ލައިފްސްޓައިލް / އިޓަލީ

"އަފްގާން ގާލް" އަށް އިޓަލީގެ ރެފިއުޖީއެއްގެ ދަރަޖަ

27 ނޮވެމްބަރ 2021 - 05:42

މީގެ 35 އަހަރު ކުރިން ނެޝަނަލް ޖޯގްރަފީ މަޖައްލާގެ ކަވަރުގައި ޖަހައިގެން "އަފްގާން ގާލް" ގެ ގޮތުގައި މުޅި ދުނިޔޭގެ ސަމާލުކަން އޭރު ލިބުނު އަންހެން ފޮޓޯގައި ފެންނަ ޝަރްބަތު ގުލާ އަށް އިޓަލީން ރެފިއުޖީއެއްގެ ދަރަޖަ ދީފި އެވެ.

މިކަން އިއުލާން ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ އެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އުމުރުން 49 އަހަރުގެ ޝަރްބަތަށް އިޓަލީން ރެފިއުޖީއެއްގެ ދަރަޖަ ދިނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އަފްގާނިސްތާން، ތާލިބާނުންގެ އަތް ދަށަށް ދިއުމާ އެކު، އޭނާ ހިމާޔަތާއި ރައްކާތެރިކަން ބޭރު ގައުމަކުން ހޯދައިދޭން އެދުމާ ގުޅިގެން އެކަމުގައި ހަރަކާތްތެރިވި މަދަނީ ޖަމިއްޔާތަކެއްގެ އެދުމުގެ މަތިން ކަމަށެވެ.

ނަމަވެސް ޝަރުބަތާ އެކު އާއިލާގެ އިތުރު އެއްވެސް ބަޔަކަށް އިޓަލީން ރެފިއުޖުންގެ ދަރަޖަ ދިން ކަމެއް ކަށަވަރެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން އޭނާގެ ފަރާތުން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ޝަރުބަތަކީ ތިން އަންހެން ކުދިންގެ މައެކެވެ. އޭނާގެ ތިން ދަރިންނަކީ އާލިއާ ގުލް، ރުބީނާ ގުލް އަދި ޒާހިދާ ގުލް އެވެ.

ޝަރުބަތުގެ އުމުރުން 12 އަހަރުގައި ޕާކިސްތާނުގެ ރެފިއުޖީ ކޭމްޕެއްގެ ތެރެއިން ނަގައި، ނެޝަނަލް ޖޯގްފަރީ މަޖައްލާގައި ޖެހި ފޮޓޯ އަކީ އަފްގާނިސްތާންގެ މީހުންނަށް ދިމާވެފައި އޮތް ދަތި ހާލަތު ހުޅަނގުގެ ގައުމުތަކުގެ ސަމާލުކަމަށް ގެނައި ފޮޓޯއެކެވެ.

ސްޓީވް މެކްކަރީ 1984 ގައި ނަގައި 1985 ގައި ޝާއިއުކުރި އެ ފޮޓޯގައި ފެންނަނީ ވަރަށް މައުސޫމުކޮށް ހުރި ޝަރުބަތު ކެމެރާ އަށް ވަރަށް ރީތިކޮށް ބަލަހައްޓައިގެން އިންނަ ތަނެވެ. މަޑު ފެހި ކުލައިގެ ކަޅިއެއް ލިބިފައިވާ ޝަރުބަތު އިންނަނީ ރަތް ދޯޕައްޓާއަކުން އިސްތަށިގަނޑުން ބައެއް ނިވާކޮށްގެންނެވެ.

ޝަރުބަތު މިހާރު ހުންނަ ގޮތް.

މި ފޮޓޯ ވެގެން ދިޔަ އެ ނެގި ފޮޓޯގްރާފަރު ސްޓީވަށް ވެސް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބުނު ފޮޓޯއަކަށެވެ. "އަފްގާން ގާލް" ގެ ނަމުން މަޝްހޫރުވި ފޮޓޯއާ ބެހޭ ގޮތުން އޭނާ 2016 ގައި ސީއެންއެން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެ ފޮޓޯ އަކީ ޑިޖިޓަލް ކެމެރާ ވެސް ނެތް ޒަމާނެއްގައި ކެޕްޗަ ކުރެވެނު ވަރަށް ވެސް ހާއްސަ ފޮޓޯއެއް ކަމަށެވެ.

"ފަސޭހަ ގޮތަކަށް ނެގުނު ފޮޓޯއެއް ނޫން އެއީ. އެ ފޮޓޯ ނެގި ރެފިއުޖީ ކޭމްޕަކީ ވަރަށް ހަަލަބަލިކޮށް އެހާމެ ހިރަފުސް ބޯކޮށް އޮތް ތަނެއް. ފޮޓޯ ނަގަން މަސައްކަތްކުރި ވެސް އެތައް ބަޔަކު ކައިރީގައި ހޭލަމޭލަވަމުން ދިޔަ،" ސްޓީވް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ފޮޓޯ ނަގައި ސާފުކުރި ފަހުން އެއީ ވަރަށް ހާއްސަ އެއްޗަކަށް ވާނެ ކަމަށް އޭރު ވެސް އުންމީދު ކުރެވުނު ކަމަށެވެ.

ސްޓީވް އޭނާ ނެގި ޝަރުބަތުގެ ފޮޓޯތައް ކައިރީގައި ހުއްޓިގެން.

"ދެން މަޖައްލާގެ އެޑިޓަރަށް ދެއްކި ތަނުން އޭނަ ބުނެފި ފައްކާ ފޮޓޯއެކޭ ތިޔޮތީ ނެގިފައި. ކަވަރުގައޭ އެ ޖަހާނީ،" ސްޓީވް ބުންޏެވެ. "އެ ހިސާބުން އެނގިއްޖެ ފޮޓޯ ކިހާ ހާއްސަ އެއްޗަކަށް ވާނެކަން."

"އަފްގާން ގާލް" ގެ ފޮޓޯ ނެގި އިރަކު އެ ކުއްޖާ އަކީ ކާކު ކަމެއް ވެސް ނޭނގެ އެވެ. ފޮޓޯގައި އިނީ ޝަރުބަތުކަން އެނގުނީ ފޮޓޯ މެގަޒިންގައި ވެސް ޖެހިތާ އެތައް އަހަރެއް ފަހުން 2002 ގަ އެވެ. އެ ފޮޓޯ ނެގި އިރު، އޭނާ ދިރިއުޅުނީ ޕާކިސްތާނުގެ ޕިޝާވަރުގެ ނާސިރު ބާގް ރެފިއުޖީ ކޭމްޕްގަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 40%
icon inlove icon inlove 20%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454