ރިޕޯޓް

މަހްލޫފުގެ މައްސަލާގައި މި ފަހަރު ގޮތް ހުސްވީ ސަރުކާރުތަ؟

މަހްލޫފު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުރަކަށް ޖަވާބު ދެއްވަނީ: ޖިނާއީ ދައުވާ އުފުލާފައި ވަނިކޮށް ވެސް އޭނާ މަގާމުގައި ހުންނަވާތީ ކަންބޮޑުވި މެމްބަރަކު ނެތް.---ފައިލް ފޮޓޯ: މަޖިލިސް

އާންމުންގެ ވާހަކައަކީ މި އެވެ؛ "ޖިނާއީ ކުށެއްގެ ތުހުމަތުގައި ދައުވާ ކުރަން ކޯޓަށް ފޮނުވީމާ ވެސް އެ މީހަކު ދައުލަތުގެ މަގާމުގައި ބަހައްޓަން ވީ ހެއްޔެވެ؟"

މިއީ އާންމު މީހެއްގެ ވާހަކައެއް ނޫނެވެ. ދައުލަތުގެ މިނިސްޓަރެކެވެ. ޔޫތު އަދި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ކުޑަ ދައުވާއެއް ވެސް ނޫނެވެ. އެއީ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާއެކެވެ.

"އެކަމަކު ޒީރޯ ޓޮލެރެންސްގެ ސަރުކާރެއް މިއީ،" މަހުލޫފަށް އެއްވެސް އިދާރީ ފިޔަވަޅެއް ނާޅައި އޮތުމުން، އާންމުން ދައްކާ އަނެއް ވާހަކަ އަކީ އެއީ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތާއެކު، ހިޔާނާތުގެ ތުހުމަތުވާ ސަރުކާރުގެ އިސްވެރިންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން އޮތް ނަމަވެސް އުސޫލަށް ބަދަލު ގެނެސް، ސާފު ޗެމްޕިއަންޝިޕްގެ ފޯރި ގަދަވި ދުވަސްވަރު މަހްލޫފްގެ ސަސްޕެންޝަން އުވައިލީ އެވެ. އޭރު ސަރުކާރުން ބުނަމުން އައީ އެކި ތުހުމަތުގައި ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ދެން ފިޔަވަޅު އަޅާނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ގޮތެއް ނިންމުމުން ކަމަށެވެ.

ޕީޖީ އޮފީހަށް ފޮނުވާފައިވާ ބައެއް މައްސަލަތައް ނުނިމި ވަރަށް ގިނަ ދުވަސްތައް ހޭދަވާތީ އެގޮތަށް އުސޫލު ބަދަލުކުރީ ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ. ނަމަވެސް ދައުވާ ކޮށްދޭން އެދުނުތާ ހަތަރު މަސް ފަހުން މަހުލޫފުގެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާ އުފުލައި މައްސަލަ ކޯޓަށް ހުށަހެޅުމުން ނުކުތް ނަތީޖާއެއް ނެތެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، މަހުލޫފްގެ މައްސަލައިގައި ގޮތެއް ނިންމަވައިފި އެވެ. އެކަމަކު، މި ފަހަރު ގޮތެއް ނުނިންމި، ފަހަތު ފަޔަށް ބުރަވާތަން ފެންނަނީ ސަރުކާރުންނެވެ. ޖިނާއީ ދައުވާއެއް އުފުލިފައިވާ ވަޒީރަކު ބަހައްޓައިގެން ސަރުކާރު ހިންގާއިރު، އެކަމުގައި ކުރިއަށް ދާނެ ގޮތެއް ނޭނގުމަކީ ހައިރާން ވާން ޖެހޭ ކަމެކެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި މިދިޔަ އޮކްޓޫބަރު ގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މަހުލޫފުގެ މައްސަލައެއް ނެތެވެ. ޕީޖީ ޝަމީމްގެ ފަރާތުން ޒާތީ ކަންތައްތަކެއް ފެނިފައިވާ ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވަން މަހުލޫފު ބޭނުންވެވަޑައިނުގަންނަވަނީ އެވެ. އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް އޮތް ކަމަކަށް މަހުލޫފު ދެކެވަޑައިނުގަންނަވަނީ އެވެ. ނަމަވެސް ސަރުކާރުން ކުރީގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ކޮންމެވެސް ގޮތެއް ނިންމަން ޖެހެ އެވެ. މި މައްސަލަ ދިގުލާފައިވާ ވަރާއި ކަންކަން ވެފައިވާ ގޮތަށް ބަލާއިރު، ގޮތެއް ނުނިމި ހަތަރުވަރަކަށް ދުވަސް ވެސް ނެގުމަކީ ދެވޭ ނުރަނގަޅު މެސެޖެކެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. މަބްރޫކް ވެސް އެ ބަހުގައި ހިފަހައްޓަވަނީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮތެއް ނުނިންމަވައި ހިމޭނުން ހުންނަވާތީ އވެެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް ފަހު މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ މައްސަލައިގައި ޖޫން، 9، 2021 ގަ އެވެ. ހިޔާނާތުގެ ދައުވާ އުފުލައިދޭން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ މަގާމުން އެކަހެރި ކުރި ނަމަވެސް އެކަމުގައި ޕީޖީން ގޮތް ނިންމުން ލަސްވުމުން މަހްލޫފް އަނބުރާ މަސައްކަތަށް ނެރުނީ އެވެ.

ތަފާތު ކުރުން ފެންނަ މައްސަލައެއް

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ލިސްޓުގައި މަހްލޫފުގެ ނަން އޮތްއިރު ،މީގެ ކުރިން ވަޒީރަކާ މެދު ކިރިޔާ ވެސް ތުހުމަތެއް ފެންމަތި ވެއްޖެ ނަމަ ފެނުނީ ސީދާ މަގާމުން ބޭރުކުރުމަށް ސަރުުކާރުގެ ތެރެއިންނާއި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ފިއްތުންތައް ކުރިމަތިކުރި މަންޒަރެވެ. ނޫނީ އެ ވަޒީރަކާ ދިމާކޮށްލައި، ސީދާ މަގާމުން އިސްތިއުފާ ދެއްވަން އެކި ގޮތްގޮތުން މަޖުބޫރު ކުރީ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީދާ އެންގެވީ މަގާމުން އަމިއްލަ އަށް ވަކިވެވަޑައިގަތުމަށެވެ. އެ އެންގެވުމަށް އަލީ ވަހީދު އަމަލު ނުކުރެއްވުމުން އެ ރެއިން އެ ރެއަށް މަގާމުން ވަކި ކުރެއްވީ އެވެ. އެކަމަކު ޖޭޕީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދުގެ މައްސަލައިގެ ތަހުގީގު ފަށައި ދައުވާކުރުމަށް ނުވެސް ފޮނުވަ އެވެ. އެ މައްސަލައިގެ ކޮޅެއް، މެދެއް، އެކައްޗެއް ވެސް ނޭނގެ އެވެ.

ދެން އޮތީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ވާހަކަ އެވެ. ޖޭޕީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އަމީނު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ، ކޮވިޑްގެ ފަރުވާ އަށް ރާއްޖެ ގެންނަން އޯޑަރުކުރި ވެންޓިލޭޓަރުތައް ނުގެނެވި، ލަސްވެ އޭގެ ތެރެއިން އޭނާގެ މައްޗަަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވަނިކޮށެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި ފުރަތަމަ ފެށި މަސައްކަތަށް އެ ޕާޓީގެ ތެރެއިން އެއްބާރުލުން ނުލިބުމުން ދެން ފެނުނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން މެދުވެރި ކުރައްވައި އަމީނާ ދެކޮޅު ހަރަކާތްތަކެއް ފެށި ތަނެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަމީން: ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުމާއެކު، އެމްޑީޕީން ފިއްތުންތައް ކުމަތިކުރީ މަގާމުން ވަކިކުރަން.

އަމީން، މަގާމުން އަމިއްލަ އަށް އިސްތިއުފާ ދެއްވީ އެ ބުރުގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި "ނޮޅައިލާން" ތައްޔާރު ވެފައި ވަނިކޮށް އައި ފިއްތުންތަކުގަ އެވެ.

އަމީނަށް އޭރު ކުރެވުނީ ކޮރަޕްޝަންގެ ތުހުމަތެކެވެ. ދައުވާ އުފުލާ ހިސާބަށް ތަހުގީގީ އިދާރާތަކުން މައްސަލަ ބެލުން ވެސް ކުރިއަކަށް ނުދެ އެވެ. ނަމަވެސް ސަރުކާރުގެ ތެރެއިންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފިއްތުންތަކާއެކު އަމީނަށް މަޖުބޫރުވީ އަވަހަށް އިސްތިއުފާ ދެއްވައި އަމިއްލަ ސަލާމަތް ހޯއްދަވާށެވެ. އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައިގެން މަޖިލީހަށް ހާޒިރުކޮށް، މީހާ "ކަތިލައި، ހަވަރަށް" ދިނުމުގެ ކުރިން އޭނާ އަވަހަށް ދުރަށް ވަޑައިގަތީ އެވެ.

މި ސަރުކާރުގައި ފުރަތަމަ ޖިނާއީ ދައުވާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ވަޒީރަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވެސް މެމްބަރެކެވެ. އެކަމަކު، އޭނާ މަގާމުގައި ދެމިހުންނަވަން އެ ޕާޓީގެ ލީޑަޝިޕާއި މަޖިލިސް މެމްބަރުންނަށް ވެސް ވެސް ހަމަ ވަރިހަމަ އެވެ. އޭނާ މަގާމުގައި ހުންނަވާތީ އެ ކަމާ ކަންބޮޑުވެވަޑައިގަންނަވާ ހަމަ އެއްވެސް އިސް މެމްބަރެއް ވެސް އެ ޕާޓީގައި ނެތް ފަދަ އެވެ. އެންމެން އެ ތިބެނީ ހިމޭނުންނެވެ. މަހުލޫފުގެ މަގާމުގައި އެހެން ބޭފުޅަކު މިއަދު ހުންނެވި ނަމަ ކަންތައް ވާނީ ޔަގީނުން ވެސް އެހެނެއް ނޫނެވެ.

މަހްލޫފާ މެދު ކަންތައް ކުރީ ވެސް ރަނގަޅަކަށް ނޫން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތާ ގުޅިގެން ތަހުގީގީ މަރުހަލާގަ އާއި ދައުވާ އުފުލުމަށް ފޮނުވުމާ މެދު ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު އޭނާ އަށް ވެސް ދެއްކޭނެ ބައިވަރު ވާހަކަ އެބަހުއްޓެވެ. މައްސަލައިގައި ދައުވާ އުފުލުހުން ދިގުލައި ދިއުމާއި ތަހުގީގީ މަރުހަލާގެ މުއްދަތާއެކު، ދެ ފަހަރެއްގެ މަތިން އޭނާ ވަޒީރުކަމުން ސަސްޕެންޑްކުރި އެވެ.

މައްސަލައިގައި ލިޔުންތައް ފުރިހަމަ ނުވެގެންނާއި އެހެން ސަބަބުތަކާ ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދޭތެރޭގައި "ދަންމަދަންމައި" ތިބީ އެވެ. އެހެން އުޅެނިކޮށް ދެން ފެނުނީ ޕީޖީ ޝަމީމްގެ އާދަޔާ ހިލާފު މެސެޖެކެވެ. ދައުވާ ލަސްވެގެން ސުވާލުކުރުމުން ޝަމީމް ވިދާޅުވި ކަމަށް ބުނާ މެސެޖުގައި އޮންނަނީ ފެންނަނީ "ބޭކާރު ގޮތުގައި ފުއްޕީމަ ވާގޮތް" ކަމަށެވެ. މި މެސެޖުތަކުގައި ޕީޖީ ޝަމީމް ވާހަކަ ދެއްކެވީ މަހްލޫފްގެ ޕީއޭ، އަޒްމޫން އަހްމަދާ އެވެ. އެހެންވެ، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް މަހްލޫފް ވިދާޅުވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މަހްލޫފުގެ ނަން ހިމެނުމާ އެކު، އޭނާ ވިދާޅުވަމުން އައީ އެއީ ސިޔާސީ ލިސްޓެއް ކަމަށާއި ދައުވާކުރާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެކަމަކު މަހްލޫފުގެ މައްޗަށް ދައުވާ ކުރުމާ އެކު އޭނާ އާންމުކުރި ޗެޓް ލޮގާ އެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

މަހުލޫފަށް ދައުވާ އުފުލިއިރު، އެ އަށް ވުރެ "ވަރުގަދަ ފަހުލަވާނުން" އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ތިބި ނަމަވެސް އެ އިން މީހެއްގެ ގައިގައި އަތްނުލައި ފެށުނީއްސުރެ މަހްލޫފުގެ ކިބައިން ސަލާމަތް ނުވެގެން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން އުޅޭ މަންޒަރު ފެނުމަކީ ވެސް ބައެއް މީހުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުޅި މައްސަލައާ މެދު ސުވާލު އުފައްދާ ކަމެކެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި މީޑިއާ ބްރީފިންއެއްގައި ޕީޖީ ޝަމީމް ނޫސްވެރިންގެ ސުވާލުތައް އަޑުއައްސަވަނީ: މަހްލޫފު ވިދާޅުވަނީ އޭނާއާ މެދު ޕީޖީ ޒާތީ ވެފައިވާ ކަމަށް.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ މައްސަލާގައި މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވަމުން އޭސީސީން ބުނި ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު މަހުލޫފަށް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ތުހުމަތު ކުރެ އެވެ.

އެ ވޯޓަށް ފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މަހުލޫފު ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އަދީބު އޭނާއަށް ދެއްވާފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ހަގީގީ ތުހުމަތެއް ނަމަ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މިހާރު ހުންނަވާނީ އިސްތިއުފާ ދެއްވައިގެން ކަމަށާއި ނަމަވެސް އެކަން ނުކޮށް އެ މަގާމުގައި އަދިވެސް ދެމިހުންނަނީ އެއީ ސިޔާސީ ގޮތުން ބަޔަކު ޖެހި އެތިފަހަރަކަށް ވާތީ ކަމަށް ވެސް މަހުލޫފް ވިދާޅުވެފައި ވެ އެވެ.

ވަޒީރެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު އުފުލުމަކީ ސީރިއަސް މައްސަލައެއް ނަމަވެސް އަމިއްލައަށް އިސްތިއުފާ ދެއްވުމަށް މަހްލޫފް ދެކޮޅު ހެއްދެވުމުން ވެސް އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅާތީ އެކަމުގެ ފާޑުކިޔުން މިހާރު ވެސް އިދިކޮޅުން އެބަ ކުރަމުންދެ އެވެ. ކޮރަޕްޝަންގެ ތުހުމަތު ބަލައި ދައުވާކުރުމުން ވަޒީރު މަގާމުގައި ހުންނެވުމުން ރައީސް އަށް ކަމެއް ނުތާހިރު ވާނީ ކިހާ ވަރަކަށްތޯ އެބަ ސުވާލުކުރެ އެވެ. އެ މަނިކުފާނު، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ބަޔާން ކުރަނީ ކިހިނެއްތޯ އެބަ އެހަ އެވެ. މި ސުވާލުތަކަށް އަދި ސަރުކާރުން ދެނީ ހަމަ ބީރު ކަންފަތެކެވެ.

22 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 29%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފައިބުވާލި އާދަނުގެ ސިޔާސީ ނޫން ހާސަރު

28 November 2021

މިހާރަކު ސަރުކާރުގެ އެއްވެސް މަޤާމެއްގައި ހުރިމީހަކު ވަކިކުރާކަށް ރައީސަކަށް ނުކެރޭނެ. އެކަން އެންމެނަށްވެސް އެނގޭ. އެހެންވެ އެމީހަކު ހިތުހުރިގޮތަކަށް ކަންކަން ކުރަނީ

The name is already taken The name is available. Register?

ދިވެހިންގެބަސް

28 November 2021

ރައިސް ޔާމިންގެ ވެރިކަން ވައްޓާލަން އެތައް މިލިޔަނެ އަވައްޓެރި ޤައުމަކުން ބެހި.

The name is already taken The name is available. Register?

ތަންފީޒުޔ

28 November 2021

މިސަރުކާރުން ކަންކަން ތަންފީޒުނުކުރެވެނީ ކީއްވެބާ. ޒީރޯ ޓޮލަރެންސް މިހާރު ބޮޑު ޖޯކަކަށް ވެއްޖެ. ކޮރަޕްޝަންގެ މައްސަަލައެއްގައި މައްސަލަ ކޯޓަށް ހުށަހަޅާފަ އޮތް ވަޒީރަކު ކެބިނެޓުގައި ބަހައްޓާގެން 2023 ގައި ވޯޓު ހޯދަން ކީކޭބާ ކިޔާނީ. ޙަމަ ކުރީސަރުކާރު ކުރީސަރުކާރު.

The name is already taken The name is available. Register?

ޑައިޜީ

28 November 2021

މަހުލޫފު އަކީ މިސަރުކާ ގެނައުމުގާ ވަރަށް ބޮޑު ގުރުބާނީއެއްވީ ބޭފޫޅެއް. ތިކަމަކީ މިނިސްޓަރު ކަމާ ހަވާލުވީ ފަހުން ހިގިކަމެއް ވެސްނޫން؟ މަހުލޫފް ދިފައުކުރަނީކީ އެއްނޫން. ކޯޓުން ގޮތެއްނިންމަން ދެކަ، މަހުލޫފަ ޗާސްސެއްދީ ދިފާއުވާން.

The name is already taken The name is available. Register?

ލިލް

28 November 2021

ސަރުކާރަށް ބިރު ދެއްކި ވަޒީރަކު މަގާމުން ދުރުކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނީ. އެހެން ނޫނަސް ސޯލިހް ސްޕީޑްގަ އެކަމާމެދު ފިޔަވަޅެއް އެޅުނަސް އެޅޭނީ. އެހެންވީމަ އަދި ކަމެއް ފެންނަން މާ އަވަހެއްނު.

The name is already taken The name is available. Register?

ގަދަހަސަނު

28 November 2021

އިބޫއުޅޭގޮތުން މަ ހޭނެތިދާނެއެވެ. އެއީ ވެލޯބިން ދިވާނާވެގެން ނޫނެވެ.

The name is already taken The name is available. Register?

ސަސި

28 November 2021

މިއަދު ހަމް އެންމެ ކިޔާލަން ބޭނުންވާ ހަބަރަކީ މިނިސްޓަރ މަހްލޫފު މަގާމުން ވަކިިކުރަން ރައީސް ނިންމެވި ވާހަކަ. އެއީ ނަނާ ހުވަފެނެއް ނޫނީ ޒީރޯ ޓޮލަރެންސް

The name is already taken The name is available. Register?

ދިއްދޫމީހާ

28 November 2021

މިފަހަރުވެސް ކީރިތި ކުރައްވާނެ ކަމަށް މިބަލަނީ..

The name is already taken The name is available. Register?

ހަސަނު

28 November 2021

މިހާރު ދެދުވަސް މިވަނީ މަހުލޫފު ކަނޑާލި ކަން ހާމަކުރާ ރައީސް އޮފީހުގެ ބަޔާނަކަށް އިންތިޒާރު ކުރާތާ... ޖިނާއީ އާދައިގެ ކުށެއްގެ ތުހުމަތުގެ ވާހަކަ އެއްނޫން، ސީދާ ރިޝްވަތުނެގި ކަމަށް ބެލެވޭ ވާހަކަ މި ދައްކަނީ.. އެއީ އާދައިގެ ކަމެއްނޫން..

The name is already taken The name is available. Register?

ބޮޑުމީހާ

28 November 2021

މި ރާއްޖޭގެ ސިޔާސީ މީހެއް ވެއްޖެއްޔާ 3 ޝަރުތެއް ފުރިހަމަވާނެޖެހޭ. އެއީ ދޮގުހެދުމާއި އޮޅުވާލުމާއި މަކަރާއި ހީލަތްހެދުން. ޒިރޯ ޓޯލަރެންސޭ، ސިކުނޑިތަރައްގީއޭ، 20000 ފްލެޓޭ، ލޯނު ނުނަގާނަމޭ، މަތިބަރު ސަރުކާރެއް ނޯންނާނެއޭ، ޖޭއެސްސީ މިނިވަންކުރާނަމޭ ކިޔާ އިބޫ އަދި އެމްޑީޕީން ރައްޔިތުން ވާވައްދައިފި. ދެރައީ އަދިވެސް ވިސްނާނެ ރައްޔިތުން ނެތްކަން

The name is already taken The name is available. Register?

ނޫނު

28 November 2021

ބަލަ! ކުރީ ސަރުކާރުގައި ވި އަނިޔާއާއި ކުރި ވައްކަމާއި ރައްޔިތުން ތިބި ބިރުވެރި ހާލަތާއި މަގުމަތީގައި މަރާލި މީހުންގެ މަތިން ހަނދާން ނުނެތޭނެ. މީޑިޔާއަކަށް ޗުއްޕު ވެސް ނުބުނެވޭ، ދެމީހަކަށް މަގުމައްޗަކަށް ނުނިކުމެވޭ، 5 އަހަރު ދެފަހަރު އޮބިނޯވެގެން ގާނޫ އަސާސި ހުއްޓުވައި ކާފިޔު ހިންގި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454