާސް 2-1 އިން ބަލިކޮށް، ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. އަޔެކްސްގެ ދެ ލަނޑު ވެސް ޖެހީ ސަބަސްޓިއެން ހޯލާ އެވެ. މިއީ އޭނާ ފަސް މެޗުން ޗެމްޕިއަންސް ލީގުގައި ޖެހި ނުވަ ވަނަ ލަނޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy