މ. މުލީގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ބަދިގެއެއްގައި ރޯވެ އަނދަނީ. ފޮޓޯ:މުލި ކައުންސިލް
28 ނޮވެމްބަރ 2021 - 23:10
މ. މުލީގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި، ބަދިގެއެއް އަނދައި، ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ އެވެ.
މުލީ ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒު "މިހާރު" އަށް ވިދާޅުވީ މިރޭ 7:00 ހާއިރު އެރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވީ އެރަށު މާފަހި ގޭގައި، މަސްކައްކަން، ބޭނުންކުރާ ތަނެއް ކަމަށެވެ. އެކަމަކު އެތަނުގައި ރޯވި އަލިފާންގަނޑުގެ ވަރުގަދަ ކަމުން، އެގޭގެ ބައެއް ފާރުތަކާއި ޖެހިގެން ހުރި ގޭގެ ފާރެއް ވެސް ތަޅައިލަން ޖެހޭ ވަރަށް ގެއްލުން ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހާދިސާގައި މީހަކަށް ކަމެއް ނުވެ އެވެ.
މ. މުލީގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ބަދިގެއެއްގައި ރޯވެ އަނދާފައި. ފޮޓޯ:މުލި ކައުންސިލް
"އެ ގޭގެ މަގުފާރާއި ޖެހިގެން ހުރިގޭގެ ފާރަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި،" އޭނާ ވިދާޅުވި އެވެ.
ޝަމްއޫން ވިދާޅުވި ގޮތުގައި ބަދިގޭގައި ރޯވީ މަސްކައްކަން ދަރު އުނދުނަކަށް އުދާފައި، ކައްކަން އުޅު މީހުން ނަމާދަށް ދިޔަ ވަގުތު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
29 November 2021
ހާދަ ހިތާމަވެރި ހާދިސާއެކޭ. މީހަކުނެތި އަލިފާން ރޯކޮށްފަ ދިއުމަކީ ނުރައްކާ ކަމެއް.
ޢަރުތަ
29 November 2021
ތިހެންވެގެންތާ ބުނަނީ "ބަތްތަވާ އުނދުނުގެ ތިންފަޔާ ހަވާލުކޮށްފަ ނުދާން" ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.